twitterviber whatsapp telegramfacebookyoutube instagram
25th April 2024

ފެންސު ކައިރިން ބޮޑު މަގެއް، ބަންޑުވޯލް ޖަހައި ކުޅި ހިމާޔާތްކުރެވޭނެ

- މި މަގަކީ އީއައިއޭ ރިޕޯޓްގައި ފާހަގަކޮށްފައިވާ މަގެއް
- މިމަގުގެ މަސައްކަތް ކުރާއިރު ބަންޑުވޯލް ޖަހާ ކުޅި ހިމާޔާތްކުރެވޭނެ
- މިއީ 50 ފޫޓްގެ މަގެއް. މިމަގުން އެއާޕޯޓަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ

އަބްދުލް ވާހިދު ޙަސަން
Dec 16, 2021
3

ކުޅުދުއްފުށީގައި ތަރައްގީކުރި އެއާޕޯޓް ހިއްކުމަށް ނެގި ވެލި ކުޅިތެރެއަށް ފައިބައިގެން ދިޔުން ހުއްޓުވުމުގެ ގޮތުން އެތަނުގައި މަގެއް ހަދައި ކުޅި ހިމާޔާތްކުރުމަށް ބަންޑުވޯލް ޖެހުމަށް ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އެއާޕޯޓް ހެދިއިރުވެސް އެތަނުގައި މަގެއް ހަދައި ވެލިތައް ކުޅިއަށް ނުފައިބައިނޭހެން ބަންޑުވޯލު ޖެހުމަށް އެންވަރަޔަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެހެންނަމަވެސް އެކަން ކޮށްފައިނުވާތީ ކުޅި ތެރެއަށް ގިނަ އަދަދެއްގެ ވެލި އެޅި ވަނީ ފެތުރިފަ އެވެ.

ބުދަދުވަހު ސިޓީ ކައުންސިލްގައި ބޭއްވި ބައްދަލުވުމުގައި އެއާޕޯޓް ފެންސު ކައިރިން 50 ފޫޓްގެ ފުޅާ މަގެއް ހަދައި ކުޅިއަށް ވެލިތައް ނުފައިބާނެހެން ބަންޑުވޯލް ޖަހައި ހިމާޔާތްކުރުމަށް ތާއިދުކުރައްވާ މެމްބަރުން ވާހަކަދެއްކެވި އެވެ. އަދި އެގޮތަށް ހެދުމަށް ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްވެފަ އެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، އެހެންވުމުން މިވަގުތު ހުރި ވަސީލަތްތައް ބޭނުންކޮށްގެން ކުޅީގެ ބާކީ ބައި ހިމާޔަތްކުރުމަކީ މުހިންމުކަމެއް ކަމަށާއި އަދި މިވަގުތު ބަންޑުވޯލް ޖެހުމަށް ހަމަޖެހިފައިވަނީ ބަނދަރު ކޮނުނުއިރު ނެގި ބޮޑެތި ގާތަށް ބޭނުންކޮށްގެން ކަމަށެވެ.

އަދި އެމަގު ގުޅުވާލާނީ އެއާޕޯޓްގެ ޓާމިނަލަށް ދަތުރުކުރެވޭނެ ގޮތަށް ކަމަށްވެސް މޭޔަރު ވިދާޅުވި އެވެ. އެހެންކަމުން އަމީނީމަގުން ވަދެގެން ފަސޭހަކަމާއެކު އެއާޕޯޓަށް ދަތުރުކުރެވޭނެ އެވެ.

އެއާޕޯޓް ތަރައްގީކުރިއިރު އީއައިއޭ ރިޕޯޓްގައި ފާހަގަކޮށްފައި ހުރި ގިނަ ކަންތައްތައް ނުކޮށް ދޫކޮށްލާފައިވާކަން ފާހަގަކުރައްވަމުން ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ވިދާޅުވީ، ބަންޑުވޯލްގެ ސަބަބުން ކުޅިތެރެއަށް ވެލިގަނޑު ފައިބައިގެން ދިޔުން ހުއްޓޭނެ ކަމަށެވެ. އަދި މަގާއެކު އެ ސަރަހައްދުގެ ފެންހިންދާ ނިޒާމުވެސް ރަނގަޅު ގޮތަކަށް ބަންޓަންކުރެވިގެންދާނެ ކަމަށެވެ.

އެގޮތުން އޭނާ ވިދާޅުވީ އެ ސަރަހައްދުގެ ފެންހިންދާ ނިޒާމު ކުޅިއަށް ގުޅާލެވި އަދި އެ ސަރަހައްދުގައި ކުރަން ހުރި އިތުރު މަސައްކަތްތަކަށްވެސް ފަސޭހަވެގެންދާނެ ކަމަށެވެ.

މި މައްސަލާގައި ވާހަކަދައްކަވަމުން މެމްބަރު ރިލްވާން މުހައްމަދު ވިދާޅުވީ، މަގު ހެދުމުގެ މަސައްކަތުގައި އެމްޓީސީސީއާއެކު ވާހަކަދެކެވިފައިވާ ކަމަށާއި އަންނަ ހަފުތާތެރޭގައި މަގު ހެދުމުގެ މަސައްކަތް ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

ޕަބުލިކް ޓްރާންސްޕޯޓްގެ ހިދުމަތް ފެށުމުގެ ވިސްނުން ކައުންސިލުން ގެންގުޅޭއިރު އެ ހިދުމަތަށް ފުޅާ މަގުތަކެއް ބޭނުންވާނެކަން ފާހަގަކުރައްވާ ވާހަކަދައްކަވަމުން މެމްބަރު އަހުމަދު އަބުދުﷲ (ރޯޒޭ) ވިދާޅުވީ 50 ފޫޓްގެ މަގެއް ހެދިގެން ދިޔުމުން ޕަބުލިކް ޓްރާންސްޕޯޓްގެ ހިދުމަތްވެސް ފެށުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ބަންޑުވޯލު ނުޖަހާ ދޫކޮށްލުމުގެ ސަބަބުން މިހާރުވެސް ކުޅި ތެރެއަށް ގިނަ އަދަދަކަށް ވެލި އެޅި ވަނީ ފެތުރިގެންގޮސްފަ އެވެ. އަދި ބަންޑުވޯލް ނުޖަހަ ދިގު ދެމިގެން ގޮސްފިކަމަށްވާނަމަ ކުޅީގެ ބޮޑު ބަޔަކަށް ވެލިތައް ފެތުރިގެންދާނެކަމުގެ ކަންބޮޑުވުން މެމްބަރުން ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355