twitterviber whatsapp telegramfacebookyoutube instagram
21st November 2024

ރަށުގެ ފަހުރުކަމުގައިވާ ރޯނުވެށުން އުވޭކަށް ބޭނުމެއް ނޫން، އެ މަސައްކަތަށް ވަކި ސަރަހައްދެއް ހާއްސަ ކުރާނަން: މޭޔަރު

ނަބީލާ އިސްމާޢީލް
Nov 14, 2021
2

ރަށުގެ ފަހުރުކަމުގައިވާ ރޯނުވެށުމުގެ މަސައްކަތް އުވިގެން ދިޔަނުދޭނެ ކަމަށާއި އެ މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ވަކި ސަރަހައްދެއް ހާއްސަ ކުރާނެކަމުގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

މޭޔަރު މިހެން ވިދާޅުވީ ކުޅުދުއްފުށީގައި ރޯނުވެށުމުގެ މަސައްކަތް ކުރާ މީހުން ބޮނބި ފާ ކުރުމަށް ހަދާފައިވާ އޮޅުތަކާއި ޗަސްބިންފަދަ ތަންތަން ހުސްކޮށް ސާފުކުރަން ކައުންސިލުން އަންގާފައިވާތީ ކޭއޯއިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ކައުންސިލުން އަންގާފައިވަނީ އަމީރު އަމީން ސްކޫލްގެ އުތުރުން މަގާންމަގާއި ދޭތެރޭގައިވާ ބޮނބިފާ/އޮޅުފަދަ ތަންތަނާއި، ހިރަފުސް ދަނޑު އިރުމަތި އަދި އުތުރުގައި ހުރި ބޮނބިފާ/އޮޅުފަދަ ތަންތަން އަދި ކުޅީގެ ދެކުނުން ހުރި ގޯތިތަކުގެ އިމުން ފެށިގެން 50 ފޫޓްގެ ސަރަހައްދުގައި ހުރި ބޮނބިފާ/އޮޅުފަދަ ތަންތަން ހުސްކުރާށެވެ.

އަދި މިމަހު 10 ވަނަ ދުވަހު ކައުންސިލުން އެންގި އެންގުމުގައިވާގޮތުން 21 ދުވަހުގެ ތެރޭގައި އެ ސަރަހައްދުތަކުގައި ހުރި އަމިއްލަ ފަރާތްތަކުގެ ތަކެތި ނެގުމަށް އެދިފަވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި މި ތަކެތި ނުނަގައިފިނަމަ އެއީ ވެރިޔަކު ނެތް ތަކެތިކަމަށް ބަލާ ނައްތާލެވޭނެކަމަށްވެސް ބުނެފައިވެ އެވެ. އެހެންވުމުން އެ މަސައްކަތް އުވި، އެތަކެއް އަންހެނުން އާމްދަނީ ހޯދުމަށް ކުރަމުން އައި މަސައްކަތް ހުއްޓިދާނެކަމުގެ ބިރުހީވެ ކަންބޮޑުވުންދަނީ ފާޅުކުރަމުންނެވެ.

މޭޔަރު ވިދާޅުވީ އަމީރު އަމީން ސްކޫލްގެ އުތުރުން މަގާންމަގާއި ދޭތެރޭގައިވާ ބޮނބިފާ/އޮޅުފަދަ ތަންތަން ހުރި ސަރަހައްދުގައި ކައުންސިލުން ޓިވެޓް ސެންޓަރަކާއި އިތުރު ޕާކެއް ތަރައްގީކުރަން ބޭނުންވާތީ ކަމަށެވެ.

މީގެ އިތުރުން ހިރަފުސް ދަނޑު އިރުމަތި އަދި އުތުރުގައި ހުރި ބޮނބިފާ/އޮޅު ސާފުކުރުމަށް އަންގާފައިވަނީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އެ ގޯތިތަކާއި މާ ކައިރީގައި ޗަސްބިންތައް އޮތުމުގެ ސަބަބުން އުނދަގުވާކަމުގެ ޝަކުވާ ލިބޭތީ ކަމަށެވެ.

"އެ ސަރަހައްދު (ހިރަފުސް ދަނޑު ސަރަހައްދު)ގައި ދިރި އުޅޭ މީހުންގެ ވަރަށް ބޮޑު ޝަކުވާއެއް އެ ސަރަހައްދުގެ ފެން ފާ ވުމާއި މަދިރި ގިނަވުމާއި އެ ސަރަހައްދުން ފާ ވަސްދޮވުންފަދަ މައްސަލަ ތަކަކީ" މޭޔަރު ވިދާޅުވި އެވެ.

އަދި ކުޅީގެ ދެކުނުން ހުރި ގޯތިތަކުގެ އިމުން ފެށިގެން 50 ފޫޓްގެ ސަރަހައްދުގައި ހުރި ބޮނބިފާ/އޮޅުފަދަ ތަންތަން ހުސްކުރަން އަންގާފައިވަނީ އެތަނުގައި ތިމާވެއްޓާ ރައްޓެހި ނޯ ވެހިކަލް މަގެއް ހެދުމަށެވެ. މޭޔަރު ފާހަގަކުރެއްވީ އެތަނުގައި އޮންނަ ޗަކަބިމުގެ ފެންގަނޑުގެ ސަބަބުން އެސަރަހައްދުގެ ބައެއް ގޭގެތަކަށް ވިއްސާރަ މޫސުމުގައި ހާއްސަކޮށް ގޭގެ ފާރާއި ހަމައަށް ފެންގަނޑު ހެދިފައި ހުންނަ ކަމަށެވެ. އަދި ރައްޔިތުންނަށް މިކަމުގެ ސަބަބުން ދަތިތަކެއް ކުރިމަތިވާކަމަށް މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ބޮނބި އޮޅުތަކާއި ބޮނބިފާތަކަކީ ކޮންބަޔެއްގެ އޮޅުތަކެއްކަމެއް އަދި ކޮން ގެއަކަށް ނިސްބަތްވާ އޮޅުތަކެއްކަން ފާހަގަވެފައިނެތުމުން ސީދާ އެތަކެތީގެ ވެރިންނާއި ބައްދަލުކޮށް އެކަމާއި ވާހަކަ ދެއްކިފައިނެތް ކަމަށެވެ. 3 ހަފްތާގެ މުއްދަތެއްގެ ތެރޭގައި އެތަކެތި ހުސްކުރުމަށް އެންގި ނަމަވެސް އެކަމާމެދު ޝަކުވާއެއް ނުވަތަ ދަތިކަމެއް ހުރެގެން އެކަމުގެ ޝަކުވާއެއް ލިބިއްޖެނަމަ އެތަކެތި ހުސްކުރުމުގެ ވަގުތު އެބަޔަކަށް ދޭނެކަމަށެވެ.

ވަރަށް ގިނަ އޮޅުތައް މިހާރުވެސް އެއްވެސް ގޮތަކަށް ބޭނުންނުކޮށް މަދިރިފަނި އާލާވުމަށް ދޫކޮށްލެވިފައިވާކަން ވެސް މޭޔަރު ފާހަގަ ކުރެއްވި އެވެ. އަދި އެހެން ކަމުން މި ގޮތަށް އިއުލާނު ކުރުމުގެ އެއް ބޭނުމަކީ އޮޅުތައް ނިސްބަތްވާ ފަރާތްފާހަގަ ކުރުން ކަމަށެވެ. އެގޮތުން އެ އެއްޗެހި ރީލޮކޭޓް ކުރަން ބޭނުންވާ ފަރާތެއް ހުރިނަމަ އެ ފުރުސަތުވެސް ދޭނެ ކަމަށެވެ.

އޮޅުތައް ނެގުމަށް ކުރުމުއްދަތެއް ދިނުމުގެ ބޭނުމަކީ އެ ފަރާތްތައް އައިޑެންޓިފައިކުރުން ކަމަށާއި މުއްދަތު ކުރު ނަމަވެސް އެކަން ކުރެވޭނެ ގޮތް މަގުފަހިކޮށްދޭނެ ކަމަށެވެ. އެ ގޮތުން ދީފައިވާ މުއްދަތުގައި އެ މަސައްކަތް ނުކުރެވޭ ނުވަތަ ކުރަން ދަތި ބަޔަކު ހުރި ނަމަ ކައުންސިލާ ކޮންޓުރެކްޓް ކުރުމަށް މޭޔަރު ވަނީ އެދިފަ އެވެ.

ކައުންސިލްގެ ވިސްނުމަކީ އޮޅުތައް ނިސްބަތްވާ ފަރާތްތައް ފާހަގަވުމުން އެފަރާތްތަކާއި ބައްދަލުކޮށްލުން ކަމަށާއި މިހާރު އެފަރާތްތައް އެއްވެސްވަރަކަށް ނޭނގޭނެ ކަމަށެވެ.

"އެ މަސައްކަތަކީ އެއްވެސް ވަރަކަށް ރަޖިސްޓާވެގެން ކުރެވޭ މަސައްކަތެއް ނޫން، ކައުންސިލްގަވެސް ނެތް އެއްވެސްވަރަކަށް އެ މައުލޫމާތެއް." މޭޔަރު ވިދާޅުވި އެވެ.

ކުޅުދުއްފުއްޓަކީ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީވަމުން އަންނަ ސިޓީއަކަށް ވުމުން ގިނަ ސަރަހައްދު ތަކަކަށް ބޮނބި އެޅުމުގެ ބަދަލުގައި ވަކި ހާއްސަ ސަރަހައްދެއް އެ މަސައްކަތަށް ހާއްސަ ކުރާނެ ކަމުގައި މޭޔަރު ވިދާޅުވި އެވެ. މޭޔަރު ވިދާޅުވީ އިގުތިސާދީ ވަރަށް މުހިންމު އަދި އާންމު ރައްޔިތުންނަށް ފައިދާވާ މަސައްކަތެއް ކަމުގައިވާ ރޯނުވެށުމުގެ މަސައްކަތްކަމުން އެ މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެކަން ކުރެވޭނެ ފުރުޝަތުވެސް އޮންނަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމުގަ އެވެ.

މޭޔަރު ވިދާޅުވީ އޮޅު ހުސްކުރުމުގައި އެއްވެސް ކަންބޮޑުވުމެއް ހުރި ފަރާތެއް ނަމަ ކައުންސިލާ ކޮންޓެކްޓް ކޮށްގެން އެވާހަކަތައް ހިއްސާ ކުރެއްވުމަކީ ވަރަށް ބޮޑަށް އެދޭކަމެއް ކަމަށެވެ. އެގޮތުން ރަސްމީ ގަޑީގައި ކައުންސިލަށް ގުޅައިގެން ނުވަތަ ކައުންސިލް އިދާރާއަށް އައިސް ބައްދަލުކޮށްގެން ވިޔަސް މައްސަލައެއް ނެތްކަމުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355