މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮވިޑް-19ގެ އާލަމީ ބަލިމަޑުކަމަކީ ދިވެހިރާއްޖޭގައި އުޅޭ މީސްކޮޅު މާ ކަންބޮޑުވެގެން އެޔާދޭތެރޭގައި ވިސްނާ ކަމެއްހެނެ އެ މީހުންގެ އަމަލުތަކުން އެއްގޮތަކަށްވެސް ހިޔެއްނުވެ އެވެ. ވާނީވެސް އެހެންތާއެވެ. ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ލުއިދޭން ހިތައް އެރީމަ އެޔެއް މިޔެއް ނުބަލާ ލުއިދެވޭ ވިއްޔާ އެވެ.
ކައުންސިލް އިންތިހާބުގެ ދުވަސްވަރުވެސް އެޔެއް މިޔެއް ނުބަލާ ހަމަ ކުއްލިޔަކަށް ލުއިދީ އަތޮޅުތެރެއަށް ބަލި ފެތުރޭފަދަ ގޮތަކަށް ވަނީ ކަންތަށް ކޮށްފަ އެވެ. ދެން ކިތަންމެވަރަކަށް އުސޫލުތަކަށް ބޯލަނބާށޭ ބުނި ނަމަވެސް އެ ބަލިމަޑުކަން ފެތުރެން ފަށާފައިވާ އަތޮޅަކުން ގިނަ ރަށްތަކެއް ބަންދުކޮށް ރައްޔިތުން އުޅެންޖެހެނީ ނުހަނު ހާލުގަ އެވެ.
ހަމަ އެހެންމެ އާއަހަރު ފެށުން އިރުއާއި އަހަރީ ޗުއްޓީ ނުވަތަ ބޮޑުއީދުގެ ދުވަސްވަރުވެސް ކުއްލިއަކަށް ބޮޑެތި ލުއިތަކެއްދީ މާލެއިން މީހުންތައް އަތޮޅުތެރެ ފުރުވާލުމަށްފަހު އަތޮޅުތެރެ "ގޮއްވާލީ" އެވެ. ދެން މި ބުނަނީ މިހާރު ގިނަ ޕޮޒިޓިވް ކޭސް ފެންނަނީ މާލެއަކުންނޫނޭ އަތޮޅުތެރެއިންނޭ! އެވެ. ކިހާ ހެއްވާ ނޫންތޯ އެވެ.
މާލެ ބަންދުވެފައިވާ މީހުންވެސް އުފަން ރަށާއި އަތޮޅުތެރެއަށް ގޮސް ބޯހަމަޖައްސާލަން ބޭނުންވާނެ އެވެ. ނަމަވެސް ދިމާވެގެން މި އުޅެނީ އާދައިގެ ބަލިމަޑުކަމެއް ނޫންކަން އެންމެ ރަނގަޅަށް އެނގޭނީ އެ ލުއިތައް އެ ދޭ މީހުންނަށް ކަމާމެދު ޝައްކެއްވެސް ނެތެވެ. އެހެން ކަމުން މީގެ ކުރިންވެސް އަމަލު ކުރިފަދައިން ރައްކާތެރިކަމާއެކު ނޫނީ އެފަދަ ދަތުރުތައް ކުރުމުގެ ލުއި ދެވުނު ނަމަ އަތޮޅުތެރެއަކުން މިހާވަރު ނުވީސްކަން ޔަގީނެވެ.
ކޮވިޑް ބަލިމަޑުކަން ކޮންޓްރޯލުވަމުން އަންނަހެން ހަމަ ހީވާއިރަށް ކޮންމެ ފަހަރަކު ދައުލަތުގެ އިހުމާލުން މިކަން ކޮންޓްރޯލުވިޔަކަ ނުދެއެވެ. ނަމަވެސް މިކަމުގެ ތަކުލީފު އުފުލަން ކޮންމެ ފަހަރަކުވެސް މިޖެހެނީ ނިކަމެތި ރައްޔިތުންނެވެ.
ލުއިތައްދިނީމަ ދިވެހިންނަކީ އެއްގޮތަކަވެސް ބަސްއަހާބައެއް ނޫނެވެ. ލިބޭ ލުއިތަކުގެ ބޭނުން ނަހަމަ ގޮތުގައިވެސް ބޭނުންކޮށްލަން ބޭނުންވާބައެކެވެ. އެކަން ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ޖޫރިމަނާތަކުންވެސް އެނގޭނެ އެވެ. ކަން މިހެން ހުންނައިރު ދައުލަތުގެ އިދާރާތަކުން ބަލި ކޮންޓްރޯލުކުރުމަށް މިއަށްވުރެ ޒިންމާދާރުވާން ޖެހޭނެ އެވެ.