ށ ފޯކައިދޫގެ ކޮވިޑް-19 ގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް އެރަށު ހެލްތު ސެންޓަރުން ހާމަކޮށްފި އެވެ. ހެލްތް ސެންޓަރުގެ މެނޭޖަރު އަންވަރު ކޭއޯއަށް ވިދާޅުވީ އެރަށުން 155 ގެޔެއް މޮނިޓަރިންއަށްލީއިރު މިހާރު މޮނިޓަރިންގައި އޮތީ 40 ގެއެއް ކަމަށެވެ. އެގޮތުން 115 ގެޔެއް މިހާރު ވަނީ ކަރަންޓީނުން ނަގާފަ އެވެ.
އެރަށުން ޖުމްލަ 155 މީހަކު ޕޮޒިޓިވްވީއިރު އެރަށުން އެންމެ ފަހުން ޕޮޒިޓިވް ކޭހެއް ފެނުނީ މިދިޔަ މަހު 30 ގައި ކަމަށާއި އެދުވަހު އެރަށުން 5 މީހަކު ޕޮޒިޓިވްވިކަމަށް އަންވަރު ވިދާޅުވި އެވެ. އެރަށުން 37 މީހަކު މިހާރު ބަލިން ރަނގަޅުވެފައިވާއިރު އެކްޓިވް ކޭސްގެ ގޮތުގައި މިވަގުތު އެރަށުގައި އޮތީ 118 ކޭސް އެވެ.
އަންވަރު ވިދާޅުވީ ދުވާލެއްގެ މައްޗަށް 10 ވަރަކަށް މީހުން ޕޮޒިޓިވްވަމުން އައި ނަމަވެސް އެ އަދަދު 1 ނުވަތަ 2 އަކަށް މިހާރު މަދުވެފައިވާ ކަމަށެވެ. ރަށުގެ ހާލަތު ރަނގަޅުކަން ފާހަގަކުރައްވަމުން އަންވަރު ވިދާޅުވީ ކޮންޓެކްޓުންގެ ގޮތުގައި ހައި ރިސްކު މީހުން އެބަތިބި ކަމަށާއި ނަމަވެސް ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އެރަށުން ބަލި ޖެހުނު ދެމީހަކު ވަނީ ށ ފުނަދޫ ކޮވިޑް ފެސިލިޓީއަށް ގެންގޮސްފަ އެވެ.
އަންވަރު ވަނީ މާލީ ގޮތުންނާއި އެހެން ގޮތްގޮތުންވެސް އެތައް ގެއްލުންތަކެއް ރައްޔިތުންނަށް ކުރިމަތިވަމުންދާ މި ދަނޑިވަޅުގައި ރައްޔިތުން ދައްކާ ހިތްވަރާ ކެތްތެރިކަން ފާހަގަކޮށް، ރައްޔިތުން ވަމުންދާ ޤުރުބާނީއަށް ޝުކުރު އަދާކޮށްފަ އެވެ. އަދި އެންގުންތަކާ އެއްގޮތަށް އަމަލުކުރެވޭނަމަ ކުރިއަށް ދިހަބާރަ ވަރަކަށް ދުވަސްތެރޭ ރައްޔިތުންނަށް ގިނަ ލުއިތަކެއް ދެވިގެންދާނެ ކަމަށް ވެސް އަންވަރު ވިދާޅުވި އެވެ.
އަދިވެސް އެރަށުގައި ކައުންސިލުގެ ހުއްދައާއި ނުލައި ޒަރޫރީ ބޭނުމެއް ނޫން އެހެން ކަމެއްގައި ބޭރަށް ނުކުތުމާއި އެއްގެއިން އަނެއް ގެއަށް ދިއުން އޮތީ މަނާކޮށްފައެވެ.