ކުޅުދުއްފުށީ ސިޓީގައި ހަލުވިކަމާއިއެކު ކޮވިޑް-19 ބަލިމަޑުކަން ފެތުރެމުން އަންނާތީ އެ ސިޓީގައި ކޮވިޑާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ.
ކުޅުދުއްފުށީގައި ކޮވިޑް ކޭތައް ގިނަވަމުން އަންނަ މިދަނޑިވަޅުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި ކަމާއިގުޅުންހުރި އިދާރާތަކުން އަންގާ އެންގުންތަކަށް ފުރިހަމައަށް ބޯލެނބުމަށް ކުޅުދުއްފުށީ ކޮވިޑް ޓާސްކްފޯސްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެގޮތުން ބޭރަށް ނިކުންނަން ޖެހިއްޖެނަމަ މާސްކް ބޭނުންކުރުން، ޓެކްސީ ޑްރައިވަރުންނާއި ފިހާރަތަކުގައި މަސައްކަތް ކުރާ ފަރާތްތަކުންވެސް މާސްކް ބޭނުންކުރަން ވަނީ އަންގާފަ އެވެ.
އާންމު އެންމެހާ ތަންތަނާއި ޕާކުތަކާއި މައިޒާންތައް ބަންދުކޮށްފައިވާ މި ދަނޑިވަޅުގައި އެ ތަންތަނަށް ނުދިއުމާއި މޫދު ސަރަހައްދަށާއި މޫދަށްވެސް ގުރޫޕު ހަދާފައި ނުދިއުމަށް ވަނީ އެދިފަ އެވެ.
މަގުމަތީގައި ގުރޫޕު ހަދާފައި ނޫޅުމަށާއި ކޮންމެހެން ނިކުންނަން ޖެހިގެން ނޫނީ މަގުމައްޗަށް ނުނިކުތުމުގެ އިތުރުން ޒަރޫރީ ހާލަތެއްގައި ނޫނީ އެއްގެއިން އަނެއް ގެއަށް ނުދިމުނަށް އަދި ކަރަންޓީނުގައި ތިބި ފަރާތްތަށް ކަރަންޓީނު އުސޫލަށް އަމަލުކުރަން ވަނީ ޓާސްކްފޯސްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ބަލި ފެތުރި އާންމު ހާލަތު މިއަށްވުރެ ގޯސްވެއްޖެނަމަ ރައްޔިތުންނަށް ވެދާނެ ދަތިތަކުން ސަލާމްވުމަށް ކަމާއި ގުޅުންހުރި އިދާރާތަކުން ދޭ އިރުޝާދުތަކާއި އަންގާ އެންގުންތަކަށް އަމަލުކުރުމަށް ވަނީ އެދިފަ އެވެ. އަދި އެ ސިޓީ އާންމު ހާލަތަށް ގެނައުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަށްވެސް ޓާސްކްފޯސްއިން ވަނީ ބުނެފަ އެވެ.
ކުޅުދުއްފުށިން މިމަހު 24 ވަނަ ދުވަހު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ފުލޫ އޯޕީޑީއަށް ދެއްކި 13 އަހަރުގެ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.
ކުޅުދުއްފުށީގައި މި ވަގުތު ކޮވިޑް-19 އެކްޓިވް ކޭސްތަކުގެ އަދަދު 51 އަރައިފި އެވެ. މިހާރުވެސް ކޭސްތަކާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރަމުންނެވެ.