twitterviber whatsapp telegramfacebookyoutube instagram
4th May 2024

ކުޅުދުއްފުށިން މިއަދުވެސް ޕޮޒިޓިވް ތިން ކޭސް ފެނިއްޖެ

މުޙައްމަދު އަހުމަދު
Aug 2, 2021

ކުޅުދުއްފުށި ސިޓީން އިތުރު ތިން މީހަކު ޕޮޒިޓިވްވެ ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު 54 އަށް އަރައިފި އެވެ. މިއަދު ޕޮޒިޓިވް ތިން މީހުންނަކީ ވެސް ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޕޮޒިޓިވްވި ތިން މީހުންނެވެ.

ކުޅުދުއްފުށިން މިމަހު 24 ވަނަ ދުވަހު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ފުލޫ އޯޕީޑީއަށް ދެއްކި 13 އަހަރުގެ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް އަންނަނީ އެރަށުން ޕޮޒިޓިވް ކޭސްތައް ފެންނަމުންނެވެ.

އާދިއްތަ ދުވަހު އެކަނިވެސް އެރަށުން 9 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މިހާރު އެކްޓިވް ކޭސްތަކުގެ އަދަދު 54 އަށް އަރާފައިވާއިރު ގިނަ އަދަދެއްގެ ރޭންޑަމް ސާމްޕަލް ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ.

ކުޅުދުއްފުށިން ގިނަ އަދަދެއްގެ ޕޮޒިޓިވް ކޭސްތައް ފެންނަމުންދާތީ ޓާސްކު ފޯހުން މިހާރުވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފަ އެވެ. އެގޮތުން ބޭރަށް ނިކުންނަން ޖެހިއްޖެނަމަ މާސްކް ބޭނުންކުރުން، ޓެކްސީ ޑްރައިވަރުންނާއި ފިހާރަތަކުގައި މަސައްކަތް ކުރާ ފަރާތްތަކުންވެސް މާސްކް ބޭނުންކުރަން ވަނީ އަންގާފަ އެވެ.

އާންމު އެންމެހާ ތަންތަނާއި ޕާރކުތަކާއި މައިޒާންތައް ބަންދުކޮށްފައިވާ މި ދަނޑިވަޅުގައި އެ ތަންތަނަށް ނުދިއުމާއި މޫދު ސަރަހައްދަށާއި މޫދަށްވެސް ގުރޫޕު ހަދާފައި ނުދިއުމަށް ވަނީ އެދިފަ އެވެ.

މަގުމަތީގައި ގުރޫޕު ހަދާފައި ނޫޅުމަށާއި ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ މަގުމައްޗަށް ނުނިކުތުމުގެ އިތުރުން ޒަރޫރީ ހާލަތެއްގައި ނޫނީ އެއްގެއިން އަނެއް ގެއަށް ނުދިއުމަށް އަދި ކަރަންޓީނުގައި ތިބި ފަރާތްތަށް ކަރަންޓީނު އުސޫލަށް އަމަލުކުރުމަށް ޓާސްކްފޯސްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ބަލި ފެތުރި އާންމު ހާލަތު މިއަށްވުރެ ގޯސްވެއްޖެނަމަ ރައްޔިތުންނަށް ވެދާނެ ދަތިތަކުން ސަލާމަތްވުމަށް ކަމާއި ގުޅުންހުރި އިދާރާތަކުން ދޭ އިރުޝާދުތަކާއި އަންގާ އެންގުންތަކަށް އަމަލުކުރުމަށް ވަނީ އެދިފަ އެވެ. އަދި އެ ސިޓީ އާންމު ހާލަތަށް ގެނައުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށް ޓާސްކްފޯސްއިން ވަނީ ބުނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355