twitterviber whatsapp telegramfacebookyoutube instagram
12th October 2026

ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ ކޮށްގެން ކުޅުދުއްފުށީގައި ގާއިމުކުރި 'މަނަސް ހަބް' ހުޅުވައިފި

- މިއީ އޮސްޓްރޭލިއަން ހައިކޮމިޝަނާއި އޮސްޓްރޭލިއާގެ އޮރިޖެންގެ "ހެޑްސްޕޭސް" މޮޑެލް، ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް ބައްޓަންކޮށްގެން ރާއްޖޭގައި ހުޅުވުނު، ނަފްސާނީ ދުޅަހެޔޮކަމުގެ އެންމެ ފުރަތަމަ "އާރލީ އިންޓަވެންޝަން އެންޑް ވެލްބީންގް ސެންޓަރ" އެވެ.

Oct 11, 2026

ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާއި، ހާއްސަކޮށް ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދީ، ރައްކާތެރި އިޖުތިމާޢީ މާޙައުލެއް ބިނާކުރުމުގެ މަގުސަދުގައި، ކުޅުދުއްފުށި ސިޓީ ކައުންސިލުން އިސްނަގައިގެން ގާއިމުކުރި "މަނަސް ހަބް" ރޭ ރަސްމީކޮށް ހުޅުވައިފި އެވެ.

މި ހަބް ރަސްމީކޮށް ހުޅުއްވައިދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު ޢާތިފްއާއި އޮސްޓްރޭލިއަން ހައި ކޮމިޝަނަރ ޓު ދަ މޯލްޑިވްސް ހިޒް އެކްސެލެންސީ ޑޭވިޑް ޖެސަޕް އެވެ.

މި ރަސްމިއްޔާތުގައި ހާއްސަ މެހެމާނުންގެ ގޮތުގައި ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަހުމަދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅުވައިގެން ހިދުމަތް ފެށި މި ހަބަކީ، މުޖުތަމައުގެ އިޖުތިމާއީ އަދި ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށާއި، ފުރާވަރު ކުދިންނަށާއި ޒުވާނުންނަށް ބޭނުންވާ އެހީތެރިކަމާއި ވަސީލަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށްޓަކައި، ކައުންސިލުގެ ސްޓްރެޓީޖިކް ޕްލޭނުގައި ހިމަނައިގެން ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއްކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.

މިއީ އުނގެނުމާއި، ދުޅަހެޔޮ ސިއްހަތާއި، އިޖުތިމާއީ އެކިއެކި ހަރަކާތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށްޓަކައި ގާއިމުކޮށްފައިވާ ނޮލެޖް ސެންޓަރު ގެ މުހިންމު އެއް ގޮތްޕެވެ.

ނަފްސާނީ ދުޅަހެޔޮކަމަށް އިޖުތިމާއީ އިންތިޒާމެއް

މަނަސްހަބަކީ އާންމު ކްލިނިކަލް ނުވަތަ ހޮސްޕިޓަލް މާޙައުލަކާ ތަފާތުކޮށް، ނަފްސާނީ މައްސަލަތައް އިތުރަށް ގޯސްވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެހީތެރިކަން ފޯރުކޮށްދިނުމަށް ތަރައްޤީކޮށްފައިވާ ހާއްސަ ހަބެކެވެ. މި ހަބުގެ މޮޑެލް ބިނާވެފައިވަނީ، ނަފްސާނީ އެހީތެރިކަމަކީ ހަމައެކަނި ހާލަތު ނުރައްކާވުމުން ހޯދާ ހިދުމަތަކަށް ނުހަދައި، ދުރާލައި ދުޅަހެޔޮކަން ދެމެހެއްޓުމަށް އަހައްމިއްޔަތުކަން ދިނުމުގެ މައްޗަށެވެ. މަނަސް ހަބުގެ މައިގަނޑު މަގްސަދަކީ ކޮންމެ ފަރުދަކަށްވެސް ފަސޭހަކަމާއެކު ވާސިލުވެވޭނެ އަމާން މާހައުލެއްގައި މަޢުލޫމާތު ހިއްސާކޮށް، ދުޅަހެޔޮ ދިރިއުޅުމުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމާއި، އިތުރު ފަރުވާއަށް ބޭނުންވާ ހާލަތްތަކުގައި އެކަށީގެންވާ ފަންނީ އެހީތެރިކަމާއި ހިދުމަތްތަކާ ގުޅުވައިދިނުންކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.

މި ހިދުމަތް ފަރުމާކުރުމުގައި އޮސްޓްރޭލިއާގެ މަޝްހޫރު "ހެޑްސްޕޭސް" (Headspace) މޮޑެލްގެ އެހީތެރިކަން ވަނީ ހޯދާފައެވެ. އަދި އޮރިޖެން (Orygen) އާއެކު ފަންނީ މަޝްވަރާތައް ކުރިއަށްގެންގޮސް، އެ މޮޑެލްގެ މުހިންމު އުސޫލުތައް ރާއްޖެއާއި ކުޅުދުއްފުށީގެ އިޖުތިމާއީ މާހައުލާ ގުޅޭގޮތަށް ވަނީ ބައްޓަންކޮށްފައެވެ.

މަނަސް ހަބް: މުހިންމު މަރުޙަލާތައް

މަނަސް ހަބަކީ ދުރާލައި ރޭވިގެން، ފަންނީ އެތައް މަޝްވަރާތަކަކާއި ތައްޔާރީތަކަކަށްފަހު ކުޅުދުއްފުށި ސިޓީ ކައުންސިލުން ގާއިމުކުރެވުނު މަރުކަޒެކެވެ.

● އޭޕްރީލް – ޖޫން 2024: އޮސްޓްރޭލިއާގެ އޮރިޖެން (Orygen) ޓީމާއި ޕްރޮފެސަރ ޕެޓް މެކްގޮރީ ރާއްޖެއަށް ކުރެއްވި ފުރަތަމަ ޒިޔާރަތާއެކު، ކުޅުދުއްފުށީގައި މެންޓަލް ހެލްތު ކޭމްޕާއި "މައިންޑްފެސްޓް" އަދި މާލޭގައި ޤައުމީ ޕޮލިސީ ފޯރަމެއް ބޭއްވުން. އަދި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމުގެ މޮޑެލްގެ މައިގަނޑު އަސާސްތައް ދެނެގަނެ ކަނޑައެޅުން.

● ޑިސެމްބަރ 2024 – އޭޕްރީލް 2025: ނޮލެޖް ސެންޓަރުގައި މަނަސް ހަބް ޤާއިމުކުރުމަށްޓަކައި ކުޅުދުއްފުށި ސިޓީ ކައުންސިލުން ޢިމާރާތް މަރާމާތުކޮށް، ބޭނުންވާ ވަސީލަތްތައް ފުރިހަމަކުރުން. އަދި ނޭޝަނަލް ސެންޓަރ ފޮރ މެންޓަލް ހެލްތު އާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އާއި ގުޅިގެން ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ އެކުލަވާލުން.

● އޭޕްރީލް – ސެޕްޓެމްބަރ 2026: މަނަސް ހަބަށް ފުލްޓައިމް ކްލިނިކަލް ސައިކޮލޮޖިސްޓަކު ހޯދުމުގެ މަސައްކަތާއި، އާސަންދައިގެ ތެރެއިން ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމުގެ މަޝްވަރާތައް ކުރުން. އަދި ހިދުމަތުގެ ފެންވަރު މަތިކުރުމަށް އެމެރިކާގެ "ފުލްބްރައިޓް ސްޕެޝަލިސްޓް ޕްރޮގްރާމް" އަށް ޕްރޮޕޯސަލް ހުށަހެޅުން.

● 30 ސެޕްޓެމްބަރ – 1 އޮކްޓޫބަރ 2026: އޮރިޖެންގެ ޕްރޮފެސަރ ޕެޓް މެކްގޮރީ ކުޅުދުއްފުށްޓަށް ޒިޔާރަތްކުރައްވައި ކައުންސިލާއި ކޭ.އާރް.އެޗް އަދި މަނަސް ހަބްގެ ޓީމާއެކު ސީދާ މަޝްވަރާތައް ބޭއްވެވުން.

● 10 އޮކްޓޫބަރ 2026: ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހާ ގުޅުވައިގެން މަނަސް ހަބް ރަސްމީކޮށް ހުޅުވުން.

● 2027 އަދި ކުރިމަގު: ކްލިނިކަލް ސައިކޮލޮޖިސްޓް އަދި ފުލްބްރައިޓް ސްޕެޝަލިސްޓުގެ އެހީގައި ޚިދުމަތުގެ މޮޑެލް އިތުރަށް މުރާޖަޢާކޮށް ހަރުދަނާކުރުމާއި، ކޭ.އާރް.އެޗްގެ މުވައްޒަފުން ތަމްރީނުކުރުމުގެ އިތުރުން، އޮސްޓްރޭލިއަން ހައިކޮމިޝަނާއި އޮރިޖެން އަދި މަނަސްހަބް ސްޓިއަރިންގ ގްރޫޕާ ގުޅިގެން މި ޚިދުމަތް ފުޅާކުރުން.

މަނަސްހަބުން ލިބެންހުންނާނެ މައިގަނޑު ޚިދުމަތްތައް:

މި މަރުކަޒު މެދުވެރިކޮށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ މަރުހަލާތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ މަރުހަލާއެއްގައިހިމެނޭ މައިގަނޑު ޚިދުމަތްތަކާއި ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނެނީ:

މަރުހަލާ 1: ( 10 އޮކްޓޯބަރުން ޑިސެމްބަރުގެ ނިޔަލަށް)

● ސައިކޯއެޑިއުކޭޝަން އަދި ސެޝަންތައް: ސްޓްރެސް މެނޭޖްކުރުމާއި، ނަފްސާނީ ގޮންޖެހުންތަކުން އަރައިގަތުމުގެ ހުނަރުތަކާއި، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަދި ނަފްސާނީ ޞިއްޙަތާ ގުޅުންހުރި މުހިންމު އެކިއެކި މަޢުޟޫޢުތަކަށް އަމާޒުކޮށްގެން ހޭލުންތެރިކަމުގެ ސެޝަންތައް ކުރިއަށްގެންދިއުން.

● ކެރިއަރ ގައިޑެންސް އަދި ސްޓްރެސް މެނޭޖްމެންޓް: ސްޓްރެސް މެނޭޖްކުރުމާއި، ނަފްސާނީ ހިތްވަރު (އިމޯޝަނަލް ރެޒިލިއަންސް) ވަރުގަދަކުރުމުގެ އިތުރުން، މުސްތަޤްބަލުގެ ކެރިއަރ ބިނާކުރުމަށް މަގުދައްކައިދިނުމުގެ ގޮތުން ސިލްސިލާކޮށް ކުރިއަށްގެންދެވޭ ސެޝަންތައް.

● ބޯޑް ގޭމްސް އަދި މުނިފޫހިފިލުވުމުގެ ޙަރަކާތްތައް: އެކުވެރި މާޙައުލެއްގައި އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމަށް މަގުފަހިކޮށްދޭ ތަފާތު ކުޅިވަރުތަކާއި ރެކްރިއޭޝަނަލް ޙަރަކާތްތައް.

މަރުހަލާ 2: (ޑިސެމްބަރުގެ ފަހުން)

● ކްލިނިކަލް ސައިކޮލޮޖިސްޓްގެ ޚިދުމަތް: އިނިޝިއަލް ސްކްރީނިންގް ކުރުމާއި، އިތުރު ފަރުވާއަށް ބޭނުންވާ ޙާލަތްތަކުގައި ރިފަރަލް ހަމަޖައްސައިދިނުން.

● ޑިޖިޓަލް މެންޓަލް ހެލްތު ސްކްރީނިންގ: މަރުކަޒަށް ޒިޔާރަތްކުރާ ފަރާތްތަކަށް، ނަފްސާނީ ދުޅަހެޔޮކަމުގެ ޙާލަތު ފަސޭހަކަމާއެކު ދެނެގަނެ ވަޒަންކުރުމަށް ސްކްރީންކުރުން.

● ޕްރައިވެޓް ކޮންސަލްޓޭޝަން ރޫމް: މަނަސްހަބްގެ ކްލިނިކަލް ސައިކޮލޮޖިސްޓުންނާއި، ވޮލަންޓިއަރ މާހިރުން އަދި ޕްރޮފެޝަނަލުންނާއެކު ވާހަކަދައްކައި މަޝްވަރާކުރުމަށް ޚާއްޞަކޮށް ތަރައްޤީކޮށްފައިވާ ކޮންސަލްޓޭޝަން ރޫމްގެ ޚިދުމަތް.

● ވޮލަންޓިއަރ ޕިއަރ ސަޕޯރޓް އެހީތެރިކަން: ޚާއްޞަ ތަމްރީނު ލިބިފައިވާ އެކި ދާއިރާ ތަކުގެ ޕްރޮފެޝަނަލް ވޮލަންޓިއަރުން މެދުވެރިކޮށް ޒުވާނުންނާއި ގުޅުވައިދިނުން.

މީގެ އިތުރުންވެސް އިތުރު ޙިދުމަތްތައް ތަޢާރަފްކުރުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެކަށީގެންވާ އެހީތެރިކަމާ ގުޅުވައިދިނުން

މަނަސްހަބް މޮޑެލްގެ އެންމެ މުހިންމު އެއް އަމާޒަކީ، އިޖުތިމާޢީ ފެންވަރުގައި ފޯރުކޮށްދެވޭ އެހީތެރިކަމާއި، ހާއްސަ ސިއްހީ ފަރުވާގެ ޚިދުމަތްތަކާ ދެމެދު ހަރުދަނާ އަދި ހަރުފަތްތައް ސާފު ނިޒާމެއް ގާއިމުކުރުމެވެ.

އެގޮތުން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، ލައިސަންސް ލިބިފައިވާ ނަފްސާނީ ސިއްހަތުގެ މާހިރުންގެ އިތުރުން ކަމާގުޅުންހުރި އެހެނިހެން މުއައްސަސާތަކާ ގުޅިގެން، ރިފަރަލް ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ކައުންސިލުން ދަނީ މަސައްކަތްކުރަމުންނެވެ. މިކަމުގެ މައިގަނޑު މަގްސަދަކީ، މަނަސްހަބުގެ އިމުން ބޭރުން އިތުރު ކްލިނިކަލް ފަރުވާއާއި ފަންނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް، ލަސްނުކޮށް ސީދާ އެކަށީގެންވާ ސިއްހީ ޚިދުމަތްތަކާ ފަސޭހަކަމާއެކު ގުޅުވައިދިނުމެވެ.

ނަފްސާނީ ޚިދުމަތަކަށްވުރެ ފުޅާ އިޖުތިމާޢީ ބިނާއެއް

މަނަސްހަބް ތަރައްގީކޮށްފައިވަނީ ނަފްސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި ފަންނީ ސިއްހީ ހިދުމަތްތަކަކުން ހާސިލުވާ ކަމެއް ނޫންކަމާއި، އެއީ މުޖުތަމައުގެ ބަދަހި ގުޅުމާއި، މުނިފޫހިފިލުވުމާއި، އުނގެނުމުގެ އިތުރުން އިޖުތިމާއީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތުތަކާވެސް ގުޅިލާމެހިފައިވާ ކަމެއްކަން ދެނެގަނެގެންނެވެ.

އެހެންކަމުން، މިއީ ފަންނީ އެހީތެރިކަމާއި ރައްކާތެރި އިޖުތިމާޢީ ވަސީލަތްތައް އެކުލެވޭ، މަޢުލޫމާތު ހޯދުމާއި ދުޅަހެޔޮ ޙަރަކާތްތަކުގައި ބައިވެރިވުމަށް ހިތްވަރުދޭ ރަޙްމަތްތެރި މާޙައުލެކެވެ. މި މަރުކަޒުގެ މައިގަނޑު އަމާޒަކީ ޒުވާނުންނަށް ކުރީބައިގައި އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައިވީ ނަމަވެސް، އެންމެ ބޮޑު މަގުސަދަކީ މުޅި މުޖުތަމައުގެ ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވައި މުޖުތަމުއުގެ ނަފްސާނީ ވިލުންވެރިކަން ރަނގަޅުކުރުމުވެ.

ނަމޫނާ މޮޑެލްއެއް

މަނަސްހަބް ގާއިމުކުރުމަކީ އިޖުތިމާއީ ދުޅަހެޔޮކަން ވަރުގަދަކުރުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތުގައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.

މި ޚިދުމަތް އިތުރަށް ފުޅާވަމުންދާއިރު، ކައުންސިލްގެ އަމާޒަކީ މަނަސްހަބަކީ ދާއިރާގެ މާހިރުންނާއި، މުއައްސަސާތަކާއި، ވޮލަންޓިއަރުން އަދި މުޅި މުޖުތަމައު ގުޅިގެން މަސައްކަތްކުރާ ހަރަކާތްތެރި މަންސައަކަށް ހެދުމެވެ. ކުޅުދުއްފުއްޓަކީ ރާއްޖޭގެ އުތުރުގެ މައި ހަބަށްވާއިރު، މި މަޝްރޫޢުގެ ދުރު އަމާޒަކީ މަނަސްހަބު މެދުވެރިކޮށް މުޅި އުތުރުގެ ސަރަހައްދަށް ނަމޫނާ، އިޖުތިމާއީ ނަފްސާނީ ދުޅަހެޔޮކަމުގެ މޮޑެލެއް ބިނާކުރުމެވެ.

މިއީ އޮސްޓްރޭލިއަން ހައިކޮމިޝަނާއި އޮސްޓްރޭލިއާގެ އޮރިޖެންގެ "ހެޑްސްޕޭސް" މޮޑެލް، ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް ބައްޓަންކޮށްގެން ރާއްޖޭގައި ހުޅުވުނު، ނަފްސާނީ ދުޅަހެޔޮކަމުގެ އެންމެ ފުރަތަމަ "އާރލީ އިންޓަވެންޝަން އެންޑް ވެލްބީންގް ސެންޓަރ" އެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުގެ އިސްނެގުމުގެ މަތިން ހިންގޭ މިފަދަ މަޝްރޫޢުތަކުގެ މައިގަނޑު މަގުސަދަކީ، ޒުވާނުންނަށް އައު ފުރުޞަތުތައް ތަނަވަސްކޮށްދިނުމާއެކު، އިޖުތިމާއީ ބަދަހިކަން ގާއިމުކޮށް، ނަފްސާނީ ގޮތުން ދުޅަހެޔޮ، ޤާބިލު މުޖުތަމަޢެއް ބިނާކުރުމެވެ. މީގެއިތުރުން، މި މަރުކަޒު ވެގެންދާނީ މުޅި އުތުރުގެ ސަރަޙައްދުގައިވެސް އަދި ރާއްޖޭގައިވެސް ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމުގައި ނަމޫނާ ހިދުމަތްތަކެއް ފޯރުކޮށްދޭ މައި މަރުކަޒަކަށެވެ. އަދި މިއީ އިސްލާމީ ރިވެތި އަޚުލާޤުގެ މަތީގައި، ދުޅަހެޔޮ، ފުދުންތެރި ރައްޔިތަކު ދިރިއުޅޭ އަމާން އަދި އުފާވެރި ސިޓީއެއް ބިނާކުރުމަށް ކައުންސިލުން ގެންގުޅޭ ތަޞައްވުރާއި އަމާޒު ޙާޞިލުކުރުމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެކެވެ.

މި މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށްގެންދިޔުމުގައި އޮސްޓްރޭލިއަން ހައި ކޮމިޝަނުން ކުރެއްވި އެޑްވޮކެސީއަށާއި އޮރިޖެންގެ ފަރާތުން ލިބުނު ފަންނީ ލަފަޔާއި އިރުޝާދަށް ސިޓީ ކައުންސިލުިން އެފަރާތްތަކަށް ޝުކުރު އަދާކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293