ރ.ފައިނުގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތްތައް އެމް.ޑަބްލިޔު.އެސް.ސީއިން ކުރަމުން އަންނަ ކަމަށް އެކުންފުނިން ވިދާޅުވެއްޖެ އެވެ.
ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތް މިހާރު ފަށައިގެން އެބަ ކުރިއަށްދެ އެވެ. އަދި މި ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ ފައިނަށް ގެންދެވިފައި ކަމަށް އެމް.ޑަބްލިޔު.އެސް.ސީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
މިހާރު ކުރިއަށް މިދާ މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ފައިނުގައި 38.5 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ގާއިމް ކުރުމާއި އާރ.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމުގެ އިތުރަށް ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުން ހިމެނެއެވެ. އަދި މީގެ އިތުރުން ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ އިތުރުން ގެތަކަށް ރައްކާތެރި ބޯފެން ވެސް މި މަޝްރޫއުގެ ދަށުން ފޯރުކޮށްދެވިގެންދާނެއެވެ.
ފައިނުގައި 5.06 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯރކް ގާއިމްކުރުމާއި، 943 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތް ކުރުމާއި، 3 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ގާއިމްކުރުމަކީ ވެސް މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދެވޭން ކަންކަން ކަމަށް އެމް.ޑަބްލިޔު.އެސް.ސީން ބުނެފައިވެ އެވެ.
ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ އެ ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދީ ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވެސް މި މަޝްރޫއުގެ ދަށުން ވަނީ ހަމަޖެހިފައެވެ.
ޖުމްލަ 63،344،370.14 މިލިއަން ދިވެހި ރުފިޔާ ހަރަދުކޮށްގެން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި ޕުރޮޖެކްޓުގެ މުއްދަތަކީ 540 ދުވަހެވެ.
މިމަޝްރޫއުގެ މަސައްކަތް ނިމުމުން ފައިނުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެ ކަމަށް އެމް.ޑަބްލިޔު.އެސް.ސީން ބުނެ އެވެ.