ކުޅުދުއްފުށީ ސިޓީއިން މިއަދު އިތުރު 2 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 60 އަށް އަރައިފި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ން ބުނީ ކުރިން ޕޮޒިޓިވްވެފައިވާ ކޭސްތަކުގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ 5 ފަރާތެއްގެ ސާމްޕަލް މިއަދު ނަގައި ޓެސްޓް ކުރެވުނު އިރު، އޭގެ ތެރެއިން 2 ފަރާތެއް ކޮވިޑް-19އަށް ޕޮޒިޓްވެފައިވާ ކަމަށެވެ. އެއާއި އެކު ކުޅުދުއްފުށި ސިޓީގެ އެކްޓިވް ކޭސްތަކުގެ އަދަދު 60 ށް އަރައިފި ކަމަށެވެ.
ރެންޑަމް ސާމްޕަލްގެ ގޮތުގައި ނެގުނު 120 ސާމްޕަލް ނެގެޓިވްވެފައި ވާއިރު މިއަދު ޖުމްލަ ނެގިފައިވަނީ 134 ސާމްޕަލް ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
އަދި މިވަގުތު ޕޮޒިޓިވްވެފައިވާ ފަރާތްތަކުގެ ތެރެއިން 76 އިންސައްތަ އަކީ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ ފަރާތްތައް ކަމަށެވެ. އެހެން ކަމުން ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެ ހޮސްޕިޓަލުން ވަނީ އެންމެހާ ރައްޔިތުންނަށް ނަސޭހަތްތެރިވެފަ އެވެ.
ހުމާއި ރޯގާގެ އަލާމާތްތައް ހުރި އެންމެހާ ބޭފުޅުން ލަސް ނުކުރައްވާ ސާމްޕަލް ނެގުމަކީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އެޅިގެން ދާނެ ފިޔަވަޅެއް ކަމަށާއި ފުލޫ އޯޕީޑީއަށް ގޮސް ނުވަތަ 7606688 އަށް ގުޅާ ނުވަތަ އެސްއެމްއެސް ކޮށްގެން ސާމްޕަލް ނެގުމުމަށްވެސް ވަނީއެދިފަ އެވެ.
ކުޅުދުއްފުށިން މިދިޔަ މަހު 24 ވަނަ ދުވަހު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ފުލޫ އޯޕީޑީއަށް ދެއްކި 13 އަހަރުގެ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.
ކުޅުދުއްފުށިން ގިނަ އަދަދެއްގެ ޕޮޒިޓިވް ކޭސްތައް ފެންނަމުންދާތީ ޓާސްކު ފޯހުން މިހާރުވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފަ އެވެ. އެގޮތުން ބޭރަށް ނިކުންނަން ޖެހިއްޖެނަމަ މާސްކް ބޭނުންކުރުން، ޓެކްސީ ޑްރައިވަރުންނާއި ފިހާރަތަކުގައި މަސައްކަތް ކުރާ ފަރާތްތަކުންވެސް މާސްކް ބޭނުންކުރަން ވަނީ އަންގާފަ އެވެ.
އާންމު އެންމެހާ ތަންތަނާއި ޕާރކުތަކާއި މައިޒާންތައް ބަންދުކޮށްފައިވާ މި ދަނޑިވަޅުގައި އެ ތަންތަނަށް ނުދިއުމާއި މޫދު ސަރަހައްދަށާއި މޫދަށްވެސް ގުރޫޕު ހަދާފައި ނުދިއުމަށް ވަނީ އެދިފަ އެވެ.
މަގުމަތީގައި ގުރޫޕު ހަދާފައި ނޫޅުމަށާއި ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ މަގުމައްޗަށް ނުނިކުތުމުގެ އިތުރުން ޒަރޫރީ ހާލަތެއްގައި ނޫނީ އެއްގެއިން އަނެއް ގެއަށް ނުދިއުމަށް އަދި ކަރަންޓީނުގައި ތިބި ފަރާތްތަށް ކަރަންޓީނު އުސޫލަށް އަމަލުކުރުމަށް ޓާސްކްފޯސްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ބަލި ފެތުރި އާންމު ހާލަތު މިއަށްވުރެ ގޯސްވެއްޖެނަމަ ރައްޔިތުންނަށް ވެދާނެ ދަތިތަކުން ސަލާމަތްވުމަށް ކަމާއި ގުޅުންހުރި އިދާރާތަކުން ދޭ އިރުޝާދުތަކާއި އަންގާ އެންގުންތަކަށް އަމަލުކުރުމަށް ވަނީ އެދިފަ އެވެ. އަދި އެ ސިޓީ އާންމު ހާލަތަށް ގެނައުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށް ޓާސްކްފޯސްއިން ވަނީ ބުނެފަ އެވެ.