twitterviber whatsapp telegramfacebookyoutube instagram
25th April 2024

ހަކުރު ބައްޔާއެކު ކުރިމަތިވި ދަތި ދިރިއުޅުން

ޚަދީޖާ އާދަމް
Aug 8, 2021

ހަކުރު ބައްޔޭ ބުނުމުން ފަހަރުގައި ބައެއް މީހުންނަށް އެއީ ބައްޔެއްގެ ގޮތުގައި ސިފަ ނުކުރެވިދާނެއެވެ. ސަބަބަކީ ހަކުރު ބައްޔާއެކު އިތުރު އުދަނގުލެއްނެތި އާދައިގެ ދިރިއުޅުމެއް އުޅެމުންދާ މީހުން މި ރާއްޖޭގައިވެސް ވަރަށް ގިނަ އެވެ. އެމީހުންގެ ދިރިއުޅުން ހަމަވަރަށް "ނޯމަލް" އެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު 422 މިލިއަން މީހުންނަކީ ޑައިބެޓިކް ނުވަތަ ހަކުރު ބައްޔާއެކު ދިިރިއުޅެމުން އަންނަ މީހުންނެވެ. މި ބަލި އެންމެ ގިނައީ ފަގީރު އަދި މެދު ފަންތީގެ ގައުމުތަކުގައެވެ. އެމީހުންގެ ތެރެއިން ބަލީގެ ސަބަބުން އެކި މައްސަލަތައް ދިމާވެ 1.6 މިލިއަން މީހުން އަހަރެއްގެ ތެރޭގައި މަރުވެއެވެ.

ބައެއް މީހުންނަށް ބަލީގެ ސަބަބުން މާ ބޮޑު އުނދަގޫތަކެއް ކުރިމަތި ނުވިނަމަވެސް މި ބަލީގެ ވޭނާ ހިތްދަތިކަން ތަހައްމަލު ކުރަމުން އަންނަ އެތައް ފަރާތްތަކެއް އަޅުގަނޑުމެންގެ މި ކުޑަ މުޖުތަމައުގެ ތެރޭގައި ދިރިއުޅެމުން އެބަ ގެންދެއެވެ. އެފަދަ އެއްފަރާތަކީ ކުޅުދުއްފުށީ ބޮނޑިފަށުވިގޭ އައިމިނަތު އާދަމް (އައިންތު) އެވެ.

އުމުރުން އެންމެ 25 އަހަރުން ފެށިގެން މި ބައްޔާއެކު އުޅެމުން އަންނަ އައިންތުއަށް ހަކުރު ބައްޔާއެކު ދިރިއުޅުންވީ ގޮންޖެހުމަކަށެވެ. ބަލީގެ ސަބަބުން އާދައިގެ ދިރިއުޅުމެއް އުޅެން އުނދަގުވި އެވެ.

"ސްކޫލްގައި އުޅުންއިރުވެސް ވަރަށް ބޮޑަށް ބޮލުގައި ރިއްސާނެ. އެއްދުވަހު ދެން ރިއްސާވަރުން ކެތް ނުކުރެވިގެން އައިޖީއެމްއެޗަށް ދެއްކީ. ބެއްލެވީ ޑރ ރާޒީ. އެދުވަހު ދެން ވަގުތުން ޓެސްޓް ހަދާފަ ބުނީ ކިރިޔާ ގަނޑުނުވެޔޯ ތިހުރީ ކިރިޔާއޯ ފުރާނަ ތި ސަލާމަތް ވީ. ބަލާފަ ބުނީ 750 ހިސާބުގަ ހަކުރު ހުރި ވާހަކަ" ހަކުރު ބަލި ހުރިކަން އެނގުނު ހިސާބުން އައިންތު ކިޔައި ދިނެވެ.

ބަލި ހުރިކަން އެންމެ ފުރަަތަމަވެސް އެނގުނު ހިސާބުން ފެށިގެން ބޭނުން ކުރަމުން އައީ އިންސިއުލިންކަމަށް އައިންތު ބުންޏެވެ. އިންސިއުލިންގެ ކަށި ވެގެންދިޔައީ އައިންތުގެ ދިރިއުޅުމުގެ އެންމެ މުހިއްމު އެއް ހިއްސާއަށެވެ.

އެއިރު މާލޭގައި ދިރިއުޅެމުން އައި އައިންތު އެއާޕޯޓްގެ ވަޒީފާ ދޫކޮށްލާފައި ރަށަށް އާއިލާ ކައިރިއަށް ބަދަލުވި އެވެ. ރަށަށް ބަދަލުވުމަށްފަހު ވަޒީފާ އަދާކުރަން ފެށީ އަތޮޅު އޮފީހުގަ އެވެ. ބައްޔާއެކުވެސް އައިންތުއަކީ ވަޒީފާގައި ވަރަށް ހަރަކާތްތެރިކޮށް އުޅުނު ފަރާތެކެވެ. ކުޅިވަރުތަކާއި އޮފީހުން އިންތިޒާމް ކުރާ އެކި ހަރަކާތްތަކުގައިވެސް އައީ ބައިވެރިވަމުންނެވެ.

ބަލި ޖެހުމުން އެންމެ ބޮޑު ޖޮންޖެހުމަކަށްވީ ފިޓު ޖެހުމެވެ. ހަމަ ކުއްލިއަކަށް އެއްވެސް "އިންޒާރެއް" ނެތި ފިޓް ޖެހި މީހާ ވެއްޓެ އެވެ. ކޮންމެ ވަގުތަކު ކޮންމެ ތަނަކަށްވެސް ވެއްޓިދާނެ އެވެ.

ކުއްލި ކުއްލިއަށް ފިޓްޖެހި ވެއްޓުމުގެ ސަބަބުން އެކިވަރުގެ އަނިޔާވެސް އައިންތުއަށް އައީ ލިބެމުންނެވެ. އަތްފައި ބިނދި ބޮޑެތި އަނިޔާތައްވެސް ލިބިފަ އެބަހުއްޓެވެ. ވަޒީފާއިންވެސް ވަކިވީ ފިޓް ޖެހިގެން ވެއްޓި ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.

"އަޅުގަނޑު އެގޮތަށް ފިޓް ޖެހިގެން ވެއްޓި އަތާ ފަޔާ ބިއްދައިގެން ދިޔައީ. ބިންދައިގެން ގޮސް މިކޮޅުން އޮޕަރޭޝަންކުރީ. އެ ހިސާބުންދެން އަޅުގަނޑަށް ހީވީ ވަޒީފާ އަދައެއް ނުކުރެވޭނޭ. އެގޮތުން ހަމަ އަމިއްލައަށް އަޅުގަނޑު އިސްތިއުފާ ދިނީ." އައިންތު ކިޔާދިނެވެ.

އެކަމަށް ފަރުވާއެއް ނުލިބި އޮއްވާ އަނެއްކާ އިތުރު މައްސަލައެއް އައިންތުއަށް ދިމާވާން ފެށިއެވެ. ބަލީގެ ސަބަބުން ވާތުލޮލުގެ ބޮނޑި ވެއްޓި ލޯހުޅުވަން ދަތިވި އެވެ. އެއާއެކު އިންޑިޔާއަށް ގޮސް ދެއްކުމުން ޑޮކްޓަރުން ލަފާދިނީ އޮޕަރޭޝަން ކުރާށެވެ. އޮޕަރޭޝަން ކުރިނަމަވެސް ހަކުރު މަތިވުމުން ލޯ އެއްކޮށް ރަނގަޅުކުރުމަށް އިތުރު ފަރުވާއެއް ދިނުމަށް ޑޮކްޓަރުން ފަސްޖެހުނެވެ.

މިފަދަ ހާލަކާއެކު އަބަދު އުޅެން ޖެހުމަކީ ހިތަންމެ ހިތްވަރުގަދަ މީހަކުވެސް ބަލިކަށިކޮށްލާނެ ކަމެކެވެ. އައިންތުއަށްވެސް ވީ އެހެންނެވެ. ކިތަންމެ ހިތްވަރުކޮށްގެން ހުއްޓަސް ނަފްސާނީގޮތުން މީހާ ބަލިކަށިވީ އެވެ.

"ފުރަތަމަ ހަކުރު ޖެހިގެން އައިޖީއެމްއެޗުގައި އޮއްވާ ބައްޕަ ނިޔާވީ. އެހިސާބުން ކަންނޭނގެ އަޅުގަނޑު ނަފްސާނީ ވީ. ބައްޕަ ކައިރިއަކަށް ނާދެވުން. ބައްޕަ އޮތީ މިކޮޅުގައި އެޑްމިޓްކޮށްފަ، މިކޮޅު ހޮސްޕިޓަލުގައި ނިޔާވީ، އަޅުގަނޑު އޮތީ އައިޖީއެމްއެޗުގައި" މިހާރުވެސް އައިންތު އަންނަނީ ގަވައިދުން ނަފްސާނީ ބައްޔަށް ބޭސްކުރަމުންނެވެ.

އެފަދަ ކޮންމެ ހާލަތެއްގައިވެސް އައިންތުގެ އެންމެ ބޮޑު ހިތްވަރަކަށް ވަނީ އާއިލާއެވެ. ބަލީގެ ސަަބަބުން މުޖުތައުގެ ތެރެއަށް ނުކުމެ އުޅުން ދަތިކަމަށްވާއިރު އެ އެކަނިވެރިން އިހްސާސްނުވަނީ އާއިލާގެ އެންމެ އެކުގައި ގުޅިގެން އުޅޭތީކަމަށް އައިންތު ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355