ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރުއާ ބައްދަލުކުރައްވައިފި އެވެ.
ހޯމަދުވަހު މިނިސްޓްރީގައި ބޭއްވި މިބައްދަލުވުމުގައި މިނިސްޓްރީގެ ދާއިރާގެ ތެރެއިން ކުޅުދުއްފުށީގައި ކުރިއަށްދާ މަޝްރޫއުތަކާ ބެހޭ މަޝްވަރާކޮށްފައިވެ އެވެ.
އޭގެ ތެރޭގައި މިހާރު ކުރެހުން ސެޓާއި ބީއޯކިއު ނިމިފައިވާ ސިޓީ ކައުންސިލް އިދާރާގެ އާ އިމާރާތުގެ މަސައްކަތް އަވަހަށް ޓެންޑާ ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށާއި، 2024 ވަނަ އަހަރު ދައުލަތުގެ ބަޖެޓުގައި ކުޅުދުއްފުއްޓަށް ހިމެނިފައިވާ ޕްރޮޖެކްތައް 2025 ވަނަ އަހަރު ބަޖެޓުން ފެންނާންނެތުމުގެ އެކަމުގެ ކަންބޮޑުވުންވެސް މޭޔަރު ފާޅުކުރެއްވި އެވެ.
ޕަބްލިކް ވޯކްސްގެ ވަސީލަތްތައް އިތުރުކުރުމާއި އެ ޔުނިޓްގެ މަސައްކަތްތައް ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާއިރު ކައުންސިލްތައް ހިންގުމުގައި ދިމާވަމުންދާ ގޮންޖެހުންތަކާއި، ނިޒާމު އިތުރަށް ހަރުދަނާކޮށް ކައުންސިލްތައް ބާރުވެރިކުރުވާ ރައްޔިތުންނާގާތަށް ވެރިކަމުގެ ބާރުތައް އިތުރަށް ގެނެވޭނޭ ގޮތްތަކާއި، ކައުންސިލްތަކަށް މާލީ ބާރުވެރިކަން ހޯދޭނޭ ގޮތްތަކާއި ބެހޭގޮތުން މިނިސްޓަރާއެކު މަޝްވަރާކުރެއްވި އެވެ.
މި ބައްދަލުވުމުގައި މޭޔަރުގެ އިތުރުން ކައުންސިލް މެންބަރު ރިލްވާން މުހައްމަދާއި އިބުރާހިމް އަހުމަދުގެ އިތުރުން މިނިސްޓްރީގެ އިސްބައެއް ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.