twitterviber whatsapp telegramfacebookyoutube instagram
29th March 2024

އާންމު ދިރިއުޅުމުގައި ބޭނުންކުރާ ބިހުގެ ހަގީގަތަކީ ކޮބައިބާ؟

މުޙައްމަދު އަހުމަދު
Aug 8, 2021

ހަގީގަތުގައި އެންމެ ފުރިހަމަ ކާނާއަކީ ކޮބައިކަމާމެދު ބަހުސްއެއް ކުރެވޭނަމަ އޭގެތެރޭގައި ބިސް ހިމެނުމަކީ ޔަގީން ކަމެކެވެ. ބަހުސްއެއްގައި ދެކޮޅަށް ވާހަކަ ދެކެވޭނެ އެވެ. އެހެންކަމަށްވާއިރު ބިހުގެ ހަގީގަތާ މެދުވެސް ދެކޮޅަށް ވާހަކަ ދެއްކޭނެ އެވެ. އޭގެ ފައިދާ އާއި ގެއްލުމެވެ.

ބިހަކީ އެންމެ ފުރިހަމަ ކާނާގެ ތެރެއިން ކާނާ އެކޭ ބުނެވެނީ ސަބަބެއް ނެތީމައެއްވެސް ނޫނެވެ. ވަގުތުން ތައްޔާރުކޮށްލެވޭ ފަސޭހައިން ކައްކާލެވޭ، އަގުހެޔޮ ޕްރޮޓީންސް އެކުލެވޭ ކާނާ އެކެވެ.

އެހެން ކެއުންތަކާއެކުވެސް ބިސް ބޭނުންކުރެވޭނެ އެވެ. އެގޮތަށް ބިސް ބޭނުންކުރާނަމަ އަހަރެމެންގެ ހަށިގަނޑަށް ވިޓަމިންސް ނަގައިދޭ މިންވަރު އިތުރުވެ އެވެ. މިސާލަކަށް ބަލާއިރު ބީބީސީން ކުރި ސާރވޭއަކުން ހާމަވާގޮތުގައި ސެލެޑްގައި ބިހެއް ހިމެނުމަކީ ވަރަށް ރަނގަޅު ކަމެކެވެ. އޭރުން ސެލެޑުން އަހަރެމެނަށް ލިބޭ ވިޓަމިން އީ އިތުރުވެ އެވެ.

ކަން މިހެން އޮތުމާއެކުވެސް ބިސް ކެއުމަކީ ގިނަ ބައެއްގެ ތެރޭގައި އެހާ ރަނގަޅު ކެއުމެއްގެ ގޮތުގައި ދެކޭ އެއްޗެއް ނޫނެވެ. ވާނީވެސް އެހެންތާ އެވެ. އޭގައި ކަންބޮޑުވާން ޖެހޭ މިންވަރަށް ކޮލެސްޓްރޯލް ހުރެ އެވެ. ބައެއް ހޯދުންތަކުން ދައްކާގޮތުގައި ބިސް ކެއުމުން ހަށިގަނޑުގައި ކޮލެސްޓްރޯލްގެ މިންވަރު އިތުރުވެ ހިތުގެ ބަލިތައް ޖެހުމަށް މަގުފަހިވެ އެވެ. އެންމެ ބިހެއްގެ ގޮބޮޅީގައި ވެސް ގާތްގަނޑަކަށް 185 މިލިގުރާމުގެ ކޮލެސްޓްރޯލް ހިމެނެ އެވެ. މިއީ އާންމުކޮށް ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ޑައިޓަރީ ގައިޑްލައިންސްގައި އެދެވިގެންވާ އަދަދުކަމަށް ކަނޑައެޅިފައިވާ 300 މިލިގުރާމަށް ވުރެވެސް ބައިކުޅަބައި ގިނަ އަދަދެކެވެ.

ސައިންޓިފިކަލީ ގަބޫލުނުކުރި ނަމަވެސް ބައެއް މީހުން ބުނާގޮތުގައި ބިހަކީ ކޮރޯނާ ވައިރަހުން މީހާ ރައްކާތެރިކޮށްދޭ އެއްޗެކެވެ. އަނެއްބައި މީހުން ދެކޭގޮތުގައި ބިހަކީ ކޮރޯނާ ވައިރަހުގެ ހަގީގީ ސަބަބެވެ. އަދި ހައިރާންކުރަވަނިވި އިތުރު ތިއަރީއެއް އެބައޮތެވެ. އެއީ ބިސް ކެއްކުމުގެ ކުރިން ދެފަޅިއަށް ފަޅިކޮށްލުމުން ކޮރޯނާއިން ރައްކާތެރިކޮށްދޭ އެންޓީބޮޑީސްތަކެއް އުފައްދަ އެވެ. ނަމަވެސް މިކަން ސާބިތުކުރެވޭ ވަރުގެ ހެއްކެއް އަދި ހޯދިފައެއް ނުވެ އެވެ.

މިކަމުގެ ސަބަބުން ނަމޫނާ ކާނާއަކަށް ވުމުގެ ބަދަލުގައި ބިހަކީ އަހަރެމެންނަށް ގެއްލުންދޭ އެއްޗަކަށްވުމަކީ ވެސް ގާތް ކަމެކެވެ.

ކޮލެސްޓްރޯލްގެ ސަބަބުން ކަމުނުދާ ކާނާއެއްގެ ގޮތުގައި ގިނަ މީހުންގެ ތެރޭގައި ބިސް ފާހަގަވާއިރު ކޮލެސްޓްރޯލްއަކީ އަހަރެމެންގެ ފުރަމޭ އާއި ޗިސްމޭގެ ތެރޭގައި އުފެދޭ ރީނދޫ ކުލަ ފާޑު ކުލައެއްގެ ފެޓްސްތަކެކެވެ. އަހަރެމެންނަށް އާންމުކޮށް ވިސްނިފަ އޮންނަގޮތުގައި ކޮލެސްޓްރޯލްއަކީ ވަރަށް ކަމުނުދާ އެއްޗެކެވެ. އެހެންނަމަވެސް ކޮލެސްޓްރޯލްއަކީ ސެލް މެމްބުރޭންގައި ބުލޮކް އުފައްދަން ވަރަށް މުހިންމު އެއްޗެކެވެ.

ކޮލެސްޓްރޯލްއަކީ ހަށިގަނޑުގައި ވިޓަމިން ޑީ އުފައްދާ އޭގެ އިތުރުން ހޯމޯންސްތައްކަމަށްވާ ޓެސްޓެސްޓްރޯން އާއި އީސްޓްރޮޖެން އުފައްދަން ވެސް ބޭނުންވާ މާއްދާއެކެވެ.

އަހަރެމެންނަށް ބޭނުންވާ ހުރިހާ ކޮލެސްޓްރޯލްއެއް އޭގެޒާތުގައި އަމިއްލައަށް އުފެދުނު ކަމުގައިވީ ނަމަވެސް އެއަކީ އަހަރެމެން ކާން ގެންގުޅޭ ޖަނަވާރުތަކުން ވެސް އުފެދޭ އެއްޗެކެވެ. އޭގެ ތެރޭގައި ގެރި މަހާއި، ބިހާއި، ޗީޒް އަދި ބަޓަރުވެސް ހިމެނެ އެވެ.

ކޮލެސްޓްރޯލް ހަށިގަނޑުގެ ތެރޭގައި ދަތުރުކުރަނީ ލޭގައި ހުންނަ ލިޕޮޕުރޮޓީން ނަމަކަށް ކިޔާ މޮލެކިއުލްސްގެ އެހީގަ އެވެ. ކޮންމެ މީހަކުވެސް ހުންނާނީ އެކި ކޮންބިނޭޝަނުގެ އެކި ވައްތަރުގެ ލިޕޮޕުރޮޓީންސް އެވެ.

ލޯ ޑެންސިޓީ ލިޕޮޕުރޮޓީން (އެލްޑީއެލް) ކޮލެސްޓްރޯލް އަކީ ނުރަނގަޅު ކޮލެސްޓްރޯލްގެ ގޮތުގައި ފާހަގަވެފައި އޮންނަ އެއްޗެކެވެ. އެއަކީ ޗިސްމޭން އާޓަރީތަކަށާއި ހަށިގަނޑުގެ ޓިޝޫތަކަށް ދަތުރުކުރާ އެއްޗެކެވެ. ރިސާޗަރުން ބުނާގޮތުގައި މިހެން ދިމާވުމުގެ ސަބަބުން ލޭ ނާރުތަކުގައި ކޮލެސްޓްރޯލް އުފެދެ އެވެ. އަދި އޭރުން ހިތުގެ ބަލިތައް ޖެހުމަށް މަގުފަހިކޮށްދެ އެވެ.

ޕުރޯންސްއާއެކު ދެން އެންމެ ކޮލެސްޓްރޯލް ގިނަ ސެޗްރޭޓެޑް ފެޓް މަދު ކާނާއަކީ ބިހެވެ.

ބައެއް ވައްތަރުގެ ކޮލެސްޓްރޯލްއަކީ އަހަރެމެންނަށް ފައިދާހުރި އެއްޗެއްސެވެ. އަދި އަނެއްބައި ކޮލެސްޓްރޯލުން ގެއްލުންވެސް ލިބެ އެވެ. އެހެންކަމަށްވުމާއެކު ބިހަކީ އަހަރެމެންނަށް ބައެއް ގޮތްގޮތުން ރަނގަޅުވެފައި އޭގައި ކަމުނުދާ ބައެއް ސިފަތައް ވެސް އެކުލެވޭ ކާނާ އެކެވެ. ނަމަވެސް ބިހަކީ ފުރިހަމަ ކެއުމުގެ ތެރޭގައި ގުނާލެވޭނެ ކެއުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355