twitterviber whatsapp telegramfacebookyoutube instagram
19th April 2024

ފާއިތުވި 16 ދުވަހުތެރޭ ކުޅުދުއްފުށިން 912 ރެންޑަމް ސާމްޕަލް ނަގައިފި، ޕޮޒިޓިވްވީ 3 ސާމްޕަލެއް

ނަބީލާ އިސްމާޢީލް
Aug 8, 2021

ފާއިތުވި 16 ދުވަސްތެރޭ 912 ރެންޑަމް ސާމްޕަލް ކުޅުދުއްފުށީ ސިޓީން ނެގިފައިވާއިރު އޭގެތެރެއިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ 3 ސާމްޕަލް އެވެ.

އަދި ވޭތުވެދިޔަ 16 ދުވަސްތެރޭގައި 68 ފުރަބަންދު ސާމްޕަލް ނެގިފައިވާއިރު އޭގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 3 ސާމްޕަލް އެކެވެ. ހަމަ މި މުއްދަތުތެރޭ ކޮންޓެކް ޓްރޭސިންގެތެރެއިން 376 ސާމްޕަލް ޓެސްޓް ކުރެވުނުއިރު ޕޮޒިޓިވްވީ 52 ސާމްޕަލެވެ. އަދި މި މުއްދަތުގައި ކޮވިޑް ބަލީގެ އަލާމާތްތައް ހުރެގެން ފުލޫ ކުލިނިކަށް ދެއްކި މީހުންގެ 107 ސާމްޕަލް ނެގިއިރު ޕޮޒިޓިވްވެފައިވަނީ 8 ސާމްޕަލެކެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއެޗްއާރު)ގެ ކޮވިޑް ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ 16 ދުވަސްތެރޭ ކުޅުދުއްފުށިން ޖުމްލަ 1463 ސާމްޕަލް ނެގިފައިވާއިރު، އޭގެ ތެރެއިން ޖުމްލަ ޕޮޒިޓިވްވެފައިވަނީ 66 ސާމްޕަލެކެވެ.

ކުޅުދުއްފުށީގައި މިވަގުތު ކޮންޓެކްޓުންގެ ގޮތުގައި 182 މީހުން ފާހަގަވެފައިވާއިރު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 56 މީހެކެވެ. 10 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ހުމާއި ރޯގާގެ އަލާމާތްތައް ހުރި އެންމެހާ ބޭފުޅުން ލަސް ނުކުރައްވާ ސާމްޕަލް ނެގުމަކީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އެޅިގެން ދާނެ ފިޔަވަޅެއް ކަމަށާއި ފުލޫ އޯޕީޑީއަށް ގޮސް ނުވަތަ 7606688 އަށް ގުޅާ ނުވަތަ އެސްއެމްއެސް ކޮށްގެން ސާމްޕަލް ނެގުމުމަށްވެސް ވަނީއެދިފަ އެވެ.

ކުޅުދުއްފުށިން މިދިޔަ މަހު 24 ވަނަ ދުވަހު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ފުލޫ އޯޕީޑީއަށް ދެއްކި 13 އަހަރުގެ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

މި ހާލަތުން އަރައިގަތުމަށް، ގިނަ ފަރާތްތަކެއްގެ ރެންޑަމް ސާމްޕަލް ނެގި ރަށުގައި އިތުރަށް ބަލި ނުފެތުރޭކަން ޔަޤީންކުރަން ޖެހޭތީ، އެންމެހާ ރައްޔިތުންވެސް ރެންޑަމް ސާމްޕަލް ނެގުމަށް އެއްބާރުލުން ދިނުމަށް އެ ކޭއާރުއެޗުން އެދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355