ވިހޭއިރު ދުނިޔޭގެ އެންމެ ކުޑަކުއްޖާ ސިންގަޕޫރު ހޮސްޕިޓަލެއްގައި އިންޓެންސިވް ޓްރީޓްމެންޓް ދިނުމަށް ފަހު ގެއަށް ދޫކޮށްލައިފި އެވެ.
ސިންގަޕޫރުގެ ކުވެކް ޔޫ ޝިއާން އަކީ ވިހޭއިރު ދުނިޔޭގެ އެންމެ ކުޑަކުއްޖާ އެވެ. ބަރުދަނުގައި ހުރީ އެންމެ 212 ގުރާމެވެ. އާދައިގެ އާފަލެއްގެ ބަރުދަނޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. މިކުއްޖާގެ ދިގުމިނުގައި ވެސް ހުރީ އެންމެ 24 ސެންޓިމީޓަރެވެ.
ކުއްޖަކު ވިހަން އާއްމުގޮތެއްގައި ނަގާނީ 40 ހަފުތާ އެވެ. ނަމަވެސް ޔޫ ޝިއާން ވިހޭ އެންމެ 25 ހަފްތާގަ އެވެ. މިއަންހެން ކުއްޖާގެ އަތުގައި މިހާރު ވިހޭއިރު ދުނިޔޭގެ އެންމެ ކުޑަކުއްޖާގެ ރެކޯޑް އޮވެ އެވެ. މީގެކުރިން މިރެކޯޑް އޮތީ އެމެރިކާގައި ވިހޭ ކުއްޖަކު އަތުގަ އެވެ. އެކުއްޖާ ވިހޭއިރު ބަރުދަނަކީ 245 ގުރާމެވެ.
ޔޫ ޝިއާންގެ މަންމަ އޭނާ ވިހެއީ ސީ ސެކްޝަނުގައި އެމަޖެންސީގަ އެވެ. އެއީ ވިހެއުމަށް ކަނޑައެޅިފައިވާ ޝެޑިއުލްގެ ހަތަރު މަސް ކުރިންނެވެ. އެހެންވުމުން އޭނާގެ ކިބައިން ވަނީ ޕްރީ-އެކްލަމްޕްސިއާ ކިޔާ ބައްޔެއް ފެނިފަ އެވެ. މި ބައްޔަކީ ކަންބޮޑުވާ މިންވަރަކަށް ލޭގެ ޕުރެޝަރު މަތިކޮށްލާ ބައްޔެކެވެ. އަދި މި ބަލީގެ ސަބަބުން ދިރިހުރުމަށް ބޭނުންވާ ވަރަށް ގިނަ ގުނަވަންތަކަށް ގެއްލުންވެ ކުއްޖާއާ މަންމަގެ ފުރާނަ ގެއްލިދާނެފަދަ ހާލަތެއް އައުމަކީ ވެސް ވަރަށް ގާތްކަމެކެވެ.
ޔޫ ޝިއާން އަކީ މިހާރު ވަރަށް ސިއްހަތު ރަނގަޅު ކުއްޖެވެ. އޭނާގެ ބަރުދަނުގައި މިހާރު 6.3 ކިލޯ (14 ޕައުންޑް) ހުރެ އެވެ. ސިންގަޕޫރުގެ ނެޝަނަލް ޔުނިވާސިޓީ ހޮސްޕިޓަލުން ބުނިގޮތުގައި ވިހޭއިރު މިތުއްތު ކުއްޖާގެ އޮތީ ސަލާމަތްވުމުގެ ވަރަށް ލިމިޓެޑް ފުރުސަތެކެވެ.
ހޮސްޕިޓަލުން ބުނިގޮތުގައި ވިހޭއިރު ކުރިމަތިވި ސިއްހީ މައްސަލަތަކާއި ހުރިހާ އޮޑްތަކަކާއެކު ވެސް ސަލާމަތްވުމާއެކު އެކުއްޖާ ވެފައިވަނީ އިންސްޕިރޭޝަނަކަށެވެ. މިކަމާހުރެ މިކުއްޖާ ވެފައިވަނީ އާދަޔާހިލާފު "ކޮވިޑް-19" ބޭބީއަކަށެވެ.
ޔޫ ޝިއާން އަށް ވަނީ އެކި މެޝިނުތަކުގެ އެހީގައި ފަރުވާދީފައި ކަމަށާއި އަދިވެސް ކްރޯނިކް ލަނޣް ޑިސީސް އެކުއްޖާގެ ގައިގައި ހުންނަ ކަމަށާއި ނޭވާލުމަށް ގޭގައި އެހީ ބޭނުންވާނެ ކަމަށް ވެސް ހޮސްޕިޓަލުން ބުނެފައިވެ އެވެ.
ހޮސްޕިޓަލުގައި ހޭދަވި ދުވަސްތަކަށް ދައްކަން ޖެހުނު ރުފިޔާ ހަމަކުރީ އެމީހުން ބޭއްވި ކުރައުޑް ފަންޑިން ކެމްޕޭނެއްގެ ތެރެއިން 270601 ޑޮލަރު ހޯދައިގެނެވެ.