ފޯނު ވައިބްރޭޓްވާން ފެށިއެވެ. އެއްފަހަރުއެވެ. ދެވަނަ ފަހަރުއެވެ. ދެން މުޅި ކޮޓަރިއަށް ވެރިވީ ހިމޭންކަމެވެ. ނާއިލް ދުރުގައި ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން ހުއްޓެވެ. ކައިރިއަށް ގޮސް ފޯނު ބަލާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެ މެސެޖުގައި އޮންނާނެ އެއްޗެއް އޭނާއަށް މިހާރު ވެސް އެނގޭ ފަދައެވެ. ކޮންމެވެސް ރައްޓެއްސެއްގެ ވަޒީފާގެ ކުރިއެރުމެކެވެ. ނޫނީ މީހެއްގެ ރަންކިޔުމެކެވެ. ކައިވެންޏެކެވެ. މީހަކު ގަނެފައިވާ އައު އެޕާޓްމަންޓްއެކެވެ. ނޫނީ ރާއްޖޭން ބޭރުން ވަޒީފާއެއް ހަމަޖެހިގެން ދިރިއުޅުން ބަދަލުކުރާ ވާހަކައެވެ. އަބަދުވެސް ކޮންމެވެސް މީހެއްގެ ކާމިޔާބީގެ ވާހަކައެވެ. އަބަދުވެސް އިވެނީ އެހެން މީހުންނަށް ލިބޭ ކުރިއެރުމުގެ ޚަބަރުތަކެވެ.
ބެލްކަންޏަށް ނުކުންނަން ހުރި ދޮރުގެ ބިއްލޫރިގަނޑުގެ ތެރެއިން ކޮޓަރިއަށް ވަންނަ ފަނޑު އަލިކޮޅު ފިޔަވައި އެހެން އަލިކަމެއް އެ ކޮޓަރީގައި ނުވެއެވެ. އިމާރާތުގެ 8 ވަނަ ބުރީގައި ހުރި، މުޅި އެ ސްޓޫޑިއޯ އެޕާޓްމަންޓްގައި ވެސް އޮތީ ކަނު އަނދިރިކަމެވެ. ބޭރުން މަގުމަތިން ދުއްވާ ކާރާއި ސައިކަލުތަކުގެ ބަރުގޮނު އެޅުމުގެ އަޑު ފިޔަވާ އިތުރު އަޑެއް ނެތެވެ. ދޭތެރެއަކުން ޒުވާނުންގެ ހުނުމާއި ހަޅޭކުގެ ފަނޑު އަޑެވެ. އެ އެންމެން ވެސް ދުނިޔެ ހިތަކަށް ލިބިގެން އުޅޭފަދައެވެ. ކޮންމެ ވެސް އުފާވެރިކަމަކާ ދިމާއަށް އަވަސްއަވަހަށް ދުވާ ފަދައެވެ. އެހެން ނޫންނަމަ އެހާ ބާރު ދުވެލީގައި ދުއްވާނެ ކަމެއް ނެތްތާއެވެ. އެހާ ވަރަށް ބަރުގޮނު އަޅާނެ ކަމެއް ނެތްތާއެވެ. ހީނސަމާސާކޮށް ސަކަރާތްޖަހަމުން މަގުމަތީ ދުވާނެ ކަމެއް ނެތްތާއެވެ. ހިމޭންކަން އޮތީ އެ އެޕާޓްމަންޓްގައި އެކަންޏެވެ. އެ ކޮޓަރި ތެރޭގައި އެކަންޏެވެ. އަނދިރިކަން އޮތީ އެ ހިތުގައި އެކަންޏެވެ.
ނާއިލްގެ އުމުރުން އެންމެ ނަވާވީސް އަހަރެވެ. މާދަމާ ތިރީސް އަހަރު ފުރޭނެ އެވެ. އެއީ ލާޗާރުބިޗާރުވެގެން ކަމެއް ނެތި ދުވާ ޒުވާނެއް ނޫނެވެ. އިންޓީރިއަރ ޑިޒައިނަރ އެކެވެ. އަމިއްލަ މަސައްކަތް ކުރެއެވެ. ކުޅަދާނަ ކުރެހުންތެރިއެކެވެ. އެކަމުން ވެސް އޭނާއަށް ހިތްހަމަޖެހޭ އާމްދަނީއެއް ލިބެއެވެ. ރަސްމީ ވަޒީފާއެއް ނެތްކަން އެކަންޏެވެ. ޓައީ އަޅައިގެން ފިނި އޮފީސް ކޮޓަރިއެއްގައި ހެނދުނު 8 އިން މެންދުރުފަހު 2 އަށް ނުއިންނަކަން އެކަންޏެވެ.
އެ ހަނި ބެލްކަންނިން ބޭރު ބަލަން ހުރުމަށް ފަހު، މަޑު ހިނގުމެއްގައި އައިސް ކޮޓަރިތެރެއަށް ވަދެ އެނދުގެ އަރިމަތީގައި ނާއިލް އިށީނދެލިއެވެ. އެނދުގެ ކައިރީގައި ހުރި އަދަރާދަގޮނޑި އޭނާއާ ގާތްކޮށްލި ގޮތަށް އިތުރު ހަރަކާތެއް ކޮށްލަން ވެސް ނޭނގިފައި އިންފަދައެވެ. ވަރުދެރައީ ހިކިއަނަރޫފަ ކަމަކުން ނޫނެވެ. ކާއެއްޗެހި ނުލިބޭތީއެއް ވެސް ނޫނެވެ. އެކަމަކު އެ ސިކުނޑީގައި ހިނގަމުންދިޔަ ވަރުގަދަ ތޫފާނުގެ ސަބަބުންނެވެ.
އަނެއްކާވެސް ފޯނު ވައިބްރޭޓްވިއެވެ. ދެ އިނގިލި ކުރީގައި އޮތް ބިޑި ނަގައި ތުންފަތުގައި ޖައްސައިލުމަށް ފަހު ދެ ފަހަރަކު ދަމާލިއެވެ. އަދަރާދަގޮނޑީގެ މަތީގައި ބަހައްޓާފައި ހުރި އަޅިކެނޑީގައި ވާ ކެނޑުމުގައި ބިޑި ބާއްވާލުމަށް ފަހު، އޭނާ މޫނުގައި ދެ އަތް ހާކާލިއެވެ. ވަޅުވަދެފައިވާ ދެކޮލެވެ. ހިކިފައިވާ ތުންފަތެކެވެ. ތުނބުޅި ދިގުވެފައި ހުރި މިންވަރުން ޓްރިމް ނުކުރާތާ ދެ ހަފުތާއެއް ވަރުވެފައިވާނެ ހެން ހީވެއެވެ. އެނދުމަތީގައި ދިއްލިފައި އޮތް ފޯނަށް ބަލައިލުމަށް ފަހު މިފަހަރު ނާއިލް ފޯނު ނެގިއެވެ.
އެއީ އާއިލާގެ ގްރޫޕް ޗެޓެކެވެ. ދެ ފޮޓޯ ފޮނުވާފައި އޮތެވެ. ހިނިތުންވެފައި ތިބި ދެ މީހެކެވެ. އެއީ އޭނާގެ ކުޑައިރުގެ އެކުވެރިންނެވެ. އެކަކު ހުރީ ދަސްވެނިވުމުގެ ހަފުލާއެއްގައި އޭނާގެ މަންމަ އާއެކު ހުއްޓިލައިގެންނެވެ. އަނެއް ފޮޓޯގައި އަނެކަކު ހުރީ އޭނާގެ އަލަށް އުފަންވި ދަރިފުޅު އުރާލައިގެންނެވެ. އެ ފޮޓޯތަކުގެ ތިރީގައި ނާއިލްގެ ދޮންތަގެ މެސެޖެއް އޮތެވެ.
"ހެއި، ޔުއަރ ސްކޫލް ފްރެންޑްސް ދޯ މީ. ބަލާބަ. ދޭ އަރ ޑުއިން ސޯމަޗް!"
ދެން އައީ އަނެއް މެސެޖެވެ. މިފަހަރު މަންމަގެ މެސެޖެކެވެ.
"ތިޔަ އެންމެން ވެސް ދިރިއުޅުން ފެށީ އެއް ހިސާބަކުން"
ނާއިލް ޓައިޕް ކުރަން އިނގިލި ހަރަކާތްކޮށްލި ތަނާ އޭގެ ފަހަތުން އަނެއްކާވެސް މަންމަގެ މެސެޖެއް އައެވެ.
"ތިހެން ނޫޅި ދިރިއުޅުމުގެ މުސްތަގުބަލާ މެދު ނާއިލް ސީރިއަސްކޮށް ވިސްނަން އެބަޖެހޭ"
ޓައިޕްކުރަން ހަރަކާތް ކޮށްކޮށް ހުރި ނާއިލް އިނގިލިތައް ގަނޑުވި ކަހަލައެވެ. މޭގައި ރިއްސާލިއެވެ. ބޮލަށް ހޫނު ވެލިއެވެ. އޭނާއަށް ދެ ފަރާތަށް ބޯ ހޫރުވާލެވުނެވެ. އަދި ނިތްކުރިއަށް ރޫއަރާ ވަރަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. އެކަމަކު ލޮލުން ފެންނަ އަކުރުތައް ފުސްވާން ފެށިއެވެ. އެއީ އޭނާއަށް ކިޔަން ނޭނގިގެންނެއް ނޫނެވެ. އެ ވާހަކަތަކަކީ އޭނާ އެތައް ހާސް ފަހަރަކު ކިޔައި އަޑުއަހާފައިވާ ވާހަކަތަކަކަށް ވާތީއެވެ. އާއިލާގެ ވައިބަރ ގްރޫޕުގައިއެވެ. ރައްޓެހިންގެ ސްނެޕްތަކުގައެވެ. އާއިލީ ބައްދަލުވުންތަކުގައެވެ. ކައިވެނި ހަފުލާތަކުގައެވެ. ބަންދު ދުވަސްތަކުގައެވެ. އެއްވެސް ވާހަކައެއް ދައްކަން ނުޖެހޭ ހިމޭން ވަގުތުތަކުގައި ވެސް ކުއްލިއަކަށް އެ ވާހަކަތައް އޭނާއާ ކުރިމަތިވެއެވެ.
"ރައްޓެހިންނަށް ބަލާބަލަ. އެމީހުން އުޅޭގޮތް ބަލާބަލަ."
"ބޮޑުދައިތަ ގޭ ކުދިން ނިކަން ދެކެބަލަ، އެއީ ވެސް ކުޑައިރު އެއް ތަށިން ކައިގެން އުޅުނު ކުދިންނޭ"
އެ ބަސްތައް އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. އޭނާގެ މުޅި ދިރިއުޅުމަކީ އިމްތިހާނު ކަރުދާހެއް ފަދައެވެ. އެހެން އެންމެން ރަންވަނަތަކާ އެކު ފާސްވެ ބޮޑެތި ކުރިއެރުންތައް ހޯދަނީއެވެ. ދިރިއުޅުމުގެ ލަނޑުދަނޑިތައް ހާސިލްކުރަނީއެވެ. އެ އިމްތިހާނުން ފޭލި ވަނީ ހަމައެކަނި ނާއިލް އެވެ.
އެއްވެސް ކަމެއް ނުކުރެވޭ ބޭކާރު މީހެއް ކަމުގެ އިހުސާސް އޭނާއަށް ކުރެވުނެވެ. އެއީ އަލަކަށް ކުރެވުނު އިހުސާސެއް ނޫނެވެ. އެފަދަ ވާހަކަތައް އޭނަ ރައްދުވާ ހަމަ ކޮންމެ ފަހަރުކު ވެސް ކުރެވޭ މޮޅިވެރި އިހުސާސްތަކެކެވެ. ޗޮކެއް ކަނޑާލުމަށް ފަހު ފޯނުގެ ސްކްރީން އޭނާ ނިއްވާލިއެވެ. އަދި ބާލީސްދަށަށް ފޯނު ކޮށްޕާލިއެވެ. އެ އެއްވެސް ވާހަކައެއް ދެން އަލުން އޭނާ އަޑުއަހަން ބޭނުން ނުވާފަދައެވެ. އެ މަންޒަރުތައް ބެލުމުގެ ޝައުގެއް ދެން އޭނާގެ ނެތް ފަދައެވެ.
އަނެއްކާވެސް މުޅި ތަނަށް އަނދިރިކަން ވެރިވިއެވެ. ނިވެމުން ދިޔަ ބިޑިން އަޅިކަނޑާލުމަށް ފަހު ބޯލިއެވެ. އެނދާ ދިމާ މަތިން އެނބުރެމުން ދިޔަ ފަންކާއަށް ނަޒަރު ހިންގާލަމުން ފުން ނޭވާއަކާއެކު ސީލިންގާ ދިމާއަށް ދުންތައް ބުރުވާލިއެވެ. އަދި އިށީނދެ އިން ދިމާލުން އެނދު މަށްޗަށް ވެއްޓިގަތެވެ. އިސްތަށިގަނޑުގައި އިނގިލިތައް ހިންގައިލަމުން ފަންކާއާ ދިމާއަށް ބަލަހައްޓައިގެން އޭނާއަށް އޮވެވުނެވެ. މުށި ކުލައިގެ އެ ފަންކާގެ ފިޔަތަކުގައި ބޯކޮށް ހިރަފުސް ތަތްލަވާފައި ހުރުމުން އެނބުރެނީ މަޑުންނެވެ. ލޮޅަމުން ދިޔަ ފަންކާގެ ދަނޑިގަނޑަށް ކަޅި ހުއްޓާލައިގެން އޭނާ އޮތެވެ. ނަމަވެސް އެ ބަސްތައް އޭނާގެ ސިކުނޑިން ފިލައިގެންނެއް ނުދިޔައެވެ. އެ ޚިޔާލުތައް އޭނާގެ ހާސްކުރަމުން ދިޔައިރު ވެސް އެނޫން ފިކުރެއް ކުރެވޭ ގޮތެއް ނުވިއެވެ.
ފަހަކަށް އައިސް އެއީ އަބަދުވެސް އޭނާއާއެކު ވާ ކަންކަމެވެ. އެ އަޑުތައް އޭނާގެ ވަށައިގެން ނަގޫރޯޅިއެއްހެން އެނބުރެމުން ދެއެވެ. ދުވާލެއް ރޭގަނޑެއް ތަފާތެއް ނެތިއެވެ. ގިނައީ ނުނިދޭ ރޭރެއެވެ. ގިނަ ރޭރޭ އެނދުގައި ފުރޮޅި ފުރޮޅި އޮއްވާ ފަތިސް ވެދެއެވެ. ބޭހެއް ކައިގެން ނިދިޖެހުނަސް ހުވަފެންތަކުގައި އެ ބަސްތައް އޭނާއަށް ގޯނާކުރެއެވެ. ވަރުގަދަ ސިންގާއެއް ނިކަމެތި ފުއްލާއެއް ޝިކާރަކުރާ ފަދައިންނެވެ. ނޫނީ އަނދިރިގަނޑެއްގެ ތެރެއިން ހަރާ ކަށިތަކަކުން އޭނާގެ މޭ ފޫއަޅުވާ ފަދައިންނެއެވެ.
ދެފަހަރަކު ޑޮކްޓަރަށް ދައްކައިގެން ނާއިލް ބޭސްކާން ވެސް ފެށިއެވެ. ނުނިދޭތީއެވެ. ކާހިތް ނުވާތީއެވެ. މަސައްކަތަށް ސަމާލުކަން ދޭން އުނދަގޫވާ ފަހަރު އަންނާތީއެވެ. އަދި ރުންކުރުވެ ކުދިކުދި ކަންކަމާ އަވަހަށް ރުޅިއާދެވޭ ކަމުގެ އިހުސާސް ވެސް ކުރެވޭތީއެވެ. މަންމަމެން ކިޔަނީ އެއީ މާގިނަ އިރު ކޮންޕިއުޓަރަށް ބަލައިގެން ކޮޓަރީގައި އެކަނި އިންނާތީ ވާގޮތެއް ކަމަށެވެ.
"މަންމަ ބުނި ބަސް އަހައިގެން ބޭބެ ހެން ޑޮކްޓަރުކަން ކިޔެވި ނަމަ ގައިމު ތި ކޮންޕިއުޓަރު ކައިރީގަ އަބަދު ނީނދެ ފަރުޖެހުނީހެއްނު. ހަމަ ގޮތްދޫނުކޮށް ތިޔެއް ކިޔަވަންވެއްޖެ ވިއްޔާ. ކީކޭދެން ބުނާނީ.."
ބޭސްކެއުމުން ލުއި ވިޔަސް، އަބަދުއަބަދު އެ ފަދަ ބަސްތަކާ ކުރިމަތި ވާތީ، ބޭސް ވެސް ވަނީ އަބަދު ކާހާއެވެ. އެހެންވެ މިހާރު އޭނާ ޑޮކްޓަރަށް ދައްކާ ހިތެއް ވެސް ނުވެއެވެ. ފަހަކަށް އައިސް ގިނައީ މަސައްކަތްތައް ވެސް ކަނޑައަޅައިފައި މުއްދަތަށް ނުނިންމޭ ފަހަރެވެ. އެކަމަކު ކަސްޓަމަރުންނަށް އޭނާ ނުފިލައެވެ. ޤަވާއިދުން މަސައްކަތުގެ އަދާހަމަތައް ފޮނުވައެވެ. ލަސްވާ ދުވަސްތަކަށް ޑިސްކައުންޓް ހަމަޖައްސައިދެއެވެ. ވާހަކަ ދައްކަނީ އުފާވެރި ހިނިތުންވުމަކާ އެކުއެވެ. މަޑުމައިތިރިކަމާއި އިތުބާރާއެކުއެވެ. އެމީހުންނަށް ނޭނގެނީ އެ ހިނިތުންވުމުގައި ފޮރުވިފައިވާ ހިތާމައެވެ. އެ މަޑުމައިތިކަމާ އިތުބާރުގައި ފޮރުވިފައިވާ ހާސްކަމާއި އަނދިރިކަމެވެ.
ފާރުގައި ހުރި ގަޑިއަށް ނާއިލް ބަލައިލިއެވެ. އެގާރަގަޑި ބައިވީއެވެ. މެންދަން ވަނީއެވެ. އޭނާ މަޑުމަޑުން ތެދުވެ ޑްރެސިންގ ޓޭބަލްގައި ހުރި ލޯގަނޑާ ދިމާލަށް ހިނގައިގަތެވެ. ލޯގަނޑުގައި އަތް ހަރަކާތްކޮށްލަމުން ހިރަފުސްތައް ކަހާލިއެވެ. އަދި ލޯގަނޑުން ފެންނަން ހުރި ނާއިލްގެ އަމިއްލަ ސޫރައަށް ބަލައިލިއެވެ. އެ ދެ ލޮލުގެ ވަށައިގެން ވަނީ ކަޅުވެފައެވެ. ކަޅު ދަވާދުން ބޮޅެއް އަޅައިފައި ހުރި ފަދައެވެ. ފެންނަނީ އިންތިހާ ދަރަޖައިގެ ވަރުބަލިކަމެވެ. އެއީ ހަމައެކަނި އޭނާގެ ހަށިގަނޑަށް ލިބިފައިވާ ޖިސްމާނީ ވަރުބަލިކަމެއް ނޫނެވެ. އެއީ އެހެން މީހަކަށް އިހުސާސް ނުކުރެވޭ ފަދަ ބުރަ ތަކުލީފުތަކެއް އުފުލަމުންދާ މީހެއްގެ ނަފުސާނީ ވަރުބަލިކަމެވެ.
ލޯގަނޑުގެ އަރިމަތީގައި ތަތްކޮށްލާފައި ހުރި ކަރުދާހުން ހަދައިފައިވާ ހިތަށް އޭނާގެ ނަޒަރު ހުއްޓުނެވެ. ކުލަ ފަނޑުވެފައި ހުރި ނަމަވެސް ''ހެޕީ އެއިޓީންތް ބަރތްޑޭ ލޯބީ" ޖަހާފައި ހުރި ލިޔުންކޮޅު އެނގެން ހުއްޓެވެ.
ނާއިލްއަށް އޭނާގެ އުމުރުން އަށާރަ އަހަރުގެ ހަނދާންތައް އާވިއެވެ. އޭރު މުސްތަގުބަލު ފެންނަނީ އެއްވެސް ހުރަހެއް ނެތް، އުންމީދުން ފުރިގެންވާ ގޮތަކަށެވެ. ކޮންމެވެސް ބޮޑު ކަމެއް ހާސިލުކޮށް، އެންމެން ފަޚުރުވެރިވާނެ ފަދަ މީހަކަށް ވާނެ ކަމުގެ އުންމީދު އޭނާ ކުރިއެވެ. ކިޔަވާ ނިންމުމަށް ފަހު ލޯބިވެރިޔާއާ އެކީ ޒަވާޖީ ހަޔާތެއް ފަށައި، ގިނަ ދަރީންތަކެއް ހޯދާނެކަމަށް ބުނެ ދެމީހުން އެތަކެއް މަލެއް ފޮޅުވިއެވެ. އެއީ އޭނާ އަމިއްލަ ނަފްސަށް ވީ ވައުދުތަކެކެވެ. އޭނާ އަމިއްލައަށް ކުރި އުންމީދުތަކެކެވެ. ނަމަވެސް، ބާރަ ވަރަކަށް އަހަރު ފަހުން މިއަދު، އެ ހުރިހާ އުންމީދުތަކެއް ފެނަށްވެ، ވީ ވައުދުތައް އުވިފައިވާ ކަމުގެ އިހުސާސް އޭނާއަށް ވަނީ ކުރެވިފައެވެ. އޮތީ ދިރިއުޅުމުގައި ކުރިއަށް ދިއުމުގެ ބޭނުމެއް ނެތްކަމުގެ އިހުސާސް އެކަންޏެވެ. އޭނާ ދިރިއުޅޭ އެޕާޓްމަންޓް ކުޑައެވެ. ބޭންކުގައި ރައްކާކުރެވިފައި ހުރި ފައިސާ އެއަށްވުރެ ވެސް މަދެވެ. ގާތްކަމަށް ދެކެވޭނޭ ރައްޓެއްސެއް ނެތެވެ. ރަނގަޅު މަޝްވަރާއެއް ޚިޔާލެއް ދޭނޭ އާއިލާއެއް ނެތްފަދައެވެ. އޭނާ ދެކުނު ހުވަފެންތައް ވަނީ މުޅިން ފަނޑުވެފައެވެ.
ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަން ހުރި ނާއިލްގެ ނަޒަރު ޑްރެސިންގ ޓޭބަލްގެ ވަތްގަނޑާ ދިމާލަށް ހުއްޓުނެވެ. އަތްގަނޑުގައި ހިފައި އެ ވަތްގަނޑު ހުޅުވާލުމަށްޓަކައި ގަޔާ ކައިރިއަށް ދަމާލި އިރު އޭނާގެ އަތް ތުރުތުރުލަމުން ދިޔައެވެ. ހީވަނީ ބޮލުގައި ބަޑިއެއް ޖައްސައި ބިރުދައްކައިގެން އޭނާ ލައްވާ ގަދަކަމުން އެ ވަތްގަނޑު ހުޅުވަން މީހަކު މަސައްކަތްކުރަނީ ހެންނެވެ. ވަތްގަނޑު ހުޅުވާލެވުމާ އެކު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
އެތެރޭގައި އޮތީ އެންމެ ކަރުދާސްކޮޅެކެވެ. ފަތްޖަހާފައިވާ ކަރުދާސްކޮޅެކެވެ. އެއީ އަބަދުވެސް އޭނާގެ އިންތިޒާރުގައި އޮތް އެއްޗެއް ފަދައެވެ. އޭނާގެ ހިތުގެ ތެޅުން އަވަސްވިއެވެ. އަދިވެސް އެ ކަރުދާސްކޮޅު އޮތީ ރޭ ވެސް އޮތް ގޮތަށެވެ. ދެ ރޭ ކުރިން ވެސް އޮތްގޮތަށެވެ. މީގެ މަހެއް ކުރިން އޭނާ ހަމަ ބޭއްވިގޮތަށެވެ. ވަރަށް ސާފުކޮށް، ފަރުވާތެރިކަމާއެކު ލިޔެފައިވާ އެ ނޯޓު ނާއިލް ލިޔުނީ އޭނާގެ އަމިއްލަ އަތުންނެވެ. އެ ލިޔުމަށް ފަހު ފަތްޖަހައިލީއެވެ. އަދި ވަތްގަނޑުގައި ފޮރުވީއެވެ. އެކަމަކު ތަކުރާރުކޮށް އެ ކިޔުމަށް އޭނާ އެނބުރި އާދެއެވެ. އެންމެ ފުރަތަމަ ހަފުތާއަކު އެއް ފަހަރުއެވެ. ދެން ހަފުތާއަކު ދެތިން ރޭއެވެ. މި ދެތިން ރޭ ހަމަ ކޮންމެ ރެއަކު ވެސް މެއެވެ.
ކޮންމެ ފަހަރަކުވެސް އޭނާ އަމިއްލަ ނަފްސަށް ވިސްނައިދެނީ އެއީ ހަމައެކަނި މެސެޖެއް ކަމަށެވެ. އެއީ ހަމައެކަނި ލަފުޒުތަކެއް ކަމަށެވެ. އޭނާގެ ހިތުގައިވާ ފުން ކަނޑުގައި ހުޅިނަގައި ނަގަމުން ދިޔަ ބިޔަ ރާޅުތަކުން ސަލާމަތްވާނެ މަގެއް ކަމަށެވެ. އޭގެ މައްޗަށް އެއްވެސް ކަމެއް ކުރުމަށް ބޭނުން ވެސް ނުވާނެ ކަމަށެވެ. އެހެނަސް، އޭނާ ދުވަހަކު ވެސް އެ ކަރުދާސްކޮޅު އެއްލައެއް ނުލައެވެ. ތުރުތުރުއަޅާ ހާލުގައި އޭނާ އެ ކަރުދާސްކޮޅު ނިއުޅާލިއެވެ. ފުރަތަމަ ޖުމްލައަށް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ. ލަސްލަހުން ކިޔާލިއެވެ. ދެން ކިޔުން ހުއްޓާލިއެވެ. އެއީ އޭގައިވާ ކޮންމެ ލަފުޒެއް، ކޮންމެ އަކުރެއް އޭނާއަށް ހިތުދަސްވެފައިވާތީއެވެ.
ކުއްލިއަކަށް ގުގުރާލުމާއެކު ބޯކޮށް ވާރޭ ވެހެން ފެށިއެވެ. ޖުންޖުލައިގެ ކޮޅިގަނޑެއް ކަންނޭގެއެވެ. ކޮޓަރިތެރެ ކުރިއަށްވުރެ ކަނު އަނދިރިވި ކަހަލައެވެ. އޭނާގެ ޚިޔާލުތައް އާއިލީ ބައްދަލުވުންތަކަށް ދަތުރުކުރިއެވެ. އަބަދުވެސް ކުރިމަތިވާ ނިމުމެއް ނެތް ސުވާލުތަކަށެވެ.
"އެ ބުނި ވިޔަފާރީގެ ކަންތައް ކިހިނެއްވީ؟"
"ކަލޭގެ ރައްޓެހިން މިހާރު ގެދޮރުވެސް ބިނާކޮށްފި."
"ނަސީމައްތަގެ ދަރި މިހާރު ހުރީ މެނޭޖަރެއްގެ މަގާމުގައި."
"ކޮން އިރަކުންތަ ކައިވެނި ކުރަނީ؟"
"ކީއްވެ އެ ކުއްޖާއާ ރުޅިވީ؟ އޭނަ މިހާރު މީހަކާ އިނދެގެން ދަރިން ވެސް ހޯދައިފި"
"ތިޔަށްވުރެ ރަނގަޅަށް ކަންކަން ކުރަން އެބަޖެހޭ"
ނާއިލް އުފަލުގައި ހުރިތޯ އެކަކުވެސް ދުވަހަކު ވެސް އަހައެއް ނުލައެވެ. އޭނާ އުޅެމުންދާ ހާލަތާ ބެހޭގޮތުން ނުވަތަ އޭނާ ކުރަމުންދާ ހިތްދަތި ތަޖުރިބާތަކާ ބެހޭގޮތުން ސުވާލުކުރާނެ މީހަކު ނެތެވެ. ކޮންމެ ދުވަހަކު ހެނދުނު ހޭލައިގެން ތެދުވުމަށް އޭނާ ކުރާ ހިތްވަރާ މެދު ވިސްނާލާނެ މީހަކު ނެތެވެ. އެންމެންގެ ވެސް ނަޒަރު ހުރީ ހަމަ އެކަނި ނަތީޖާއަށެވެ. ހާސިލްކުރާ ކާމިޔާބީތަކާއި ދިރިއުޅުމުގެ އައު މަންޒިލްތަކަށެވެ. އޭނާ ދުވަމުންދާ ރޭހުގައި ކުރި ހޯދާކަމުގެ ހެކިތަކަށެވެ. އެކަމަކު އެއީ ދުވަހަކު ވެސް އޭނާ އަމިއްލައަށް ބައިވެރިވާން އެދިފައިވާ ރޭހެއް ނޫނެވެ. އަމިއްލަ ދުވެލީގައި ދަތުރުކުރުމުގެ މައްސަލައަކީ ކޮބާ ހެއްޔެވެ؟ ތިރީސް އަހަރު ވާއިރު މީހަކާ އިންނަން މަޖުބޫރު ހެއްޔެވެ؟ ކުންފުންޏެއްގެ މެނޭޖަރަކަށް ވާން މަޖުބޫރު ހެއްޔެވެ؟
އަނެއްކާ ވެސް ނާއިލްގެ ނަޒަރު އެ ކަރުދާސްކޮޅަށް ހުއްޓުނެވެ. މިރޭ އެ ލިޔުންތައް މާ ބަރުހެން އޭނާއަށް ހީވެއެވެ. ނުރައްކާތެރި މިންވަރަކަށް ބަރުހެންނެވެ. ކަރުދާސްކޮޅުގައިވާ ޖުމުލަތަކަށް ނަޒަރު ހިންގަމުން ދަނިކޮށް، ކިޔަމުން ދިޔަ ލަފުޒުގެ މައްޗަށް ކަރުނަ ތިއްކެއް ވެއްޓުނެވެ. އެއަށްފަހު އަނެއް ތިއްކެވެ. ބޭއިޚްތިޔާރުގައިއެވެ. ދެން ހުއްޓުމެއް ނެތިއެވެ. ހައިރާން ކަމާއެކު އޭނާ ކޯތާފަތުގައި އިނގިލި ޖައްސާލިއެވެ. އަދި ދުލުގެ ކުރީގައި ޖައްސާލެވުނެވެ. ވާރޭ ފެންތިކިތަކެއް ނޫނެވެ. ހަމަ ކަރުނައެވެ. މީހަކަށް ފެނިދާނެތީ ފޮހެލާހެން އޭނާ އަވަސް އަވަހަށް ކަރުނަތައް ފޮހެލިއެވެ. ފިރިހެނުންނަކީ ހިތާމަތަކާއި ތަދުތައް ހިފަހައްޓައިގެން، ހިމޭނުން ތިބެންޖެހޭ ބައެއް ކަމަށް އޭނާ އަދިވެސް ގަބޫލުކުރާ ކަހަލައެވެ. ފިރިހެނުން ރުއިމަކީ ރަނޑާލިވުންކަމަށް ވިސްނޭ ފަދައެވެ. ފިކުރުބޮޑުކުރުމަކީ ގަސްތުގައި ކުރާކަމެއްކަމަށް ދެކޭފަދައެވެ. ފިރިހެނުން ގަޓުވާން ޖެހޭނެއެވެ. ކޮންމެ ކޮންމެ ކަމަކާ ބޯގޮވައިގެން އުޅޭކަށް ނުވާނެވެ. ކަމެއް ދިމާވާއިރަށް ކަންތައްގަނޑު ބޮޑުކުރާނީ އަންހެންވެރިންނެވެ. އެއީ އަބަދު ވެސް ރޯނެ ކަމެއް، ދެރަވާނެ ކަމެއް، ވިސްނާނެ ކަމެއް ނުފެނިފައި ތިބޭ ބައެކެވެ.
އޭނާގެ ނަޒަރު ފޯނަށް ހުއްޓުނެވެ. އާ ނޮޓިފިކޭޝަނެކެވެ. އާއިލާގެ ވައިބަރ ގްރޫޕަށް ދޮންބެ ފޮނުވާފައިވާ މެސެޖެކެވެ.
"މަންމާ އޭނަ ދެން މާ އީމޯ ވެގެން އުޅެނީއޭ ހަމަ. ކުރެހޭނީ އޭރުންނޯ. ޓިޕިކަލް އެޓެންޝަން ސީކިންގ ބިހޭވިޔާ. ޓްރަސްޓް މީ. އައި ނޯ. އައި އޭމް ސްޓަޑީން އިޓް. ހެހެ."
ނާއިލްއަށް ހުއްޓުން އެރި ފަދައެވެ. އޭނާގެ ދޮންބެގެ ފަރާތުން އެކަހަލަ ވާހަކައެއް އޭނާއާ ދިމާއަށް ބުނެފާނޭ ހިތަށް ވެސް އޭނާ ނާރައެވެ. އަނެއްކާ ވެސް އެ ހަނދާންކޮށްދިނީ ނާއިލް ބޭކާރުވެފައިވާ މިންވަރެވެ.
ކުއްލިއަކަށް އެ ކޮޓަރި ކުޑަވެ، ފާރުތައް އޭނާއާ ދިމާލަށް ކައިރިވަމުން އަންނަ ކަހަލަ އިހުސާސެއް ކުރެވުނެވެ. ސީލިންގު ތިރިވެ، ހީވީ ފަންކާގެ ފިޔަތަކުން އޭނާ ކޮށާލަފާނެ ހެންނެވެ. ނޭވާލާން ވެސް ދަތިވިއެވެ. ދެލޯ ފުސްވެ ކަންފަތް ބަށްވިއެވެ. އަތްތިލަ އާއި ފައިތިލައަށް ހީވީ ތޫނު އިލޮށިތަކެއް ހަރާ ހެންނެވެ. މުޅިގައި ހިރުވަންފެށިއެވެ. އޭނާގެ އަތް މުށްކެވުނެވެ. ދެތިން ފަހަރު މޭގައި ބާރަށް ޖަހާލެވުނެވެ. އެ ޚިޔާލުތަށް މެއިން ކޮށްޕާ ނެރެން މަސައްކަތްކުރާ ފަދައެވެ.
އެވަގުތު އޭނާއަށް ހީނލެވުނެވެ. އެއީ ހިތްދަތިކަމުން ފުރިގެންވާ، ހުސްކަންމުން ފުރިގެންވާ ހީނލުމެކެވެ. އެއީ އާދައިގެ ހިތާމައަކަށްވުރެ ބޮޑު، މާ ފުން އަސަރުތަކެއްގެ ތެރެއިން އުފެދުނު ހިނިގަނޑެކެވެ. ބުއްދިފިލާފައިވާ މޮޔައަކު ހޭފަދައިންނެވެ.
ދެފަރާތަށް ބޯހޫރުވާލުމަށް ފަހު ނާއިލް އެ ކަރުދާސްކޮޅު ފަތްޖަހާލައި ގަމީހުގެ ޖީބަށް ލިއެވެ. އަދި މަޑުމަޑުން، ނުހަނު ފަރުވާތެރިކަމާއެކު ވަތްގަނޑު ލައްޕާލައި ކޮޓަރީގެ މެދަށް ޖެހިލިއެވެ. ފާރުގައި ހުރި ގަޑީގެ ކަށި ހިނގާ އަޑު އިވެއެވެ.
ޓިކް!
ޓިކް!
ޓިކް!
މެންދަމު ބާރަޖަހަން ހުރީ ދެތިން މިނެޓަށް ވެފައެވެ. ކޮންމެ ސިކުންތަކީ ވެސް މިހާރު މުހިންމު ވަގުތެކެވެ. ނާއިލް ފަންކާއާ ދިމާއަށް ނަޒަރު ހިންގާލިއެވެ. ބޯ އަރިކޮށްލައިގެން ހުރިގޮތުން ހީވަނީ ފަންކާއެއް އަލަށް ފެނިގެން ހުރި ކުޑަ ކުއްޖެއް ހެންނެވެ. ކުޑަ އިރުކޮޅަކު ބަލަން ހުރުމަށް މަޑުމަޑުން އިސްޖަހާލިއެވެ. އަދި ކޮޓަރީގެ ދޮރާދިމާއަށް ބަލައިލިއެވެ. ދެން ބެލްކަންޏަށް ނުކުންނަން ހުރި ދޮރާ ދިމާއަށެވެ. މަޑު ހިނގުމެއްގައި ނާއިލް ހިނގައިގަތެވެ. އެއް ފިޔަވަޅެވެ. ދެން އަނެއް ފިޔަވަޅެވެ. ޖީބުގައި އޮތް ކަރުދާސްކޮޅު އޭނާގެ މޭގައި ވަކި ހިއްޕާ ކަހަލަ އިހުސާސެއް ކުރެވެމުންދިޔައެވެ.
އަނެއްކާވެސް ފޯނު ވައިބްރޭޓްވާ އަޑު އިވުނެވެ. ނަމަވެސް މިފަހަރު އޭނާ އެއަކަށް އެއްވެސް ސަމާލުކަމެއް ނުދެއެވެ. މިހާރު އޭނާ ހުރީ ދޮރު ކުރިމަތީގައެވެ. އޭނާގެ އަތް ދޮރުގެ އަތްގަނޑުގައި ޖެހުނެވެ. ފިނި ދަގަނޑެކެވެ. ފިނިވެފައިވާ އަތެކެވެ. ހިތުގައި އުފެދިފައިވާނީ ފިނި ޚިޔާލުތަކެވެ.
އޭނާގެ ހިތުގެ ވިންދު ބާރުވެ، އެ އަޑު ކަންފަތަށް އިވޭހާ ގާތްވިއެވެ. އެ ދޮރުގެ ބޭރުގައި އޮތީ މުޅި ދުނިޔެއެވެ. އޭނާގެ ކާމިޔާބީތައް މިނެކިރާ، އެހެން މީހުންނާ އަޅާކިޔާ، އަދި އޭނާއާ މެދު ގޮތް ނިންމާ ދުނިޔެއެވެ. އޭނާއަކީ އެހެން މީހުންނަށްވުރެ ފަހަތުގައި ހުރި މީހެއްކަން ވިސްނައިދިން ދުނިޔެއެވެ. ހިތްހަމަޖެހުމަށް ވުރެ ކާމިޔާބީގެ އަގު މާ ބޮޑުކަން އޭނާއަށް ދަސްކޮށްދިން ދުނިޔެއެވެ.
އޭނާގެ އަތް މޭގައި ޖައްސައި ބާރުކޮށްލިއެވެ. ޖީބުގައި އޮތް ފަތްޖަހާފައިވާ ކަރުދާސްކޮޅު ބޮނޑިވާ އަޑު އިވުނެވެ. އެ ހިނދު އެ ކަރުދާސްކޮޅު ބާއްވާފައި ދިއުމަށް އޭނާގެ ހިތަށް އެރިއެވެ. އަދި އަނެއް ހިނދުކޮޅުގައި އެ ހިފައިގެން ދިއުމަށް ވެސް ހިތަށް އެރިއެވެ. މި ދެ ގޮތުގެ ދެމެދުގައިވާ ތަފާތަކީ އޭނާއަށް މިންކުރަން ވެސް ނޭނގޭހާ ބޮޑު ތަފާތެކެވެ. ބޭރުގައި ތޫފާން ގަދަވަމުން އަންނަނީއެވެ. ގަޑީގެ ކަށިތައް އެއްވެސް ރަހުމެއް ނެތި ކުރިއަށް ދަނީއެވެ. އިސާހިތަކު ބާރަ ޖަހާފާނެއެވެ. އުމުރު ދެބައިވެ ދާނެއެވެ. ބޭކާރު މަސްގަނޑެއްގެ އުމުރެވެ. ބޭކާރު ހަޔާތެއްގެ އުމުރެވެ.
ދެ ފިކުރުގައި ނާއިލް ހުއްޓި ހުރީ އިރުކޮޅަކުއެވެ. މެންދަމު ބާރަޖެހުމުން ގަޑިން އިއްވާލި އަޑާއެކު، އުންމީދާއި މާޔޫސްކަމާއި ދެމެދު... އުފަލާއި ހިތާމައާ ދެމެދު... އިތުބާރާއި ލަދުވެތިކަމާ ދެމެދު... އަމާންދިނުމާއި ދެކޮޅުވެރިވުމާ ދެމެދު... އަރާމާއި ވޭނާ ދެމެދު... އުޖާލާކަމާއި ބިރުވެރިކަމާ ދެމެދު.. އޭނާ ގޮތް ނިންމައިފިއެވެ.
ކުއްލިއަކަށް ދޮރުގެ އަތްގަނޑު އަނބުރާލިއެވެ. ދޮރު ހުޅުވިއްޖެއެވެ. އޭނާ ބާރަށް ކުރިއަށް ހިނގައިގަތެވެ. ފަހަތުން ދޮރު ލައްޕާލަން ވެސް ފިކުރެއް ނެތެވެ. ދެ ލޯ މެރިފައި ހުރި ނަމަވެސް އެ މޫނުމަތިން ފެނުނީ ކުއްލި އުފާވެރިކަމެވެ. ހިތަށް ބޮޑު ތަސައްލީއެއް ލިބިފައިހުރި މީހެއް ފަދައެވެ. އެތަކެއް އަހަރަކު ގައިދުވެފައި އިން ދޫންޏެއް އުދުއްސައިގަތް ފަދައެވެ.
އެ ފަތްޖެހި ކަރުދާސްކޮޅު އޭނާގެ ޖީބުގައި ބާއްވާފައި އޮތީ ބާވައެވެ؟ ނުވަތަ ބޮނޑިކޮށްލުމަށް ފަހު ނިދާކޮޓަރީގެ ތަޅުންގަނޑު މައްޗަށް ވައްޓާލައި ހަނދާންނައްތާލައިފައި އޮތީ ބާވައެވެ؟ އެ ސިއްރު، އެ ކަނު އަނދިރިކަމުގެ ތެރޭގައި ވަންހަނާވެއްޖެއެވެ.




