twitterviber whatsapp telegramfacebookyoutube instagram
19th April 2024

ގާނޫނީ ކޮލަމް: ބޭނުންކުރާ އުޅަނދުގެ ރަޖިސްޓަރީ އޮތީ ވެރިފަރާތުގެ ނަމުގައިތޯ؟

Aug 12, 2021

ތިމާ ދުއްވާ ސައިކަލު ނުވަތަ ކާރު އޮތީ ރަޖިސްޓްރީ ކޮށްފައިތޯއެވެ؟ ނުވަތަ މީހެއްގެ އަތުން އެފަދަ އުޅަނދެއް ގަތުމަށްފަހު، އެއުޅަނދުގެ ރަޖިސްޓަރީ ބަދަލުކުރިންތޯއެވެ؟ ނުވަތަ ރަޖިސްޓަރީ ގެއްލިގެން ނުވަތަ ހަލާކުވެގެން ރަޖިސްޓަރީ އާ ކޮށްފިންތޯއެވެ؟ މިފަދައިން އަހަރުމެންގެ ތެރޭގައި އެއްގަމު އުޅަނދުގެ ވިޔަފާރި މުޢާމަލާތްތައް ހިނގުމަށްފަހު، ނަމަވެސް އެއުޅަނދުގެ ރަޖިސްޓަރީ އާގުޅޭގޮތުން ކުރަންޖެހޭ މުހިންމު ކަންތައްތަކަށް އިހުމާލުވުމުގެ ސަބަބުން، ގެއްލުން ލިބޭ ތަން ފެންނަނީ މަދަކުންނޫނެވެ. ވީމާ، އެއްގަމު އުޅަނދުގެ ރަޖިސްޓަރީ އަކީ ޤާނޫނީގޮތުން ކިހާ މުހިއްމުކަމެއް ދީފައިވާ އެއްޗެއްތޯ ބަލާލަމާތޯއެވެ.

ރަޖިސްޓްރީ ކުރުން

އިންޖީނުލީ ކޮންމެ އުޅަނދެއްވެސް ދުއްވަންވާނީ، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ގައި ރަޖިސްޓަރީ ކުރުމަށްފަހުގައެވެ. އެގޮތުން، ރަޖިސްޓަރީ ކުރުމަށް އެދި، މާލޭގައިނަމަ ޓްރާންސްޕޯޓް އޮތޯރިޓީ އަށް އަދި އަތޮޅުތެރޭގައިނަމަ އެ އިންތިޒާމް މިނިސްޓްރީން ހަމަޖައްސާފައިވާ އޮފީހަށް، އެކަމަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތަކުގެ އަސްލު ހުށަހެޅުމުން، އެއުޅަނދެއް ރަޖިސްޓަރީ ކުރެވިގެންދާނެއެވެ. އެގޮތުން ހުށަހަޅަންޖެހޭ ބައެއް ލިޔެކިއުންތަކުގެ ތެރޭގައި، އުޅަނދު ރާއްޖެއަށް އެތެރެކުރިކަން އެނގޭ ލިޔުމާއި، އެއުޅަނދަކަށް ދައްކަންޖެހޭ ހުރިހާ ފީތައް ދައްކާފައިވާ ކަން އެނގޭނެ ލިޔުމާއި، ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅު ހުންނަ އިންޖީނުލީ އުޅަނދެއްނަމަ އެ އެތެރެކުރުމުގެ ހުއްދަ އާއި އަދި އުޅަނދު ބާއްވާ ގަރާޖުގެ ލިޔެކިއުންތައް ހިމެނިގެންވެއެވެ.

ވެރިފަރާތް ބަދަލުކުރުން

އެއްގަމު އުޅަނދެއް އެހެންފަރާތަކަށް ދީފިނަމަ ނުވަތަ ވިއްކައިފިނަމަ، އެ އުޅަނދެއްގެ ރަޖިސްޓަރީ އެފަރާތެއްގެ ނަމަށް އެންމެ ލަސްވެގެން 6 މަސް ދުވަހުގެ ތެރޭގައި ވެރިފަރާތުން ބަދަލުކުރަންޖެހޭނެއެވެ. އަދި ބަދަލުނުކޮށް އެ އުޅަނދެއް ބޭނުންކޮށްފިނަމަ ނުވަތަ ދުއްވައިފިނަމަ އެކުރަނީ މަނާކަމެކެވެ. އުޅަނދަކާ ގުޅޭގޮތުން އުފުލަންޖެހޭ އެންމެހައި ޒިންމާ އުފުލާނީ، އެއިރަކު އެ އުޅަނދެއްގެ ވެރިފަރާތް ކަމުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތުންނެވެ.

އެއްގަމު އުޅަނދެއްގެ ވެރިފަރާތް ބަދަލުކޮށްދިނުމަށް އެދި ރަޖިސްޓަރީ ބަދަލުކުރުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުމެއް ފުރިހަމަކުރުމަށްފަހު ހުށަހަޅާތާ ލަސްވެގެން 20 (ވިހި) ދުވަހުގެ ތެރޭގައި އެ އުޅަނދެއްގެ ވެރިފަރާތް ބަދަލުކޮށް، އާ ރަޖިސްޓަރީ އެއް ލިބޭނެއެވެ. އެހެންނަމަވެސް، ވެރިފަރާތް ބަދަލުކުރާ ދުވަހާ ހަމައަށް، އެ އުޅަނދަކާ ގުޅިގެން ސަރުކާރަށާއި އެހެން ފަރާތަކަށް އަދާކުރަންޖެހޭ ފައިސާއެއްވާނަމަ، އެ ފައިސާއެއް ދައްކައި ޚަލާސްކުރުމުން ނޫނީ އުޅަނދުގެ ރަޖިސްޓަރީ ބަދަލެއް ނުކުރެވޭނެއެވެ.

ރަޖިސްޓަރީ ކޮށްފައިވާ އުޅަނދެއްގެ ވެރިފަރާތް ނިޔާވެއްޖެނަމަ އެ އުޅަނދެއްގެ ވެރިފަރާތް ބަދަލުކޮށްދޭނީ، ޝަރީއަތުން ނިންމާގޮތެއްގެ މައްޗަށް ނުވަތަ އެފަރާތުގެ ވާރިސުން އެއްބަސްވެ ހުށަހަޅާ ގޮތެއްގެމަތިންނެވެ. އެ އުޅަނދެއްގެ ވެރިފަރާތްކަމުގައި ވަކިފަރާތެއް ޝަރީއަތުން ކަނޑަނާޅާހާ ހިނދަކު، އެ އުޅަނދެއްގެ ވެރިފަރާތްކަމުގައި ބެލެވޭނީ އެފަރާތުގެ ވާރިސުންނެވެ.

ރަޖިސްޓްރީ އާކުރުން

ރަޖިސްޓަރީ ގެއްލިގެން ނުވަތަ ހަލާކުވެގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އާ ރަޖިސްޓަރީއެއް ހަދައިދޭނީ، އެ އުޅަނދެއްގެ ވެރިފަރާތުން މިނިސްޓްރީ އަށް ހުށަހެޅުމުން، އެއުޅަނދަކާ ގުޅިގެން ސަރުކާރަށް ނުވަތަ އެހެން ފަރާތަކަށް އަދާކުރަންޖެހޭ ފައިސާއެއްވާނަމަ، އެ ފައިސާއެއް އަދާކުރުމުން ނުވަތަ ފައިސާދައްކާނެ ގޮތުގެ އިންތިޒާމް ހަމަޖެހިފައިވާކަމުގެ ލިޔެކިޔުންތައް ހުށަހެޅުމުންނެވެ.

ޤާނޫނާއި ކުށް

އެއްވެސް ސަބަބަކާހުރެ، އުޅަނދެއް ރަޖިސްޓަރީނުކޮށް ނުވަތަ ރަޖިސްޓަރީ ބާތިލުކޮށްފައިވާ އުޅަނދެއް އަލުން ރަޖިސްޓަރީނުކޮށް ނުވަތަ އެކަމަށް ބޭނުންވާ ހުއްދަ ނުހޯދައި، އާންމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ދުއްވައިފިނަމަ ނުވަތަ ބާއްވައިފިނަމަ، އެ އުޅަނދެއް ދުއްވި މީހާއާއި އުޅަނދުގެ ވެރިފަރާތް ޖޫރިމަނާ ކުރުމުގެ ބާރު، ޓްރާންސްޕޯޓް އޮތޯރިޓީ އަށް ލިބިގެންވެއެވެ.

ތިމާ ބޭނުންކުރާ އުޅަނދަކީ، ޤާނޫނާއި ޤަވައިދުގެ ތެރެއިން ރަޖިސްޓަރީ ކުރެވިފައިވާ އުޅަނދެއްކަމުގައި ހަދަމާތޯއެވެ. މިގޮތަށް ޢަމަލުކުރުމުގެ ސަބަބުން މިފަދަ މުޢާމަލާތެއްގެ ހުރިހާ ބައިވެރިންގެ ޙައްޤުތައްވެސް ރައްކާތެރިކުރެވިގެން ދާނެއެވެ.

އާޓިކަލް ލިޔުނީ ޞަބްރިޔަތު ޙުސައިން

އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިންއަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ.މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355