ބްރޮކޮލީގައި ތަފާތު ވިޓަމިނާއި ޕްރޮޓީނާއި ވިހަ ބޭރުކުރާ މާއްދާތައް، އެންޓިއޮކްސިޑެންޓްތައް، ކެލްޝިއަމް، ދަގަނޑު، އަދި އެހެނިހެން ތަފާތު މައުދަންތައް ފަދަ މާއްދާތައް ހުރުމަކީ މާބަނޑު ދުވަސްވަރު ބްރޮކޮލީ ބޭނުންކުރުމުން މައިމީހާއާއި ކުޑަ ދަރިފުޅަށް އޭގެ ފައިދާ ކުރާނެ ތަރުކާރީ އެކެވެ.
ބްރޮކޮލީގައި ފައިބަރު ހުރުމަކީ މާބަނޑު ދުވަސްވަރު ކުރިމަތިވާ ބަނޑުހަރުވުމުން ސަލާމަތްވުމަށް އެހީތެރިވެދޭނެ ކަމެކެވެ. މީގެ އިތުރުން ބްރޮކޮލީގައި ހުންނަ ފޯލިކް އެސިޑް ފަދަ މާއްދާތަކަކީ ބަނޑުގައި އޮންނަ ދަރިފުޅުގެ ހަށިގަނޑުގައި އައިބު އުފެދުމުން ދުރުކޮށްދޭނެ މާއްދާ އެކެވެ.
ބްރޮކޮލީގައި ދަގަނޑު ގިނައިން ހުރުމަކީ ލޭމަދުވުން ފަދަ ހާލަތްތައް މެދުވެރިވެފައިވާ ފަރާތްތަކަށް މި ތަރުކާރީ ބޭނުންކުރުން ފައިދާއަކަށް ވާނެ ކަމެކެވެ. މީގެ އިތުރުން ބްރޮކޮލީގައި އެކުލެވޭ ކޮޕަރއަކީވެސް ލޭގެ ރަތް ސެލްތައް އުފެއްދުމަށް ބޭނުންތެރި އެއްޗެކެވެ.
މި ތަރުކާރީ ބޭނުންކުރުމަކީ ހިތުގެ ބަލިތަކުން ދުރުވެ ރައްކާތެރިވުމަށް އެހީތެރިވެދޭނެ ކަމެކެވެ. އެއީ ބްރޮކޮލީގައި ފައިބަރު، އޮމެގާ-3-ފެޓީ އެސިޑް، ބީޓާ ކެރޮޓީން އަދި އެހެނިހެން ފައިދާހުރި ވިޓަމިން ތައް އެކުލެވޭތީ އެވެ. އެއީ ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށް، ހަށިގަނޑުގައި ސަރުބީ ދަށްކުރުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ.
ބޮރޮކޮލީއަކީ ވަރަށް ގިނަ ފައިދާތަކުން މުއްސަދި ތަރުކާރީއެއްކަމުން މާބަނޑު މީހުންނަށް ނޫނަސް އެތަކެއް ފައިދާތަކެއް ލިއްބައިދޭ ތަރުކާރީ އެކެވެ. އެހެން ކަމުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމަނާލަން ވަރަށް ރަނގަޅު ތަރުކާރީ އެކެވެ.