ކ. ތުލުސްދޫގައި ހުރި ކަސްޓަމްސްގެ އޮފީސް ބަންދު ކުރީ މުދާ އެކްސްޕޯޓު ކުރާ ފަރާތްތަކުން އެ އޮފީހުގެ ހިދުމަތް އެއްވެސް ވަރަކަށް ބޭނުން ނުކުރާތާ ގިނަދުވަސްތަކެއް ވުމުން ކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.
ކަސްޓަމްސްއިން ނެރުނު ބަޔާނެއްގައިވާ ގޮތުން, ތުލުސްދޫގައި ކަސްޓަމްސްގެ އޮފީހެއް ހުޅުވީ އެރަށުގައި ހިކި ކަނޑުމަސް ބަންދުކޮށް، އެކްސްޕޯޓު ކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރާތީކަމަށާއި އެ މަސައްކަތް ކުރާ ފަރާތްތަކަށް ކަސްޓަމްސްގެ ހިދުމަތް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށެވެ.
ނަމަވެސް ފާއިތުވި ދުވަސްތަކުގައި މާލޭ ކޮމާޝަލް ހާބަރާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިދުމަތްތައް ފުޅާ ކުރުމުން މާލެއާ ކައިރި ސަރަހައްދުތަކުން މުދާ އެކްސްޕޯޓު ކުރާ މީހުން އެ ބަނދަރުތައް ބޭނުން ކުރާ މިންވަރު އިތުރުވިއެވެ.
އޭގެ ސަބަބުން މުދާ އެކްސްޕޯޓު ކުރާ ފަރާތްތަކުން ވޭތުވެދިޔަ ހަތް އަހަރު ތެރޭގައި ތުލުސްދޫގެ ކަސްޓަމްސް އޮފީހުން އެއްވެސް ވަރަކަށް ހިދުމަތް ނުހޯދާކަމަށް ކަސްޓަމްސްއިން ބުންޏެވެ. އަދި އެ އަހަރުތަކުގައި އެ އޮފީހުގެ އޮޕަރޭޝަންތައް އޮތީ އެއްކޮށް ހުއްޓިފައި ކަމަށް ކަސްޓަމްސްގެ ބަޔާނުގައިވެއެވެ.
އެހެންކަމުން އެ އޮފީހުގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުންގެ ހިދުމަތް އެންމެ ރަނގަޅަށް ދެވެން އޮތީ, ހިދުމަތް ފޯރުކޮށްދޭ އޮފީހެއްގައި މަސައްކަތް ކުރުމުން ކަމުން އެ މުވައްޒަފުން އެހެން ސެކްޝަންތަކަށް ބަދަލު ކުރީ ކަމަށް ކަސްޓަމްސްއިން ބުންޏެވެ. އަދި އެ އޮފީސް ބަންދު ކުރީ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކޮށް, ލަފާ ހޯދުމަށް ފަހުކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.