twitterviber whatsapp telegramfacebookyoutube instagram
20th August 2026

ކާބަން މޮނޮކްސައިޑް ޓްރީޓްކޮށްފައިވާ މަސް ރާއްޖޭގައި ވިއްކާތީ ސަމާލުވާން އެދިއްޖެ

Aug 17, 2021

ކާބަން މޮނޮކްސައިޑް ޓްރީޓް ކޮށްފައިވާ މަސް ރާއްޖޭގައި ވިއްކަމުން ދާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އެދިއްޖެއެވެ.

އެމްއެފްޑީއޭ އިން ބުނީ ރާއްޖޭގެ ބާޒާރުގައި ވިއްކާ ކަނޑުމަހުގެ ބައެއް ބާވަތްތައް އޭގެ ރަތް ކުލަ ހިފެހެއްޓުމަށްޓަކައި ކާބަން މޮނޮކްސައިޑް ޓްރީޓް ކޮށްގެން ލޭބަލްގައި އެ މައުލޫމާތު ނުހިމަނާ ވިއްކަމުން ދާ ކަމަށެވެ. އެމްއެފްޑީއޭއިން ބުނީ، އެ އޮތޯރިޓީން ނެގި ސާމްޕަލުން އެކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

އެމްއެފްޑީއޭއިން ބުނީ، ކާބަން މޮނޮކްސައިޑް ޓްރީޓްމަންޓް ދިނުމުން ކަނޑުމަހުގެ ބާވަތްތަކަށް ގެނެސްދޭ ތާޒާ ރަތްކުލައަކީ ރޯ މަހުގެ ތާޒާކަން ގެއްލުނަސް އެކުލަ ބަދަލުނުވާ ކުލައެއް ކަމަށެވެ. އަދި ރޯމަހުގެ ކުލައަކީ އޭގެ ތާޒާކަން ބެލުމަށް ބަލާ އެއްމިންގަނޑު ކަމުން، ކާބަން މޮނޮކްސައިޑުން ޓްރީޓް ކުރުމަކީ މަހުގެ އަސްލު ކުލަ ފޮރުވި ގަންނަފަރާތަށް އޭގެ ތާޒާކަން އޮޅޭނެ ފުރުސަތު އޮތް ކަމެއް ކަމަށްވެސް އެމްއެފްޑީއޭއިން ބުނެފައި ވެއެވެ.

އެހެންކަމުން މަސް ވިއްކާ އަދި ގަންނަ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އެމްއެފްޑީއޭ އިން ވަނީ އަންގާފައެވެ.

އަދި މިފަދަ އުފެއްދުން ވިއްކަން ހުރިނަމަ ނުވަތަ ޝައްކުވާނަމަ އެ އޮތޯރިޓީގެ ވައިބަރ ނަންބަރު 7603204 އަށް ފޮޓޯއާއެކު މައުލޫމާތު ހިއްސާ ކުރުމަށް އެދިފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355