twitterviber whatsapp telegramfacebookyoutube instagram
5th May 2025

ޖަޕާނުން އޯޓިޒަމް އެސޯސިއޭޝަނަށް ހަ ލައްކަ ރުފިޔާގެ ސާމާނު ހަދިޔާކޮށްފި

Aug 18, 2021

ޖަޕާނުގެ ސަރުކާރުން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަށް 41،133 ޑޮލަރުގެ ސާމާނު ހަދިޔާކޮށްފި އެވެ.

ރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީން ބުނީ، އެ ގައުމުގެ ސަރުކާރުގެ ފަރާތުން އެ ސާމާނު ހަދިޔާކުރީ ހުޅުމާލޭގައި ހުންނަ އޯޓިޒަމް އެސޯސިއޭޝަނުގައި އެކަމަށްޓަކައި ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ. އެ ސާމާނު ހަދިޔާ ކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޖަޕާނުގެ ސަފީރު ކެއިކޯ ޔަނާއީ އެވެ.

ޖަޕާނުން ހަދިޔާކުރި ސާމާނުގެ ތެރޭގައި ހިމެނެނީ ވިޝަން ސްކްރީނަކާއި ހިއަރިން ސްކްރީނެކެވެ. އިވުމާއި ފެނުމުގެ މައްސަލަތައް ހުރި ނަމަ، އެ ސާމާނުގެ އެހީގައި އަވަހަށް ދެނެގަނެވި އެފަދަ މައްސަލަތަކަށް ފަރުވާކުރަން ފަށާނެ އެވެ. އެގޮތުން އުމުރުން ހަ މަހުން މަތީގެ ކުދިންނަށް މި އެހީގެ ދަށުން ލޮލުގެ ސްކްރީނިން ކުރިއަށް ގެންދެވޭނެ އެވެ. އަދި ކުއްޖާގެ އިވުމުގެ މައްސަލައެއް ހުރިތޯ އެންމެ ތުއްތު އިރުން ފެށިގެން ބެލޭނެ އެވެ.

އެމްބަސީން ބުނިގޮތުގައި، މި ސާމާނު ބޭނުންކުރުމުގެ ހާއްސަ ތަމްރީނު ވެސް އޯޓިޒަމް އެސޯސިއޭޝަނުގެ މުވައްޒަފުންނަށް ވަނީ ދީފަ އެވެ.

މި ސާމާނު ހަދިޔާކުރީ ޖަޕާނުގެ ސަފީރާއި އޯޓިޒަމް އެސޯސިއޭޝަންގެ ޗީފް އެގްޒެކްޓިވް އޮފިސަރު ޑރ. އިސްމާއިލް ޝަފީއުއާ ދެ ބޭފުޅުން ޑިސެމްބަރު 12، 2019 ގައި ސޮއިކުރައްވާފައިވާ ހިލޭ އެހީގެ އެއްބަސްވުމެއްގެ ދަށުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355