ދުނިޔެއަކީ އާދައިގެ ތަނެއް ނޫނެވެ. ކޮންމެ ދުވަހަކު ވެސް އާދަޔާހިލާފު އަދި ގަބޫލުކުރަން ދަތި އެތައް ކަމެއް ހިނގަ އެވެ. ނަމަވެސް ގިނަ ކަންކަން ގިނަ މީހުންނަކަށް ނޭނގެ އެވެ.
މިހެން ބުނިނަމަވެސް ތިމާގެ ވަށައިގެންވާ މާހައުލުގައި ހިނގާ ކަންކަން ބަލައި ހޯދާ އޭގެން ފިލާވަޅު ލިބިގަންނަ މީހުންވެސް ވަކި މަދެއް ނޫނެވެ.
އެގޮތުން އަޅުގަނޑަށް ފާހަގަކޮށްލެވުން އެހާ ގިނައިން ނުހިނގާ ގަބޫލުކުރަން ދަތި ބައެއް ވާހަކަތައް ހިއްސާކޮށްލާނަމެވެ.
1. ޖަޕާނުގައި ހިތާމަވެރި ފިލްމްތައް ބަލާ ތިމާގެ ލޮލުން އަންނަ ކަރުނަ ފުހެދޭނެ ރީތި ފިރިހެނުން ކުއްޔަށް ނެގެ އެވެ.
ޖަޕާނަކީ ތަރައްގީ ތަހުޒީބުގެ ރޮނގުން ދުނިޔޭގެ އެންމެ އުހުގައި ގުނާލެވޭ އެއްގައުމެވެ. ސާފުތާހިރުކަމަށް ވެސް ޖަޕާނު މަޝްހޫރެވެ. ޖަޕާނުގެ މީހުންނަކީ ވަރަށް ހިތްހެޔޮ ބައެކެވެ.
ނަމަވެސް ޖަޕާނުގައި ހިނގާ މިކަންތަކަކީ ވަރަށް ތަފާތު ކަމެކެވެ. ދުނިޔޭގެ އެހެންތާކު މިކަހަލަ ކަމެއް ހިނގާފައިވާ ކަމަށް އަޑުވެސް ނީވެ އެވެ. ޖަޕާނުގައި ހިތާމަވެރި ރޮވޭކަހަލަ އަސަރުގަދަ ފިލްމުތައް ބަލާލާ ލޮލުން ފޭދިގެން އަންނަ ކަރުނަތައް ފުހެދޭނެ ރީތި ފިރިހެނަކު ޖަޕާނުގައި ލާރިދީގެން ބެހެއްޓެ އެވެ.
2. އިތިއޯޕިއާގެ ރައްޔިތުން އުޅެނީ ދުނިޔޭގެ އެހެންގައުމުތަކުގެ މީހުންނަށްވުރެ 7 އަހަރު ފަހަތުގަ އެވެ.
އިރުމަތީ އެފްރިކާގެ ގައުމެއް ކަމަށްވާ އިތިއޯޕިއާގައި ވެސް ވަރަށް އާދަޔާ ހިލާފު ކަމެއް ހިނގަ އެވެ. އެގައުމުގެ ރައްޔިތުން އަމަލު ކުރަނީ އެހެން ގައުމުތަކަށްވުރެ 7 އަހަރުގެ ފަހަތުގައިވާ ކަލަންޑަރަކަށެވެ.
އެގައުމުގެ އާއަހަރުގެ ގޮތުގައި ފާހަގަކުރަނީ 12 ސެޕްޓެމްބަރެވެ. އެމީހުން އާ މިލޭނިއަމް (1000 އަހަރުގެ މުއްދަތެއް) ފެށުނީ އަހަރެމެން ބަލާގޮތުން ވިއްޔާމުން 2007 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ.
3. ޑެންމާކުގައި ދަރިންނަށް ނަންދެވޭނީ އެގައުމުގެ ސަރުކާރުން ހުއްދަދީފައިވާ 7000 ނަމުގެ ތެރެއިންނެވެ.
ސެލެބްރިޓީ ނަންތައް ކަހަލަ ނަންތައް، މިސާލަކަށް ބުނާނަމަ އެޕަލް އަދި ސެއިންޓް، މިކަހަލަ ނަން ޑެންމާކުގައި ދަރިންނަކަށް ނުކިޔޭނެ އެވެ. ޑެންމާކަކީ ވެސް ވަރަށް ތަފާތު އަދި ހާއްސަ އެތައް ކަމެއް ހިނގާ ގައުމެކެވެ.
ޑެންމާކުގެ ޕާސަނަލް ނޭމްސްއާ ބެހޭ ގާނޫނު ފާސްކުރެވިފައިވަނީ ކުއްޖާއަށް ކުރިމަގުގައި މަލާމާތް ރައްދުވާފަދަ ނަންތައް ކިޔުމުން އެކުއްޖާ ރައްކާތެރިކޮށް ދިނުމުގެ ގޮތުންނެވެ.
މިލިސްޓުން ބޭރު ނަމެއް ދަރިންނަށް ކިޔަން ބޭނުން ބެލެނިވެރިއަކު ޖެހޭނީ އެކަމަށް ސަރުކާރުގެ ހުއްދައަށް އެދޭށެވެ. ޓައިމްސް ނޫހުން ހާމަކުރި ގޮތުގައި 1100 ނޮވެލް ނޭމްސް ކޮންމެ އަހަރަކު ސަރުކާރުން ޗެކްކުރެ އެވެ. އަދި 15 އާ 20 ޕަސެންޓްގެ އަދަދެއްގެ ނަންތައް ރިޖެކްޓްކުރެ އެވެ.
4. މެލޭޝިއާގައި ރީނދޫ ކުލައިގެ އަންނައުނުލުމަކީ މަނާކަމެކެވެ.
ރީނދޫ ކުލައަކީ ރަހުމަތްތެރިކަމާއި ސަންޝައިން އާއި ގުޅިފައިވާ ކަމެކެވެ. ނަމަވެސް ރީނދޫ ކުލައިގެ އަންނައުނު ލުން މަނާކުރުމަށް އެކަން އެއްވެސް ހުރަހަކަށް މެލޭޝިއާ ސަރުކާރަކަށް ނުވި އެވެ.
މިކަން މިގޮތަށް ވާން ދިމާވީ މެލޭޝިއާގެ 6 ވަނަ ބޮޑުވަޒީރު ނަޖީބް ރަޒަކްގެ މައްޗަށް ކުރެވުނު ކޮރަޕްޝަނުގެ ތުހުމަތުގައި މަގާމުން ދުރުވުމަށް ގޮވާލާ ކުރި މުޒާހަރާގައި އިދިކޮޅު މީހުން އެމުޒާހަރާގައި ރީނދޫ ކުލަ ލައިގެން ތިބުމުންނެވެ.
އިމްޕޯޓްކުރުމާއި ޕްރިންޓްކުރުމަށާއި ޕުރޮޑިއުސްކުރުމާއި ވިއްކުމާއި އެކުލައިގެ އެއްޗެހި ގެންގުޅުމަކީ ވެސް ތައުޒީރުގެ އަދަބެއް ލިބުން އެކަށީގެންވާ ކަމެއްކަމަށް މެލޭޝިއަން އިންސައިޑާ އިން ރިޕޯޓްކޮށްފައިވެ އެވެ.
5. ސިންގަޕޫރުގައި ޗުއިންގަމް ވިއްކުމާއި އިމްޕޯޓްކުރުމާއި ޗުއިންގަމް ކުޅު ޖެހުމަކީ ގާނޫނީގޮތުން މަނާކަމެކެވެ.
1992 ގައި އަމާން ގައުމެއްގެ ގޮތުގައި ސިންގަޕޫރު ހެދުމަށްޓަކައި އޭރުގެ ބޮޑުވަޒީރު ލީ ކުއަން ޔީ ތައާރަފްކުރި ބައެއް ގާނޫނުތަކުގެ ގޮތުގައި ޗުއިންގަމް ބޭން ކުރުން ހިމެނޭކަމަށް ބީބީސީން ރިޕޯޓްކުރެ އެވެ.
ލީ ކުއަން ޔީ ގަބޫލުކުރާގޮތުގައި ޗުއިންގަމް ބޭނުންކޮށް މަގުތަކަށް އޭގެ ކުޅު ޖެހުމަކީ ގައުމުގެ ސާފުތާހިރުކަމަށް ބުރޫއަރާކަމެކެވެ. ނަމަވެސް 2004 ވަނަ އަހަރު ފާމަސިސްޓުންނާއި ޑެންޓިސްޓުންނަށް ތެރަޕެޓިކް ގަމް ބޭސް ސިޓީއާއެކު ވިއްކުން ހުއްދަ އެވެ.
މިއަދު ކުޑަކުޑަ މިންވަރެއްގެ ޗުއިންގަމް އަމިއްލަ ބޭނުމަށް އެތެރެކުރުމަކީ ހުއްދަކަމެކެވެ. ނަމަވެސް ވިޔަފާރީގެ ގޮތުން މިވިއްކުމަކީ ގާނޫނީ ކުށެކެވެ. އަދި މަގުތަކަށް ޗުއިންގަމް ކިރުގަނޑު އެޅުމަކީ އެކަމުގެ ސަބަބުން ބޮޑު ޖޫރިމަނާއެއް އަންނާނެ ކަމެކެވެ.