ދިވެހި ރެޑް ކްރެސެންޓްއިން އިންސާނިއްޔަތަށްޓަކާ ކުރާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މި އަހަރުވެސް ދިރާގުން ބައިވެރިވާން ނިންމައިފިއެވެ.
މިގޮތުން ރެޑް ކްރެސެންޓުގެ މަސައްކަތްތަކުގައި ބައިވެރި ވުމުގެ ގޮތުން ދިރާގުން ވަނީ މިއަހަރުވެސް ރެޑް ކްރެސެންޓުގެ ކޯޕަރޭޓް މެމްބާޝިޕް އާކޮށްފައެވެ.
އެ އެއްބަސްވުމުގެ ރަސްމިއްޔާތު ބޭއްވީ އިއްޔެ ދިރާގުގެ މައި އޮފީހުގައެވެ. އަދި އެ ރަސްމިއްޔާތުގައި ދިވެހި ރެޑް ކްރެސެންޓަށް 12 އަހަރު ފުރުންވެސް ފާހަގަ ކުރެވުނެވެ.
މިކަމަކީ ދިވެހި ރެޑް ކްރެސެންޓާއި ދިރާގާއި އޮންނަ ގުޅުން ވަރުގަދަވެ ކުރިއަށް އޮތް ތަނުގައި ދިވެހި ރެޑް ކްރެސެންޓުގެ މަސައްކަތް އިތުރަށް ފުޅާ ކުރުމަށް ލިބިގެންދާނެ ފުރުސަތެއްކަމަށް ދިރާގުން ބުންޏެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިވެހި ރެޑް ކްރެސެންޓްގެ އަމީންއާންމު އަލްފާޟިލާ ފާތިމަތު ހިމްޔާ ވިދާޅުވީ ވިޔަފާރި ކުންފުނިތަކަށް ހާއްސަކޮށް ހުޅުވާލެވިފައިވާ ކޯޕަރޭޓް މެމްބާޝިޕް ފުރުސަތުގައި ދިރާގުން ބައިވެރިވެ މިކަމުގައި ކުރިއަށް ދިއުމަށް ނިންމެވުމަކީ ދިވެހި ރެޑްކްރެސެންޓަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މެމްބާޝިޕް އާ ކުރުމަށް ދިރާގުން ނެގި އިސްކަމާއެކު ކާރިސާތަކުގެ ވަގުތުގަޔާއި އާންމު ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓްގެ ދަރުމަވެރިން ފޯރުކޮށްދޭ ހިދުމަތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށް ދެވޭނެއެވެ.
މި މަސައްކަތްތަކުގެ ތެރޭގައި ފުރަތަމަ އެހީ ދިނުމާއި، ނަފްސާނީ އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކާރިސާތަކުން އަރައިގަތުމަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ހިމެނެއެވެ.
މިފަދަ މަސައްކަތްތަކުގައި ހަރަކާތްތެރިވެ އުޅޭ ދަރުމަވެރިން ތަމްރީންކުރުވާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވާ ދިވެހި ރެޑް ކްރެސެންޓްގެ ޔުނިޓްތައް މި ރޮނގުތަކުން ތަރައްގީކުރުމަށްވެސް ލިބޭ ވަރަށް ބޮޑު އެހީއަކަށް ވާނެއެވެ.
"ދިވެހި ރެޑް ކްރެސެންޓުން ކުރައްވާ އަގުހުރި މަސައްކަތަށް އެއްބާރުލުން ދިނުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް އަދި އެކި ކާރިސާތަކުގެ ވަގުތުގަޔާއި އާންމު ހާލަތްތަކުގައި ދިވެހި ރައްޔިތުންނަށް ވަރުބަލިކަމެއްނެތި އޯގާތެރިކަމާއިއެކު ވަމުންދާ އެހީ ފާހަގަކޮށް މި ފުރުސަތުގައި އަގުވަޒަންކުރާކަން،" ދިރާގުގެ ޑިރެކްޓަރު ކޯޕަރޭޓް ސާވިސް އާތިފާ އަލީ ވިދާޅުވުއެވެ.
މިދިޔަ އަހަރު އަދި މިއަހަރުވެސް ކޮވިޑް-19 އާ ގުޅިގެން ރެޑް ކްރެސެންޓުން ސަރުކާރަށް އެހީ ފޯރުކޮށްދިނުމަށް ކުރިޔަށް ގެންދިޔަ ގިނަ މަސައްކަތްތަކަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދިނެވެ.
މިގޮތުން ދިވެހި ރެޑް ކްރެސެންޓުން ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން ފޯރުކޮށް ދިނުމަށާއި ބިދޭސީންނަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވާލި ޓޯލް ފްރީ ހެލްޕްލައިން ދިރާގުން ވަނީ ގާއިމް ކޮށްފައެވެ.
އަދި ކޮވިޑް-19 އާ ގުޅިގެން ޓެލެކޮމިއުނިކޭޝަން އަދި އެހެނިހެން ހިދުމަތްތައް ފޯރުކޮށްދިނުމުގައިވެސް ދިރާގުން ވަނީ އެހީތެރިވެފައެވެ.