އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާއަށް ހާއްސަ ގްރޫޕް ޑީގައި މިރޭ ކުޅުނު މެޗުން އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަތުން 3-1 އިން ބަލިވެ މާޒިޔާ މުބާރާތާ އަލްވަދާއު ކިޔައިފި އެވެ.
ފަހަތުން އަރާ އޭޓީކޭ މޮޅުވިއިރު އެޓީމު ވަނީ މިހާތަނަށް ކުޅުނު ދެމެޗުންވެސް މޮޅުވެފަ އެވެ. މާޒިޔާ މިވަނީ ކުޅުނު ދެމެޗުން ވެސް ބަލިވެ ބާކީ އެއް މެޗު އޮއްވައި މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރަން އޮތް ހުރިހާ ފުރުސަތެއް ގެއްލިފަ އެވެ.
އެއްވެސް ޕޮއިންޓެއް ނުލިބި ގްރޫޕުގެ ފުލުގައި މާޒިޔާ އޮތްއިރު ކުޅުނު ދެމެޗުގެ ތެރެއިން އެއްމެޗުން އެއްވަރުވެ އެއްމެޗުން ބަލިވެ ލިބުނެ 1 ޕޮއިންޓާއެކު 3 ވަނައިގައި އޮތީ ބެންގަލޫރު އެފްސީ އެވެ. މިދެޓީމުގެ ފަހު މެޗުގައި އަންގާރަ ދުވަހުގެ ރޭ ނުކުންނައިރު ބެންގަލޫރު ބަލިކުރި ނަމަވެސް މާޒިޔާއަކަށް އަނެއް ބުރަކަށް ނުދެވޭނެ އެވެ.
މެޗުގައި ފުރަތަމަ ލީޑު ނެގީ މާޒިޔާއިންނެވެ. މެޗުގެ 24 ވަނަ މިނެޓުގައި އެޓީމަށް މިލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް އައިސަމް އެވެ. ކޯނޭ ބޯޅަ ހިފައިގެން ވަދެ އޭނާ ވަނީ ގޯލު ކުރިމަތީގައި ހުސްކޮށް ހުރި އައިސަމަށް ދީފަ އެވެ. އޭޓީކޭ ގޯލުކީޕަރަށް އެއްވެސް ފުރުސަތެއް ނުދީ އައިސަމް ވަނީ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ.
އޭޓީކޭއިން ނަތީޖާ ހަމަކުރީ ދެވަނަ ހާފުގެ ފުރަތަމަ އެޓޭކްގައި އާޝުތޯޝް މެހެތާ ނެގި ހުރަހެއް ކޮލާސޯ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެނެވެ. އެޓީމުގެ ފްރާންސް މިޑްފީލްޑަރު ބޯމަސް ތަނަވަސްކޮށްދިން ފުރުސަތަކުން މެޗުގެ 63 ވަނަ މިނިޓްގައި ކްރިޝްނާ ޖެހި ލަނޑާއެކު އޭޓީކޭއިން ވަނީ މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފަ އެވެ.
އޭޓީކޭގެ 3 ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 77 ވަނަ މިނެޓުގައި ބޯމަސް ތަނަވަސްކޮށްދިން ފުރުސަތަކުން މަންވީރު އެވެ.
މިމުބާރާތުގައި މާޒިޔާއަކަށް އަދި ގްރޫޕު ސްޓޭޖް ފަހަނައަޅާފައެއް ނުދެވެ އެވެ.