އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަނުން ކަމަށްވާ ބަޝުންދަރާ ކިންގްސް އަތުނ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބް ބަލިވެއްޖެ އެވެ.
މިރޭގެ އިންޑިއާގެ ކަލްކަތާގައި މާޒިޔާއާއި ބަޝުންދަރާ ބައްދަލުކުރި މެޗު 1 - 0 ގެ ހަނި ތަފާތަކުން ބަޝުންދަރާއިން ކާމިޔާބުކޮށްފައިވާއިރު މެޗުގައި ދެޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އެވެ.
މެޗުގެ ފުރަތަމަ 10 ވަރަކަށް މިނެޓު ބަޝުންދަރާއިން މެޗު ޑޮމިނޭޓްކޮށްގެން ކުޅުނު ނަމަވެސް މާޒިޔާއިން ވަނީ މެޗުގެ 15 މިނެޓަށްފަހު މަޑުމަޑުން މެޗުގެ ތެރެއަށް ވަދެ ބޯޅަ ހިފަހައްޓައިގެން ކުޅެން މަސައްކަތްކޮށްފަ އެވެ. މެޗުގެ ކުރީކޮޅު ބަޝުންދަރާއިން ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދާ ރަނގަޅު ފުރުސަތުތަކެއް ހޯދާފަ އެވެ.
މެޗުގެ ކުރީކޮޅު މާޒިޔާއަށް ވެސް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. އެގޮތުން މާޒިޔާ ކުޅަދާނަ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ފޮނުވާލި ހަމަލާ އަމާޒުވީ ބަޝުންދަރާގެ ކީޕަރުގެ އަތަށެވެ. މެޗުގައި ބަޝުންދަރާގެ ހަމައެކަނި ގޯލު މެޗުގެ 33 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އަރިމަތިން ކުޅެމުން ދިޔަ ނުހާ މަރޮންގެވެ.
ފުރަތަމަ ހާފު މާޒިޔާއަށް އެޓީމުގެ އަސްލު ކުޅުން ދައްކާނުލެވުނު ނަމަވެސް ދެވަނަ ހާފު ފަށައިގެން މާޒިޔާއިން ވަނީ ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށްފަ އެވެ. އަދި މުޅި ދެވަނަ ހާފު ގިނައިރު ބޯޅަ ހިފަހައްޓައިގެން މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނީ ވެސް މާޒިޔާއިންނެވެ. އެގޮތުން ދެވަނަ ހާފު ފަށައިގެން މާޒިޔާގެ ޑިފެންޑަރު ކާޓާލްއަށް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. އެހެންނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތިންނެވެ.
މެޗުގައި މާޒިޔާގެ ކޯނޭގެ އިތުރުން ނިހާޓް، ދާދު އަދި އެޓީމުގެ ސްޕެއިން މިޑްފީލްޑަރު ޓަނާ ޑޮމިންގޭޒްއަށް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ. މެޗުގެ ފަހުކޮޅު މާޒިޔާގެ އެންމެ ރަނގަޅު ހަމަލާއަކަށް ފެނުނީ ރާއްޖޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ހަމްޒާ މުހައްމަދު (ހަމްޕު) ފޮނުވާލި ހަމަލާތަކެވެ. ހަމްޕުގެ ދެ ހަމަލާއެއް ބަޝުންދަރާ ޑިފެންޑަރުން ބްލޮކް ކުރިއިރު ކީޕަރު ވެސް ވަނީ ހަމްޕުގެ ހަމަލާތައް ހުއްޓުވާފަ އެވެ.
މެޗުގައި މާޒިޔާއަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއްް ލިބި ނާކާމިޔާބުވެފަ އެވެ. އަދި މުބާރާތުގެ ފުރަތަމަ މެޗުގައި މާޒިޔާ ބަލިވިއިރު ދެން ބައްދަލުކުރަން ޖެހޭނީ އިންޑިއާގެ ސުޕަ ލީގުގެ ޗެމްޕިއަން އޭޓީކޭ މޯހަން ބަގާންއާ އެވެ. އޭޓީކޭ މޯހަން ބަގާން ވަނީ އިއްޔެ އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ގޯކުލަމް ކެރަލާ އަތުން 4 - 2 ން ބަލިވެފަ އެވެ.