ރައިވަރުން ހެދުމުންނާއި ޅަފަތުގެ ދައުރުގެ އަދީބުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އަދީބު ބަނޑޭރި ހަސަން މަނިކުފާނާ ބެހޭގޮތުން ހިއްސާކޮށްލާނަމެވެ.
އިހުގެ އަދީބުން ކުރެ ރައިވަރު ހެއްދެވުމުގައި އެންމެ ފާހަނގަކޮށްލެވޭ އެއް އަދީބަކީ ބަނޑޭރި ހަސަން މަނިކުފާނު އެވެ. ދިވެހިންގެ ތެރޭގައި ބަނޑޭރި ޙަސަން މަނިކުފާނު މަޝްހޫރުވެފައިވަނީ އަރުމާދާއި ދިޔޯގެ ރައިވަރު ލިޔުއްވި ޝާއިރުގެ ގޮތުގަ އެވެ. ބަނޑޭރި ޙަސަން މަނިކުފާނޭ ކިޔުނީ އައްޞުލްޠާން މުޙައްމަދު މުޢީނުއްދީނުލް އައްވަލް ރަސްކަމުގައި މަތިގެ ހެއްދެވި އިރު، މަތިގޭގެ ބަނޑޭރި ކަމުގައި ހުންނެވީތީ އެވެ.
ބަނޑޭރި ހަސަން މަނިކުފާނު އަކީ މީލާދީން 1700 - 1701 ވަނަ އަހަރާއި ދެމެދު ރަސްކަންކުރެއްވި އިސްދޫ އަލީ ރަސްގެފާނުންގެ ހަސަން ރަސްގެފާނުންގެ އަލިމަނިކު ފާނުންގެ ހަސަން މަނިކު ފާނެވެ. އޭނާ އަކީ ސ.ހިތަދޫ އަށް އުފަންވި ބޭފުޅެކެވެ. އަދި އުފަންވެވަޑައިގަތީ ހިޖްރައިން 1158 ވަނަ އަހަރު ރަބީއުލްއައްވަލް މަހުގެ 12 ވީ ބުދަ ދުވަހުއެވެ.
މިމަނިކުފާނު ރަދުންގެ ހަވާސުންގެ ތެރޭގައި އުޅުއްވީ އައްސުލްތާން މުހައްމަދު މުއީނުއްދީނުލް އައްވަލް މިރަދުންގެ އަރިހުގައެވެ.
ބަނޑޭރި ހަސަން މަނިކުފާނު އަދާކުރެއްވި ބައެއް ވަޒީފާތަކަށް ބަލާލާއިރު އައްސުލްތާން މުޙައްމަދު މުއީނުއްދީނުލް އައްވަލް ރަދުންގެ އޮފީސް ކަމުގައިވާ މަތިގެ ހެއްދެވިއިރު އެތާނގެ ބަނޑޭރިކަން ކުރައްވާފައިވެ އެވެ. އަދި ފަހުންވެސް ރަދުންގެ ހާއްސުންގެ ތެރޭގައި ހިމެނި ވަޑައިގެންނެވި އެވެ.
ބަނޑޭރި ޙަސަން މަނިކުފާނު އަކީ ކުޅަދާނަ ޝާއިރެއްގެ އިތުރުން ބަސްމޮށުންތެރި އެކެވެ. ހަރުދަނާ ބުއްދިވެރި ބޭފުޅެކެވެ. އޭނާގެ ރައިވަރުތަކުގެ ތެރެއިން މިޒަމާނަށް އައިރު ފެންނަން އޮތީ ދިޔޯގެ ރައިވަރާއި އަރިއަތޮޅު އަރުމާދު ރައިވަރުކަމަށް ސަލާހުއްދީން ލިޔުއްވާފައިވާ ލިޔުމެއްގައިވެ އެވެ.
އަދަބީ މަސައްކަތެއްގެ ގޮތުން އަރުމާދު ރައިވަރާ ދިޔޯގެ ރައިވަރު ލިޔުއްވާފައިވާއިރު ބަނޑޭރި ހަސަން މަނިކުފާނު ވަނީ މިދެރައިވަރުވެސް އޭރު ރަސްކަމުގައި ހުންނެވި ރަދުންނަށް ވެދުމަށް އަރުވާފައެވެ.
ބަނޑޭރި ޙަސަން މަނިކުފާނު ފަސްދާނު ލެވިފައިވަނީ ސ. ހިތަދޫ ތަކުރުފާނު މިސްކިތު ގަބުރުސްތާނުގަ އެވެ. އަވަހާރަވީ 04 އެޕްރިލް 1807 މީލާދީ ވީ ހޮނިހިރު ދުވަހުގެ މެންދުރު ވަގުތުގަ އެވެ.