ދިވެހިރާއްޖޭގެ އަމިއްލަ އެންމެ ބޮޑު އެއްކޮލެޖްކަމުގައިވާ އެވިޑް ކޮލެޖްގައި އާރޓްސް އެންޑް ލިޓްރޭޗަރގެ ނަމުގައި އަލަށް ފެކަލްޓީއެއް އުފައްދާ އެފެކަލްޓީގެ ޑީން ކަމުގައި، ދިވެހިބަހުގެ އެކެޑެމީގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި އަޝްރަފް އަލީ ހަމަޖައްސައިފި އެވެ.
މިއަދު ހެނދުނު އެކަމަށްޓަކައި އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަހުގައި ބޭއްވެވި ރަސްމިއްޔާތުގައި އަޝްރަފް އަލީއަށް ޑީންގެ މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވެވީ އެވިޑް ކޮލެޖްގެ ޗެއަރމަން އަލްފާޟިލް އަބްދުﷲ މުސްތާގް ރަޝާދެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗެއަރމަން މުސްތާގް ވިދާޅުވީ އެވިޑް ކޮލެޖަކީ އަބަދުވެސް ދިވެހިބަހަށާއި ބަހާއި ގުޅުންހުރި ކަންކަން ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތްކުރަމުން އަންނަ ކޮލެޖެއް ކަމަށާއި މިއިފްތިތާހުކުރެވުނު ފެކަލްޓީއަކީވެސް އެކަންކަމަށް ހާއްސަކޮށްގެން އުފެއްދުނު ފެކަލްޓީއެއްކަމަށެވެ. އަދި ފެކަލްޓީގެ ޑީންގެ ގޮތުގައި އަޝްރަފް އަލީ މަސައްކަތްކުރައްވަން ފެއްޓެވުމުން އިތުރު ކާމިޔާބީތަކަށް ވާސިލްވެވޭނެކަމުގައެވެ.
ފެކަލްޓީ އޮފް އާރޓްސް އެންޑް ލިޓްރޭޗަރގެ ޑީންގެ މަޤާމުގެ ލިޔުމާއި ހަވާލުވުމަށްފަހު އަޝްރަފް އަލީ ވިދާޅުވީ އެވިޑް ކޮލެޖުން އެމަނިކުފާނަށް މަރުހަބާ ކިޔުމުން ވަރަށް ހިތްހަމަޖެހި އުފާވާކަމުގަ އެވެ. އަދި މާކުރިއްސުރެވެސް އެވިޑް ކޮލެޖްގައި ތަފާތު ކޯސްތަކުގައި ބަހާއި ބެހޭ މާއްދާތައް ކިޔަވައި ދެއްވަމުން އަންނަކަމުގައެވެ.
ފެކަލްޓީ އޮފް އާރޓްސް އެންޑް ލިޓްރޭޗަރ އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި އެވިޑް ކޮލެޖްގެ ސީނިއަރ މެނޭޖެމަންޓްގެ ބޭފުޅުން ބައިވެރިވެލެއްވެވިއެވެ. އެވިޑް ކޮލެޖަކީ ތަފާތު ދާއިރާތަކުން ތަފާތު ލެވެލްތަކުގައި މިހާރުވެސް ދެ ހާހަށްވުރެ ގިނަ ދަރިވަރުން މަތީ ތައުލީމު ހާސިލްކުރަމުންގެންދާ ކޮލެޖެކެވެ.
މައުލޫމާތު ލިބުނުގޮތުގައި މިފެށޭ ސެޕްޓެމްބަރުމަހު އެވިޑް ކޮލެޖުން ފެށުމަށް ހަމަޖައްސާފައިވާ ސެމެސްޓަރގެ އެންމެހާ ކަންކަމަށް މިހާރުދަނީ ތައްޔާރުވަމުންނެވެ. ކޯސްތަކުގައި ޖާގަހުރި މިންވަރަކުން އެޕްލައިކުރާ ހުރިހާ ކުދިންނަށްވެސް އެންމެފަހުވަގުތާ ޖެހެންދެންވެސް އެވިޑް ކޮލެޖުން ފުރުސަތު ދިނުމަށް ހަމަޖެހިފައިވެ އެވެ. އަދި ސެޕްޓެމްބަރުމަހުގެ ފުރަތަމަ ހަފްތާތެރޭގައި ސެމެސްޓަރގެ ކޯސްތަކުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވެ އެވެ.