ސަރުކާރުން ކުޅުދުއްފުށީގައި ހިންގާ ޕްރޮޖެކްޓްތަކުގައި ފުރިހަމަވާން ޖެހޭ ކަންކަން ފުރިހަމަނުކޮށް ހުންނަ މައްސަލަ ފާހަގަކުރެވޭކަމަށް ވިދާޅުވެ ކުޅުދުއްފުށި ސިޓީ ކައުންސިލް މެމްބަރު ރިލްވާނު މުހައްމަދު (ރިލޭ) ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.
މިއަދު ބޭއްވި ކައުންސިލްގެ އާންމު ބައްދަލުވުމުގައި އިންޑޯ ޖިމް ފުރިހަމަކުރުމަށް ބޭނުންވާ ތަކެތި ހޯދުމަށް މަޝްވަރާކޮށް ގޮތެއް ނިންމުމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އަބަދުވެސް މިގޮތަށް ސަރުކާރުން މިރަށުގައި ހިންގާ ޕްރޮޖެކްޓްތަކުގައި ފުރިހަމަވާން ޖެހޭ ކަންކަން ފުރިހަމަ ނުވާކަން ފާހަގަކުރެވޭ ކަމަށެވެ.
ރިލްވާން ވިދާޅުވީ އެ ބޭފުޅުން މިމަގާމުގައި ތިބެ މިކަހަލަ ހިދުމަތެއް ހާއްސަކޮށް ޒުވާނުންނަށް ދޭއިރު ފުރިހަމަ ޖިމެއް ފޯރުކޮށްދޭން ޖެހޭ ކަމަށާއި ކައުންސިލުގެ ބަޖެޓުން ވިޔަސް އެކަންކަން ފުރިހަމަ ކުރަން ޖެހޭ ކަމަށެވެ.
ޖިމް ފުރިހަމަކުރަން ބޭނުންވާ ކަންކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ އިންޑޯ ޖިމް ވާހަކައަކީ ވަރަށް ގިނަ ދުވަސްވެގެން ދިޔަ މަސައްކަތެއް ކަމަށް އަދި ފުރިހަމަ ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން އޭނާ ފާހަގަކުރި ގޮތުގައި އެތަނަށް އެކަށީގެންވާ އަދަދެއްގެ އޭސީވެސް ނެތްކަމަށާއި އެންމެ އޭސީއަކުން އެތަނަކަށް ނުފުދޭނެ ކަމަށެވެ.
ރިލޭ އިތުރަށް ވިދާޅުވީ ގާތްގަނޑަކަށް ނިމުމަކާ ހިސާބަށް ދިޔަކަމަށް ބަލާއިރު ފްލޮރިންގ ބޯޑަރެއްވެސް ނެތް ކަމަށާއި ލޯގަނޑެއްވެސް ނެތްކަމަށެވެ. އަދި އެތަނުގައި ހުރި ލައިޓް ސިސްޓަމްވެސް ރަނގަޅު ނޫންކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ކެމެރާ ސިސްޓަމެއް ވެސް ހުރީ ހަރުކުރަން ވެފަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެތަނުގައި ސައުންޑްވެސް ނެތްކަން ފާހަގަކުރައްވައި ރިލޭ ވިދާޅުވީ އެތަނުގައި އަގު ބޮޑެތި އިކުއިޕްމަންޓްތައް ހުރިއިރު ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ފަސޭހަވާނެ ހެން އިލެކްޓްރޯނިކް ޑޯ ލޮކަރވެސް ހަރުކުރަން ފެންނަ ކަމަށެވެ. އަދި ކައުންސިލުން ހިދުމަތެއްދޭއިރު ރަނގަޅަށް ފުރިހަމަކުރަން ޖެހޭ ގޮތަށް ފުރިހަމަކުރަން ފެންނަ ކަމަށް ވެސް ރިލޭ ވިދާޅުވި އެވެ.
ރިލްވާންގެ ވާހަކައަށް ތާއީދުކުރަމުން ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ވެސް ވިދާޅުވީ ޖިމްގެ ހިދުމަތްދޭއިރު މިހިދުމަތް ހިދުމަތަކަށް ވަނީ ރިލްވާން އެފާހަގަކުރެއްވި ކަންތައްތަކާ އެކީގައި ހިދުމަތެއް ދެވުނީމަ ކަމަށާއި ދެން އިލެކްޓްރޯނިކް ޑޮ ލޮކާރ އާއި ލޮކަރ ސިސްޓަމެއް އެތަން ފަށައިގަންނައިރު ހުރުން މުހިންމުކަންވެސް ޑެޕިއުޓީ ފާހަގަކުރެއްވި އެވެ.
އިންޑޯ ޖިމްގެ ހިދުމަތް ފެށުން ލަސްވާތީ ރައްޔިތުންގެ ކަންބޮޑުވުން ވެސް އޮތްކަން ފާހަގަކުރައްވަމުން ޑެޕިއުޓީ މޭޔަރު ވިދާޅުވީ ހުރިހާ ކަމެއް ފުރިހަމަ ނުވިކަމުގައިވީނަމަވެސް ކެމެރާ ސިސްޓަމަކާ ޑޯ ލޮކާރއެއް ލުމަށްފަހު ހިދުމަތް ފަށާ ކުރިއަށްދާ ވަރަކުން އެހެން ހިދުމަތްތައް އިތުރުކުރަމުން ދާން ފެންނަކަމަށެވެ.
މެމްބަރު އައިމިނަތު މަޖީދާ ވިދާޅުވީ އެތަނުގައި ފާހަނައެއް ހުންނަން ޖެހޭ ކަމަށާއި މިހާރުން މިހާރަށް ނުވިނަމަވެސް ވީ އެންމެ އަވަހަކަށް ޗޭންޖިން ރޫމަކާއެކު ފާހާނާއެއް ލާން ޖެހޭކަމަށް މަޖީދާ ވިދާޅުވި އެވެ.
އަމިއްލަ ފަރާތަކުން ވަރަށް ފެންވަރު ރަނގަޅު ޖިމެއް ހިންގާ ރަށެއް ކަމަށާއި އަޅުގަނޑުމެންގެ ކައުންސިލުން ހަދާ ޖިމްގައި ވެސް އެ ފެންވަރު ހުންނަން ޖެހޭ ކަމަށް މަޖީދާ ވަނީ ވިދާޅުވެފަ އެވެ.
މިހުރިހާ ވާހަކަތަކަކަށް ތާއީދުކުރައްވަމުން މެމްބަރު މުހައްމަދު ދާއޫދު ވިދާޅުވެފައިވަނީ މީގެ ޕްރޮޖެކްޓަތައް ހިންގުމަށް ހަވާލުކުރެވޭއިރު އެތަން އިތުރަށް ތަރައްގީކުރަން ކައުންސިލްގެ މާލިއްޔަތުން ބޮޑު ހަރަދެއް ކުރަން ޖެހޭ ކަމަށެވެ. ޑެޕިއުޓީ އާއި ރިލްވާން ފާހަގަކުރި ކަންކަމާ ލައިގެން ޖިމްގެ ހިދުމަތް ފެށެން އަންނައިރު އެތަން ހަދާ ނިމޭއިރު އޮންނާނެ ގޮތް ބަލާ ކައުންސިލުން ކުރަން ޖެހޭ ހަރަދަށް ވެސް ބަލަންޖެހޭ ކަން މުހައްމަދު ފާހަގަކުރެއްވި އެވެ. އޭނާވެސް ވަނީ މިހުށައެޅުމަށް ތާއީދުކުރައްވާފަ އެވެ.
މަޝްރޫއުތައް ފުރިހަމަ ނުވެ ހުންނާތީ މޭޔަރުވެސް ވަނީ ކަންބޮޑުވުންފާޅުކުރައްވާފަ އެވެ. މޭޔަރު ވިދާޅުވީ، ރައްޔިތުންނަށް ހިދުމަތް ދިނުމަށް އެކަންކަން އިތުރަށް ފުރިހަމަ ކުރުމަށް ރައްޔިތުންގެ މާލިއްޔާއިންނާއި ކައުންސިލްގެ ބަޖެޓުން ކުރެވޭނެ ގޮތް ހަދައިގެން ނަމަވެސް އެންމެ އެދެވޭ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.
އިންޑޯ ޖިމްގައި އިތުރަށް ފުރިހަމަކުރަން ޖެހޭ ކަންކަން އަދިވެސް ބަލާފައި ކައުންސިލްގެ ބަޖެޓުން ހޭދަކުރަން ހުރިހާ މެމްބަރުންވެސް ވަނީ ތާއީދުކޮށްފަ އެވެ.