އަވައްޓެރި ސްރީލަންކާގައި ކޮވިޑް ޖެހިގެން އުމުރުން ދުވަސްވީ ދިވެހި ފިރިހެނެއް މިއަދު މަރުވެއްޖެ އެވެ.
ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ބައެއް މީޑިއާތަކަށް ވިދާޅުވީ ދިވެއްސަކު ލަންކާގައި މަރުވުމާ ގުޅިގެން އާއިލާ އަށް ފޯރުކޮށްދޭން ޖެހޭ ކޮންސިއުލާ އެހީތެރިކަން ކޮލަމްބޯގައި ހުންނަ ދިވެހި ރާއްޖޭގެ ހައި ކޮމިޝަނުން ދަނީ ފޯރުކޮށްދެމުންކަމަށެވެ.
އެގައުމުގައި ކޮވިޑް-19 ގެ ހާލަތު ގޯސްވުމާ ގުޅިގެން ލޮކްޑައުން ކުރީ މި މަހުގެ 21 ވަނަ ދުވަހުއެވެ.
އެ ގައުމުގައި ކޮވިޑުގެ ހާލަތު ގޯސްވެ ބަލިޖެހޭ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު ބަލީގައި މަރުވާ މީހުންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް 3،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ގައުމެކެވެ. ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ކޮވިޑްގެ ހާލަތު ރަނގަޅުވި އެއް ގައުމަކީ ލަންކާއެވެ. ނަމަވެސް ފަހުން ފެތުރެން ފެށި ޑެލްޓާ ވޭރިއެންޓާއެކު އެގައުމުގެ ހާލަތު އަލުން ވަނީ ގޯސްވެގެން ގޮސްފައެވެ.