twitterviber whatsapp telegramfacebookyoutube instagram
25th April 2024

އިހަވަންދިއްޕޮޅު ޕޯޓް އަލުން ސަރުކާރުން ބިޑަށް ހުޅުވާލައިފި

ޚަދީޖާ އާދަމް
Sep 2, 2021

އިހަވަންދިއްޕޮޅު ފޯޓް ތަރައްގީކުރުމަށް އަލުން ބިޑަށް ހުޅުވާލާފައިވާކަމަށް ސަރުކާރުން ބުނެފި އެވެ. މި މަޝްރޫއަށް 466 މިލިއަން ޑޮލަރު ހޭދަވާނެކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފައެވެ.

މި ޕޯޓް ތަރައްގީކުރުމަށް ފުރަތަމަ އިއުލާންކޮށްފައިވަނީ މިދިޔަ މާޗު މަހުގެތެރޭގައެވެ. ނަމަވެސް ޝައުގުވެރިކަން ފާޅުކުރި 6 ފަރާތުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތެއް ހޯދުމަށް ކުރިއަށް ގެންދިޔަ އިވެލުއޭޝަނުން އެއްވެސް ފަރާތެއް ފާސްވެފައި ނުވާތީ، ޕްރޮޖެކްޓް އޮތީ މަޑުޖައްސާލާފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ފުރަތަމަ ބިޑަށް ހުޅުވާލުމުން ކުރިމަތި ލެއްވި ފަރާތްތަކަކީ، އެ މަސައްކަތަށް އެކަށީގެންވާ ފަރާތްތަކަކަށް ނުވާތީ އަލުން ބިޑަށް ހުޅުވާލާފައިވާ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ، މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 900 މީޓަރުގެ މަގަތު ފާލަމެއް ގާއިމްކުރާނެ ކަމަށެވެ. އަދި އެ ބަނދަރަކީ، އަހަރަކު 1.8 މިލިއަން ކޮންޓެއިނަރު އުފުލުމުގެ ގާބިލްކަން ލިބޭގޮތަށް ތަރައްގީކުރާ ތަނެއް ކަމަށެވެ.

ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ އުސޫލުން ތަރައްގީކުރަން ހަމަޖެހިފައިވާ މި މަޝްރޫއު ޕްލޭންކޮށްފައި ވަނީ ދުނިޔޭގެ އެންމެ ބޮޑެތި ކޮންޓެެއިނަރ ބޯޓު ފަހަރަށް ހިދުމަތް ދިނުމުގެ ގާބިލްކަން ލިބިފައިވާ ޒަމާނީ ބަނދަރެއްގެ ގޮތުގައެވެ.

އިހަވަންދިއްޕޮޅަކީ ދުނިޔޭގެ އިރުމަތީ ބިތުން ފެށިގެން ހުޅަނގަށް ބޯޓުފަހަރު ދަތުރުކުރާ މައިގަނޑު ޝިޕިން ރޫޓްތަކާ ކައިރި ސަރަހައްދަކަށް ވުމުން، މިއީ މި ކަމަށް އެންމެ އެކަށީގެންވާ ސަރަހައްދު ކަމަށް ކުރެވުނު ދިރާސާތަކުން ދައްކާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355