ތަރައްގީގެ ޕްރޮޖެކްޓްތައް ހިންގަނީ ވަޒީރުން ބޭނުންފުޅުވާ ރަށްރަށުގައިކަމަށް ވިދާޅުވެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ހިތްހަމަނުޖެހުންފާޅުކުރައްވައިފި އެވެ.
ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ބައެއް ވަޒީރުން ގެންގުޅޭ އިންތިހާ ތަފާތުކުރުންތަކަށް އިޝާރާތްކުރައްވާ ރައްޔިތުން މަޖިލީހުގައި ވާހަކަދައްކަވަމުން ޔާސިރު ވިދާޅުވީ، އިދާރީ ދާއިރާތައް ލާމަރުކަޒީ ގާނޫނޫން ހިންގުމަށްޓަކާ އެކިއެކި މަސައްކަތްކުރަމުންދާއިރު، ވަޒީރުންނަށް ފެނިވަޑައިގަންނަވާ ދިމަދިމާގައި ޕްރޮޖެކްޓްތައް ހިންގާފައި ފެނިވަޑައިނުގަންނަވާ ދިމަދިމާގައި ޕްރޮޖެކްޓްތައް ދޫކޮށްލާތަން ފާހަގަކުރެވޭ ކަމަށެވެ.
"އަޅުގަނޑުމެން އިދާރީ ދާއިރާތައް ލާމަރުކަޒީ ގާނޫނޫން ހިންގުމަށްޓަކާ އެކި އެކި މަސައްކަތްކުރަމުންދާއިރުގައި ވަޒީރުންނަށް ފެނިވަޑައިގަންނަވާ ދިމާދިމާގައި ޕްރޮޖެކްޓްތައް ހިންގާފަ (ވަޒީރުންނަށް) ފެނިވަޑައިނުގަންނަވާ ދިމާދިމާގައި ޕްރޮޖެކްޓްތައް ދޫކޮށްލާތަން އަޅުގަނޑު ހަމަ ފާހަގަކުރަން." ޔާސިރު ވިދާޅުވި އެވެ.
ހުރިހާ ރައްޔިތުންވެސް ބޭނުންވަނީ އެރަށެއް ވީހާވެސް ލާމަރުކަޒީކޮށް ހިންގުމަށް ކަމަށާއި އެއީ ޝައްކެއް އޮތްކަމެއް ނޫންކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެހެންނަމަވެސް އަޅުގަނޑު ހަމަ ފާހަގަކޮށްލަން، ބައެއް އުނދަގޫ ކަންކަން މިހާރުވެސް ފެންނަމުން އެބަދޭ. އަޅުގަނޑުމެން ގާނޫނުތަކެއް ހަދާފައި ގަވައިދުތަކެއް ހަދަން ދޫކޮށްލީމަ. ހަމަ ހުރިހާ ކަމެއްވެސް އަނެއްކާވެސް ވަޒީރުން ހިފަހައްޓައިގެން އުޅޭ ތަން އަޅުގަނޑުމެންނަށް ފެންނަމުން އެބަދޭ."
"އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ރާއްޖޭގެ ރައްޔިތުން ކަންކަމުގައި ގުޅަނީކީ ވަޒީރުންނަކަށް ނޫން. ޕްރޮޖެކްޓް ނުހިންގިޔަސް އެހެންކަމެއް ނުހިންގިޔަސް ގުޅަނީ އެ ދާއިރާއެއްގައި މެމްބަރުންނަށް. އެހެންނަމަވެސް އަޅުގަނޑުމެން ހުރިހާ އެންމެން އަނެއްކާވެސް ވަޒީރު ފޫބުޑުން ދުވަން ޖެހޭ ގޮތް އެބަ ހަދާ. އަދި ހަދަމުން އެބަދޭ. އެހެންނަމަވެސް މިއީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ކަންކުރެވިދާނެ ގޮތެއް ނޫން. އަދި ކަން ކުރަން ޖެހޭނެވެސް ގޮތެއް ނޫން." ހިތްހަމަޖެހިވަޑައިނުގަތް ހުންނަވައިގެން ޔާސިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕްރޮޖެކްޓްތައް ނުހިނގައިގެން ރައްޔިތަކު ގުޅިޔަސް ވަޒީރުންނެއް ފޯނެއް ނުނަގާނެ ކަމަށާއި މިކަމާމެދު ކުރިއަށްއޮތްތާ ކަންކުރާނެ ގޮތާމެދު ވިސްނަޖެހޭ ކަމަށެވެ.
މުޅި އެމްޑީޕީން ކުރާ މަސައްކަތަކީ އިދާރީ ދާއިރާތައް ލާމަރުކަޒީކޮށް ހިންގުމުގެ މަސައްކަތްކަމަށް ވިދާޅުވަމުން ޔާސިރު ވިދާޅުވީ، ކުޅުދުއްފުށީގައި ޕީއެސްއައިޕީގޮތުގައި މިލިޔަނުން ބަޖެޓްގައި ޖަހާފައިވާއިރު މިއަހަރު ހިނގީ ކޮންކަމެއްތޯ ސުވާލު އުފައްދާފަ އެވެ. އޭނާ ވިދާޅުވީ މިހާރުވެސް ބައެއް ދާއިރާތަކުގައި ވަރަށް ބަރާބަރަށް ޕްރޮޖެކްޓްތައް ކުރިއަށްދާ ކަމަށެވެ.
"ދެން އަނެއްކާވެސް އަޅުގަނޑުމެން ދާންވީތޯއޭ ވަޒީރުން އަރިހަށް ނުވަތަ ނޫނީ ވަޒީރަކުން ބޭނުންވާ ކަންތައް އެ ވަޒީރަކު ލޮއްސައިގެން ތޯއޭ އަޅުގަނޑުމެންގެ ދާއިރާގެ ކަންތައް ކުރަން ޖެހޭނީ. ނޫން!. އަޅުގަނޑު ގަބޫލެއް ނުކުރަން އެގޮތައްކަމެއް އެކަން ކުރަން ޖެހޭނީ." ޔާސިރު ވިދާޅުވި އެވެ.
މިގޮތަށް ކަންތައްކޮށްގެން ވަޒީރުންވެސް ޖަވާބު ދާރީންވާން ޖެހޭނެ ކަމަށާއި މިގޮތަށް ކަންކަން ދޫކޮށްލައިގެން މެމްބަރުންނަކަށްވެސް ނުތިބެވޭނެކަމަށް އޭނާ ވިދާޅުވި އެވެ.