ހއ. ފިއްލަދޫއާ އެއްބިމުން ގުޅިފައިވާ އެއްފަޅެއްގެ ތެރޭގައި އޮތް ދައްޕަރު އަލުން ފިއްލަދޫގެ އިހުތިސާސްގެ ދަށަށް ގެނައުމަށްޓަކައި އެރަށުގެ ރައްޔިތުންތަކެއް އިސްނަގައިގެން ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ފަށައިފި އެވެ.
29 އޮގަސްޓްގައި ރައީސް އޮފީހުން ގެޒެޓްކޮށް އާންމުކޮށްފައިވާ ނަމްބަރުގެ 2021/05 ގަރާރުގައި ވަނީ ރައީސުލް ޖުމްހޫރިއްޔާއަށް ގާނޫނުން ލިބިދީފައިވާ ބާރުގެ ދަށުން އިދާރީ ދާއިރާގެ އިހްތިސާސްއިން ފިއްލަދޫދައްޕަރު، ހއ. ފިއްލަދޫގެ އިހްތިސާސްއިން ވަކިކޮށްފަ އެވެ.
ޕެޓިޝަނާ ގުޅޭ ގޮތުން ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ހަަސަން އޮންލައިން ނޫސް އަދަދަށް ވިދާޅުވި ގޮތުގައި އެއްވެސް ރަށެއްގެ ރައްޔިތަކު އެ ރަށާއި ގުޅިފައިވާ ބިމެއް އެ ރަށުން ވަކިކުރަން ނޭދޭނެ ކަމަށާއި އެގޮތުން ފިއްލަދޫގެ އިހުތިސާސްގެ ދަށަށް އަލުން ދައްޕަރު ގެނައުމަކީ ކައުންސިލާއި ރައްޔިތުން ވެސް އެދޭކަމެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވީ މިސާލަކަށް ބުނާނަމަ އެއީ މާލޭގަނަމަ މާފަންނާ ހެންވޭރު ކަމަށާއި އެގޮތުން ފިއްލަދޫދައްޕަރުވެސް މައްސަލަވެސް އޮތީ ހަމަ މާފަންނުން ހެންވޭރު ވަކިކުރަން ނޭދޭނެ އުސޫލުން ކަމަށެވެ. އަދި އޭނާ އިތުރަށް ބުނީ އަޅުގަނޑުމެންގެ ކާބަފައިންގެ މަހާނަތައްވެސް ދައްޕަރުގައި އެބަހުރިކަމަށާއި އެކޮޅުގަ ސަހަރާއެއްވެސް ހުންނާނެ ކަމަށެވެ.
ދައްޕަރު، ފިއްލަދޫގެ ދަށަށް ގެނެސްގެން ލިބޭނެ ފައިދާތައް އެނގޭނީ އެކަން ކުރުމަށް ފަހު ކަމަށާއި ކޮންމެ ބަޔަކުވެސް އެދޭނީ ބިމުގެ ގޮތުން މުއްސަނދިވުން ކަމަށް އޭނާ ވިދާޅުވި އެވެ.
700 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ފިއްލަދޫގެ 85 ޕަސެންޓް މީހުން އެ ޕެޓިޝަނުގައި ސޮއިކޮށްފައިވާކަމަށް ޕެޓިޝަނުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ފިއްލަދޫގެ ރައްޔިތަކު އޮންލައިން ނޫސް އަދަދަށް މައުލޫމާތުދީފައިވެ އެވެ.
ޕެޓިޝަން ހަދަން ނިންމީ ދައްޕަރަކީ ފިއްލަދޫ ރައްޔިތުންގެ ހިތާ ގުޅިފައިވާ ސަރަހައްދެއްކަމަށްވުމުން ރައްޔިތުންގެ އިސްނެގުމުގެ މަތިން ކަމަށާއި އެ ޕެޓިޝަނުގައި ރަށުގައި މިވަގުތު ތިބި މީހުން ސޮއިކޮށް ނިމުމުން މާލޭގައި ދިރިއުޅޭ ފިއްލަދޫ ރައްޔިތުން ސޮއިކުރުމަށް ހުޅުވާލާނެ ކަމަށްވެސް އެމީހާ ބުނެފައިވެ އެވެ.