ހދ ފައިދޫ ނުވަތަ ހޮނޑައިދޫ، އަތޮޅުގެ މަސްވެރިކަމަށް ހާއްސަ ރަށެއްގެ ގޮތުގައި ތަރައްގީކުރުމަށް ހދ އަތޮޅު ކައުންސިލްގައި މަޝްވަރާކޮށްފި އެވެ. އެތަނުން ރަށެއް މަސްވެރިކަމަށް ހާއްސަކޮށް ތަރައްގީކުރުމަށް ހުށަހެޅުއްވީ ހަނިމާދޫ ކައުންސިލްގެ ރައީސް އަބުދުއް ސައްތާރު ހަސަނެވެ.
ބުރާސްފަތި ދުވަހު އެ ކައުންސިލްގައި ބޭއްވި އާންމު ބައްދަލުވުމުގައި އެ މައްސަލަ ހުށަހަޅައިދެއްވަމުން ހަނިމާދޫ ރައީސް ސައްތާރު ވިދާޅުވީ، ހދ އަތޮޅުގައި މަސް ކިޔުވާ، އަދި އޮޑިދޯނި ފަހަރު އެހެލާ ބާލާނެ ރަނގަޅު ރަށެއް ނެތްކަމަށާއި އެހެންވުމުން އެކަމަށް ވަކި ރަށެއް ކަނޑައަޅައިގެން ތަރައްގީކޮށްފިނަމަ އެކަމުގެ ފައިދާ މިސަރަހައްދުގެ މަސްވެރިންނަށާއި އޮޑިދޯނި ފަހަރު ގެންގުޅޭ ފަރާތްތަކަށް ކުރާނެ ކަމަށެވެ.
މަސްވެރިކަމަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އެއް ސިނާޔަތަށްވާއިރު ކޮވިޑާ ގުޅިގެން މިއާ ދަތިތަކުގައިވެސް ވަރަށް ގިނަ ބަޔަކު އާމުދަނީ ހޯދުމަށް މަހަށް ދިޔަކަން ފާހަގަކުރައްވަމުން ސައްތާރު ވިދާޅުވީ، ވަކި ރަށެއް މަސްވެރިކަމަށް ކަނޑައެޅިގެން ދިޔުމުން އަތޮޅުގެ މަސްވެރިންނަށް ދިމާވާ މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށެވެ.
"ހދ އަތޮޅަށް ބަލާއިރުވެސް މަސް ކިޔާނެ ވަސީލަތެއް ގާއިމުކުރެވިފައި ނެތް، އެހެންވުމުގެ ސަބަބުން އަޅުގަނޑު ގަބޫލުކުރަނީ މިފަދަ ރަށެއް ކަނޑައެޅިގެން ގޮސް ތަރައްގީކުރެވިއްޖެނަމަ މަސްވެރިންނަށް ހައްލެއް ލިބިގެންދާނެކަމަށް." ހަނިމާދޫ ރައީސް ވިދާޅުވި އެވެ.
މަސްވެރިކަމަށް ރަށެއް ހާއްސަކޮށް ތަރައްގީކުރާއިރު އެރަށުގައި ބޮޑެތި އޮޑިދޯނި ފަހަރު އެހެލައި ބަލާ މަރާމަތުކުރެވޭނެހެން ޒަމާނީ ފެންވަރުގެސްލިޕްވޭއެއްވެސް ތަރައްގީކުރުމުން އޮޑިދޯނި ފަހަރު ގެންގުޅޭ ފަރާތްތަކަށްވެސް ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަން ފާހަގަކުރެއްވި އެވެ.
މިކަމުގެ ސަބަބުން ބޮޑުތިލަދުންމަތީގެ އެންމެންހާ މަސްވެރިންނާއި ކަނޑު އުޅަނދު ފަހަރު ގެންގުޅޭ ފަރާތްތަކަށް ފަސޭހަވެގެންދާނެ ކަމަށާއި އެހެންވުމުން ހުރިހާ ފަރާތްތަކުންވެސް މިކަމަށް ތާއިދުކޮށް މިކަން ކުރެވޭނެ މަގު ހޯދުމަށް ސައްތާރު ވަނީ އެދިލައްވާފަ އެވެ.
ހދ ފަރިދޫ އާއި ހޮނޑައިދޫއަކީ ކުރިން މީހުން ދިރިއުޅުނު މިހާރު މީހުން ބަލާފައިވާ ދެ ރަށެވެ. މި ދެ ރަށަކީ އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ދެ ރަށެވެ.