ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި ހަ ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާގައި ލިބުނު ޒަހަމްތަކުގެ ބަދަލު ނަގަން ބޭނުންވާކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާ އާއި ގުޅިގެން ލިބުނު ޒަހަމްތަކުގެ ދިޔަ ނަގަން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.
ނަޝީދު އަވަރާކޮށްލަން ހަމަލާ ދިނީ ކެނެރީގެއިން ނުކުމެވަޑައިގެން ނީލޯފަރު މަގާއި މަޖީދީމަގު ގުޅޭ ކަންމަތީ ޕާކްކޮށްފައި އޮތް ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް އައިއީޑީއެއް ގޮއްވާލައިގެންނެވެ.
ނަޝީދު ވިދާޅުވީ ދިޔަ ހޯދަން ދައުވާ ކުރުމަށް ބޭނުންވާ ލިޔުންތައް ޕީޖީ އޮފީހުން އަދި ފުލުހުން ވެސް ދެއްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެއީ އެ ފަރާތްތަކުން ހުރަސްއަޅާނެ ކަމެއް ނޫން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
ހަމަލާއަށްފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ނަޝީދު މިއަދު ވިދާޅުވީ އެމަނިކުފާނުގެ ހާލުކޮޅު ވަރަށް ބޮޑަށް ރަނގަޅު ކަމަށެވެ. ނަމަވެސް ކަނާއަތުގެ ތިން އިނގިލި އައްސިވެފައިވާ ކަމަށާއި އިނގިލިތައް ރަނގަޅު ވާނެ ކަމުގެ އުއްމީދު ޑޮކްޓަރުން ދެއްވާ ކަމަށެވެ.
މި ހަމަލާގައި ނަޝީދަށް ބޮޑަށް ޒަހަމްވީ އައިއީޑީ ތެރެއަށް އަޅާފައި ހުރި ރޭޒާ ފުއްތައް ބުރައިގެން ގޮސް ހަށިގަނޑަށް ވަނުމުންނެވެ. އެ ރޭޒާ ފުއްތައް ނަގައި އެ މަނިކުފާނުގެ ފުރާނަ ސަލާމަތްކުރަން އޭޑީކޭ ހޮސްޕިޓަލްގައި 16 ގަޑިއިރު ވަންދެން އޮޕަރޭޝަން ކުރި އެވެ.
ރައީސް ނަޝީދަށް ދިން ޓެރެރިސްޓް ހަމަލާއާއި ގުޅިގެން 10 މީހަކު ހައްޔަރުކުރި އެވެ. އޭގެތެރެއިން ހަތަރު މީހަކަށް މިހާރު ވަނީ ދައުވާކޮށްފަ އެވެ.