މި ސަރުކާރުން ކޯޓުތަކާއި، ފަނޑިޔާރުންނަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ މި ސަރުކާރުން ކޯޓުތަކާއި، ފަނޑިޔާރުންނަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށެވެ.
ކޯޓުތަކާއިމެދު އާންމު ރައްޔިތުންގެ އިތުބާރު އިތުރަށް ރަނގަޅުވަމުން އަންނަ ކަމަށާއި، މިފަދަ ވަގުތެއްގައި ފަނޑިޔާރުންތަކަކާއި ގުޅޭ އޯޑިއޯއެއް ލީކުކޮށްގެން އުޅެނީ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ސިޔާސީ ބޭނުމެއްގައި ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ. މި ވާހަކަ އެންމެ ބޮޑަށް ދައްކަމުންދަނީވެސް އިދިކޮޅުން ކަމަށާއި، މިއީވެސް އިއްތިފާގަކުން ހިނގާ ކަމެއް ކަމަށް ވެދާނެ ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.
ޢަލީ ޒާހިރު ވިދާޅުވިގޮތުގައި ކޯޓުތަކަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް މި ސަރުކާރުން ކުރަމުންދާކަމަށާއި، މިކަމުގެ ސަބަބުން ކޯޓުތަކާއި މެދުގައި ޢާންމު ރައްޔިތުންގެ އިތުބާރު ދަނީ ބޮޑުވަމުންކަމުގައި ވިދާޅުވި އެވެ.
އަދި ކުރީގެ ރައީސް ޔާމީން ޝަރީޢަތްތަކެއް މި މަހުގައި ތާވަލުކުރެވިފައިވާއިރު ޢާންމުންގެ ތެރޭގައި މިފަދަ ދޮގު ވާހަކަތަކެއް ފެތުރުމުގެ މަޤްޞަދަކީ ވަރަށް ރޭވުންތެރިކަމާއެކު އެ ޝަރީޢަތަށާއި ކޯޓަށް ނުފޫޒު ފޯރުވުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ނަމަވެސް މިކަން މިގޮތަށް ނުވާނެކަމުގައި ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ބައެއް މީޑިއާތަކުން ހަޤީޤަތެއްނެތް އަސްލެއް ނެތް ވާހަކަ ފަތުރާއިރު އެފަދަކަންކަން ބަލަހައްޓަން ހަވާލުވެފައިވާ ފަރާތްތަކުން އެކަމަށް ސަމާލުކަންދޭން ވާނެކަމަށެވެ.