twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ޖަލާލުއްދީން ސްކޫލުގެ ސެން ދަރިވަރުންނަށް ބޭނުންވާ ލައްކައެއްހާ ރުފިޔާގެ ސާމާނު ޔާސިރު ހަދިޔާކޮށްދެއްވައިފި

ޚަދީޖާ އާދަމް
Sep 6, 2021

ކުޅުދުއްފުށީ، ޖަލާލުއްދީން ސްކޫލްގެ ސެން ކްލާހަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ހަދިޔާކޮށްފި އެވެ. ސެން ކްލާހަށް އޭނާ ހަދިޔާކޮށްދެއްވި ތަކެތީގެ އަގު 98،000 އަށް އަރަ އެވެ.

ކޭއޯއަށް މައުލޫމާތު ދެމުން ޖަލާލުއްދީން ސްކޫލްގެ ޕްރިންސިޕަލް އައިމިނަތު މުހައްމަދު ވިދާޅުވީ އެ ސްކޫލްގައި ރަސްމީކޮށް ސެން ޔުނިޓެއް އަދި ގާއިމުކުރެވިނުވާ ކަމަށާއި ނަމަވެސް މި އަހަރު ސްކޫލް ފެށުނު ފަހުން ހާއްސަ އެހީއަށް ބޭނުންވާ ކުދިން ތިބިކަން ފާހަގަވެ އެފަދަ ކުދިންނަށް ވަން އޮން ވަން ކްލާސްތައް ކުރިއަށް ގެންދިއުމަށް ވަކިން ކްލާސް ރޫމެއް ހަމަޖައްސާފައިވާ ކަަމަށެވެ.

އައިމިނަތު ވިދާޅުވީ އެގޮތަށް ފާހަގަ ކުރެވިފައިވާ 23 ދަރިވަރަކު މިވަގުތު އެ ސްކޫލުގައި އެބަތިބިކަމަށާއި އެކުދިންނަށް ވަން އޮން ވަން ކްލާސްތައް ނަގައިދިނުމަށް މިވަގުތު ސްކޫލްގައި ތިބީ 3 ޓީޗަރުންކަމަށެވެ.

އެ ދަރިވަރުންނަށް ހާއްސަކޮށްފައިވާ ކްލާސްރޫމަކީ އާދައިގެ ކްލާސް ރޫމެއްކަން ފާހަގަ ކުރައްވަމުން އައިމިނަތު ވިދާޅުވީ އެ ކުލާސް ރޫމަކީ އޭސީވެސް އަދި ހަރުކުރެވިފައިނުވާ ތަނެއް ކަމަށާ އެތަނުގެ ޖާގައިގެ ދަތިކަން ބޮޑުކަމުން އިތުރު ރޫމެއް މިވަގުތު ހަމަޖެއްސެންވެސް ނެތްކަމަށެވެ.

އަދި ވަން އޮން ވަން ކްލާސްތައް ފަށައިގަތްއިރު ކްލާސް ރޫމުގައި ހުންނާނީ ކުރިން އަމީރު އަމީން ސްކޫލުގައި ބޭނުންކުރި ސާމާނުން އެ ސްކޫލަށް ލިބުނު ތަކެތި ކަމަށެވެ.

އެގޮތުން އިތުުރު ތަކެތި ހޯދައިދިނުމަށް ސިޓީ ކައުންސިލާއި މެންބަރު ޔާސިރު އަރިހުގައިވެސް އެދުނުކަމަށާއި މިއީ އެގޮތުން ލިބުނު ސާމާނުކަން އައިމިނަތު ފާހަގަ ކުރެއްވި އެވެ. މެންބަރު ޔާސިރު ސެން ކްލާހަށް ހަދިޔާކޮށްދެއްވި ތަކެއްޗަކީ ޕްރިންޓަރ، ލެމިނޭޓާރ، 4 ކޮމްޕިއުޓަރ ސިސްޓަމް، 4 ކޮމްޕިއުޓަރ ގޮނޑި، 4 ވޯކް ސްޓޭޝަން، ޓްރަމްޕޮލިން، ޕްލޭ މެޓް، ތެރަޕީ ބޯލް އަދި ޑަސްބިން ހިމެނެއެވެ.

އައިމިނަތު ވިދާޅުވި މީގެ ކުރިންވެސް ސްކޫލުން ބޭނުންވާ ކަންކަމުގައި ޔާސިރުގެ އެއްބާރުލުން ލިބޭކަމަށާއި ސެން ކްލާހަށް މި ހަދިޔާކޮށްދެއްވި ތަކެތީގެ ސަބަބުން ސެން ކުލާހަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށެވެ. އެކަމަށްޓަކައި ސްކޫލްގެ މުވައްޒަފުންނާއި ބެލެނިވެރިންގެ ނަމުގައި ޔާސިރަށް ވަނީ ޝުކުރުއަދާކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355