twitterviber whatsapp telegramfacebookyoutube instagram
28th March 2024

ދަނޑުވެރިކަމާއި މަސްވެރިކަމަށް ވަރަށް އަވަހަށް ހެޔޮ ބަދަލުތަކެއް އަންނާނެ: ރައީސް

ނަބީލާ އިސްމާޢީލް
Sep 8, 2021
1

މިފްކޯއަށް ގެންނަ ބަދަލުތަކާއި މަސްވެރިކަމާއި ދަނޑުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކާއެކު މި ދެ ސިނާޢަތަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރައީސްގެ ދެ ކަނބަލުން ށ. އަތޮޅާއި ރ. އަތޮޅުގެ 8 ރަށަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެތެރެއިން ތިންވަނަ މަންޒިލްގެ ގޮތުގައި ށ. ފޯކައިދޫއަށް ވަޑައިގަންނަވާ، މިއަދު ހެނދުނު ފޯކައިދޫގެ މަސްވެރިންނާއި ދަނޑުވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ދަނޑުވެރިންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި އޮންނަނީ ދަނޑުވެރިކަމުން އުފައްދާ ތަކެތި ތާޒާކަންމަތީ މާކެޓްކުރުމުގެ ދަތިކަންކަމަށެވެ. އެދަތިކަން ހައްލުކުރުމާއި ދަނޑުވެރިކަމަށް އިންވެސްޓްކުރުމަށް އެގްރޯނެޓް އެހީތެރިކަން ލިބިގެންދާނެކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މަސްވެރިކަމުގެ ދާއިރާއަށް އަލިއަޅުއްވާލައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މަސްވެރިންގެ އެންމެބޮޑު ޝަކުވާއަކަށް ވެފައި އޮންނަނީ މަހަށް ހަމަ އަގު ނުލިބުމާއި މަސްކިރުމުގައި ހުރި ދަތިތަކާއި ބޭނުންވާ ވަރަށް އައިސް ނުލިބުންފަދަ ޝަކުވާތައް ކަމަށެވެ. އެކަންކަން ހައްލުކުރުމަށްޓަކައި މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމާއި ރާއްޖޭގައި މަސް ޕްރޮސަސްކޮށް ވެލިއު އެޑްކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެގޮތުން ކުރިން މިފްކޯއިން މަސްބޭރުކުރުމަށް ކުރަންޖެހުނު ހަރަދުތައް ކުޑަކޮށް މިފްކޯގެ އަމިއްލަ އުޅަނދެއްގައި މަސްބޭރުކުރަން ފަށާފައި ވުމާއި މަސް ސްޓޯކުރެވޭ މިންވަރު އެތައް ގުނައަކުން އިތުރުކޮށް މަސްގަތުމާއި ޕޮރޮސަސް ކުރުމުގެ ޤާބިލުކަން އިތުރުކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މަހަށް ރަނގަޅު އަގެއް ހޯދައިދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން މަސްގަންނަ ޕްރައިވެޓް ފަރާތްތަކާވެސް މަޝްވަރާކުރައްވާނެކަމަށާއި މަސްވެރިކަން ފުޅާކޮށް ތަރައްޤީކުރުމަށް ކުރެވޭ މި ހުރިހާ މަސައްކަތްތަކާއެކު މަހުގެ އަގަށް ހެޔޮބަދަލުތަކެއް އަންނާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ފޯކައިދޫ މަސްވެރިންނާއި ދަނޑުވެރިން ވަނީ އެފަރާތްތަކަށް ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.

އެގޮތުން އެރަށުގެ މަސްވެރިންނަށް އައިސް ޕްލާންޓެއް އެރަށުގައި ގާއިމުކުރުމަށް މަސްވެރިން އެދުނެވެ. ރައީސް ވަނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވުމަށް ސަރުކާރުން މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ފޯކައިދޫ ސިއްހީ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގެ ހާލަތު ބައްލަވާލައްވާފައެވެ. އަދި އެރަށު ފުޓްބޯޅަ ދަނޑަށްވެސް ޒިޔާރަތްކުރައްވައި އެތަން ބައްލަވާލެއްވިއެވެ. އެމަނިކުފާނުވަނީ ސިއްހީ މަރުކަޒުގައި މިހާރުން މިހާރަށް ހައްލުކުރަން ޖެހޭ މައްސަލަތައް ހައްލުކޮށްދެއްވާނެކަމާއި އަންނަ އަހަރު ސިއްހީ މަރުކަޒުގެ އެކްސްޕޭންޝަން އިމާރާތެއް އެޅުމަށް ހަމަޖެހިފައިވާކަން ހާމަކުރައްވާފައެވެ.

ދަނޑުވެރިންނާއި މަސްވެރިންގެ ބައްދަލުކުރެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށުގެ ބަނދަރުގެ މަސައްކަތްކުރިޔަށްދާގޮތް ބައްލަވާލައްވައި ފެނަކައިގެ އައު އިންޖީނުގެ ބައްލަވާލައްވާފައެވެ. ފޯކައިދޫގެ އައު އިންޖީނުގޭގެ މަޝްރޫއަކީ މިހާރު އެރަށަށް ކަރަންޓުގެ ހިދުމަތްދޭ އިންޖީނުގެއަކީ ސްކޫލާއި އާންމުންގެ ގެތަކާއި ކައިރީގައި ހުރިތަނެއްކަމުގައިވާތީ ކުރިމަތިވާ ދަތިތަކަށް ހައްލުހޯދުމާއި ކަރަންޓްގެ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ހިންގާ މަޝްރޫއެކެވެ. ފޯކައިދޫގެ ބަނދަރަކީ 1200 ފޫޓް 250 ފޫޓުގެ ބޮޑުމިނުގައި ތަރައްޤީކުރެވޭ ބަނދަރެކެވެ.

ފޯކައިންދޫން ފުރާވަޑައިގެންނެވުމުގެ ކުރިން އެމަނިކުފާނު ވަނީ އެރަށުގެ ބަނދަރުގައި އެވަގުތު އޮތް މަސްދޯންޏަކަށް އަރައިވަޑައިގެން އެ ދޯނީގެ ފަޅުވެރިންނާ ބަދަލުކޮށްލައްވައި މަޝްވަރާކޮށްލައްވާފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355