ސީއައިޓީއެމްގެ ފަރާތުން ކުޅުދުއްފުށީގައި ހިންގި ޑިޕްލޮމާ ކޯސްތަކުގެ ސެޓްފިކެޓް ނުލިބި ލަސްވަމުން ދާތީ ދަރިވަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. އެގޮތުން 2019 ވަނަ އަހަރު އެ ކޯސް ނިންމި ދަރިވަރުންނަ މިހާތަނަށްވެސް ސެޓްފިކެޓް ލިބިފައިނުވާއިރު އެއަހަރު ޑިޕްލޮމާފެށި ދަރިވަރުންގެ ފައިނަލް ޓެސްޓްވެސް މިހާތަނަށް ލިބިފައެއް ނުވެއެވެ.
ކޭއޯއަށް މައުލޫމާތު ދެމުން ބައެއް ދަރިވަރުން ބުނީ 2019 ވަނަ އަހަަރު ޖެނުއަރީގައި ނިމުނު ޑިޕްލޮމާ ކޯހުގެ ސެޓްފިކެޓް އެއަހަރުގެ ފެބްރުއަރީގެ ނިޔަލަށް ދޫކުރާނެކަމަށް ބުނިކަމަށާއި ނަމަވެސް ސީއައިޓީއެމްގެ ފަރާތުން ހަބަރެއް ނުވުމުން ދަރިވަރުން އަނެއްކާވެސް ގުޅުމުން އެދުނީ މެއިލް ކުރަން ކަމަށެވެ. މެއިލްއަށްވެސް ޖަބާވެއް ނުދޭކަމަށާއި ކޯސް ނިމި ސެޓްފިކެޓް ނުލިބި 8 މަސް ދުވަސް ވެފައިވާކަން ދަރިވަރުން ފާހަގަ ކުރިއެވެ. އެ ބެޗްގައި ގާތްގަނޑަކަށް 15 ދަރިވަރަކު ވަނީ ކިޔަވާފައެވެ.
2019 ވަނަ އަހަރު ޑިޕްލޮމާއަށް ކިޔަވަން ފެށި ދަރިވަރުންނަށް ކޮވިޑާއި ގުޅިގެން އިތުރަށް ކޯސް ދެމިގެން ދިޔައިރު އެކި ފަހަރު މަތިން ރަށް މޮނީޓަރިންނަ ލުމާއި ގުޅުގެން ކޯހުގެ ކިޔެވުންވެސް ދިޔައީ މެދުކެނޑެމުންނެވެ. އެގޮތުން އަދިވެސް 1 މާއްދާ ކިޔެވުން ނުފެށި އެބައިން ކަމަށާއި ޖޫން 10 ވަނަ ދުވަހު ރަށް މޮނީޓަރިންގެ ހާލަތަށް ގެނައުމާއި ގުޅިގެން ކޯސް މެދުކަނޑާލިފަހުން އަލުން ފަށާފައިނުވާކަމަށް ދަރިވަރުން ބުންޏެވެ. އެކަމާއި ދަރިވަރުން ސުވާލުކުރުމުން ފުރަތަމަ ބުނީ ސްކޫލްތައް ހުޅުވުމުން ފަށާނެކަމަށެވެ. ސްކޫލްތައް ހުޅުވި ކިޔެވުން ފެށުމުންވެސް ދަރިވަރުން ސީއައިޓީއެމްއަށް ގުޅިކަމަށާއި އެފަހަރު ބުނީ ކްލާސް ކުރިއަށް ގެންދާތަން ބަދަލުކުރަން ޖެހުމުން ލަސްވަނީ ކަމަށެވެ. އަދި އެންމެފަހުން ދަރިވަރުން ގުޅާލުމުން ބުނީ އާ ޓީޗަރެއް ހޯދުމަށާއި ތަން ބަދަލުކުރުމަށް ވަގުތު ނަގަނީ ކަމަށާއި މި ހިނގާ ސެޕްޓެމްބަރު މަހު ކޯސްއަލުން ފަށާނެކަމަށެވެ.
2018 އަދި 2019 ގެ ބެޗުގެ ދަރިވަރުންވެސް ބުނީ ކޯހުގެ ފީ ބަރާބަރަށް ދައްކަމުން ގެންދިޔަކަމަށާއި ސެޓްފިކެޓް ނުލިބި ލަސްވަމުން ދާތީ ރީފަންޑަށް އެދުމުން އެކަމަށްވެސް ސީއައިޓީއެމްއިން ދެކޮޅުހަދާފައިވާކަމަށެވެ. އެ ހުރިހާ ފައިސާ ދައްކާ ސެޓްފިކެޓް ނުލިބުމުން އެކަމާ ކަންބޮޑުވާކަމަށާއި ބައެއް ދަރިވަރުން މައްސަލަ ޖެއްސުމުން ބޭނުންނަމަ ކޯސް ދޫކޮށްލަންވެސް އެދިފައިވާކަމަށް ދަރިވަރުން ބުންޏެވެ.
އެކަމާ ގުޅިގެން ބައެއް ބެލެނުވެރިން ބުނީ މައްސަލަ ޖައްސާކޮންމެ ފަހަރަކު ވަރަށް އަވަހަށް ސެޓްފިކެޓް ލިބޭނެކަމަށް ބުނާކަމަށެވެ. ވަޒީފާތަކަށް ލާއިރު ކޮމްޕިއުޓާ ކޯހެއްގެ ސެޓްފިކެޓެއް އޮތުން މުހިއްމުކަން ފާހަގަކޮށް ބެލެނިވެރިއަކު ބުނީ ސްކޫލް ނިންމާ ވަޒީފާގެ މައިދާނަށް ނުކުންނަށްވެފައި ތިބި ދަރިވަރުންތަކަކަށް މިކަމުގެ ސަބަބުން މި ލިބިގެންދަނީ ވަރަށްބޮޑު ގެއްލުމެއް ކަމަށެވެ.
އެކަމާ ގުޅިގެން ސީއައިޓީއެމްއަށް ގުޅާލުމުން ބުނީ އެ ބެޗުގެ ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކުރުން ލަސްވެގެން ގޮސްފައިވާކަމަށެވެ. ކުޅުދުުއްފުށީގެ އިތުރުން އެހެން ރަށްރަށުގައި ހިންގި ކޯސްތަކުގެ ސެޓްފިކެޓް ދިނުން ވެސް ލަސްވެފައިވާކަމަށައި އެކަން އެހެން ދިމާވީ ކޮވިޑްގެ ސަބަބުންނާއި އަދި ދަތުރުފަތުރު ކުރުމަށް އެޅިގެން ދިޔަ ހުރަސްތަކުގެ ސަބަބުން ކަމަށެވެ.
މީގެ އިތުރުން އެފަރާތުން ބުނީ ދަރިވަރުންނަށް ވެސް މި ސެޕްޓެމްބަރުމަހު ކިޔެވުން ފެށޭނެކަން އަންގާފައިވާކަމަށާއި މިހާރު ޓީޗަރުވެސް ރާއްޖެ އައިސްފައިވާކަމަށެވެ. އަދި ރަސްމިއްޔާތަކާއެކު ކޯސް ނިންމާފައިވާ ދަރިވަރުންނަށް ސެޓްފިކެޓްވެސް ހަވާލުކުރާނެ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.
ސީއައިޓީއެމްއިން އެންމެ ފުރަތަމަ ކުޅުދުއްފުށީގައި ކޯސްތައް ހިންގަން ފެށީ ސްކޫލްތަކާއި ގުޅިގެންނެވެ. އެގޮތުން ކޮމްޕިއުޓަރ ފޯރ ކިޑްސް އަދި ސެޓްފިކެޓް ލެވެލް 3 ގެ ކޯސްތައް ހިންގާފައިވެއެވެ.