ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (ސީއައިޓީއެމްގެ) ފަރާތުން ކުޅުދުއްފުށީގައި ހިންގާ ކޯސްތަކުގައި ކިޔަވައި ދިނުމަށް މިދިޔަ އަހަރު ގެނައި ޓީޗަރަކަށް މުސާރަ ނުދޭ މައްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެ އެވެ.
މުހައްމަދު އަސްލަމް ނަމަކަށް ކިޔާ ސްރީލަންކާގެ ޓީޗަރަކު މިދިޔަ ނޮވެމްބަރުމަހު ކުޅުދުއްފުއްޓަށް ގެނައީ ސީއައިޓީއެމްގެ ހިންގަން ފަށާފަ ނުނިމި ހުރި ކޯސްތައް ނިންމައި ދިނުމަށް ބެލެނިވެރިންނާއި ދަރިވަރުން އެތައްކެއް ފަހަރު އެދުނު ފަހުން ކަމަށް ބައެއް ބެލެނިވެރިން ކޭއޯއަށް މައުލޫމާތު ދެމުން ބުނެފައިވެ އެވެ.
ކޭއޯއަށް މައުލޫމާތު ދެމުން އެ ޓީޗަރު ބުނީ ކުޅުދުއްފުއްޓަށް އައިފަހުން ހަމަ މުސާރަ ނުދޭތާ 4 މަސްވެފައިވާއިރު ޕާސްޕޯޓްވެސް އޮތީ އަތުލާފަކަމަށެވެ. އޭނާ ރާއްޖެއައީ ބިޒްނަސް ވިސާގައި ކަމަށާއި ރާއްޖެ އައުމަށްފަހު ސީއައިޓީއެމްގެ ފަރާތުން ވޯކިން ވިސާއަށް ބަދަލުކޮށް ދޭނެކަމަށް ބުނި ނަމަވެސް ވިސާގެ މުއްދަތު ހަމަވެފައިވެގެން ދިޔައިރުވެސް އާ ކޮށްދީފައިނުވާކަމަށެވެ.
ޕާސްފޯޓް ހޯދުމަށް ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުގައި މައްސަލަ ޖެއްސުމުން ޕާސްޕޯޓް ބަލާ މާލެ އައުމަށް އެދުނު ކަމަށާއި ނަމަވެސް އެފަދަ ހަރަދެއް ކުރެވެން ނެތުމުން މާލޭ ޕޮލިސް ސްޓޭޝަނަށް ޕާސްޕޯސްޓް ހަވާލުކޮށްދިނުމަށް އެދުނިން ކަމަށް އޭނާ ބުންޏެވެ. އެގޮތުން މިހާރު ޕާސްޕޯޓް ހަވާލުކޮށްދީފައިވާކަމަށް އޭނާ ބުންޏެވެ.
އަސްލަމް ރާއްޖެ އައިސްފައިވަނީ މިދިޔަ އަހަރު ފެބްރުއަރީ 3 ވަނަ ދުވަހުއެވެ. މީގެ ކުރިން ކިޔަވައިދިނީ ތ ހިރިލަންދޫގައެވެ. ރާއްޖެ އައިފަހުން ސީއައިޓީއެމްއިން އޭނާއަށް ހަމައަށް އެއްވެސް މަހަކު މުސާރަ ދީފައެއް ނުވެއެވެ. އަދި މުސާރަ ދީފައިވާ ގިނަ މަސްމަހު ދީފައިވަނީ ލިބެން ޖެހޭ މުސާރައިގެ ދެބައިކޮށްފަ އެއްބައެވެ. އެއްގޮތަށް މުސާރަ ނުދޭ 3 މަސް އޮތްއިރު މިހާރުވެސް ސީއައިޓީއެމްގެ ފަރާތުން މުސާރައިގެ ގޮތުގައި ލިބެން ޖެހޭ 66،234 ރުފިޔާ އެބައޮތް ކަމަށް އަސްލަމް ބުންޏެވެ.
މި މައްސަލަ ޖެއްސުމުން ސީއައިޓީއެމްއިން ބުނަމުން އަންނަނީ ކޮވިޑް ހާލަތުކަމުން ދަރިވަރުން ފީ ނުދައްކާތީ މުސާރަ ދިނުމަށް ދަތިވަނީ ކަމަށްކަމަށާއި ނަމަވެސް ދަރިވަރުން ކޮންމެ މަހަކުވެސް ހަމައަށް މުސާރަ ދެމުން އަންނަކަމަށް އޭނާ ބުންޏެވެ. އެގޮތުން މިހާރު ނުނިމި ހުރި ކޯސްތަކަށްވެސް ދަރިވަރުން ވަނީ ދައްކަން ޖެހޭ ފީ ހަމައަށް ދައްކާ ނިންމާފަކަމަށް އޭނާ ބުންޏެވެ.
މިހާތަނަށް އައިއިރު ގިނަ ޓީޗަރުންތަކެއް ވަނީ ސީއައިޓީއެމްއިން މުސާރަ ނުދޭ މައްސަލާގައި ކިޔަވައިދިނުމަށް ދެކޮޅު ހަދައި އަނބުރާ ގައުމަށް ގޮސްފައެވެ. އެގޮތުން އަސްލަމް ބުނީ އޭނާއަށް އެނގިގެން 5 ޓީޗަރަކު ވަނީ އެ މައްސަލާގައި އަނބުރާ ގައުމަށް ގޮސްފަ އެވެ. މި މައްސަލާތަކާ ގުޅިގެން ދަރިވަރުންގެ ކޯސްތައް ނުނިމި މީގެ ކުރިންގެ ދަރިވަރުންނާއި ބެލެނިވެރިންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި މައްސަލަތަކާއި ގުޅިގެން މިދިޔަ އަހަރު ނޮވެންބަރު މަސްތެރޭ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވަނީ ސީއައިޓީއެމްއަށް މަތީ ތައުލީމުގެ ކޯސްތައް ހިންގުމަށް ދޫކޮށްފައިވާ ހުއްދަވެސް ބާތިލްކޮށްފައެވެ.
މީގެ ކުރިން ނިމިފައި ހުރި ކޯސްތަކުގެ ސެޓްފިކެޓް ލިބުން ލަސްވާތީ ބެލެނިވެރިންވެސް ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ކޯސްތައް ނުނިމި ދިގުލައިގެން ދިއުމުން ރީފަންޑް ހޯދުމަށް ބެލެނިވެރިން އެދުމުން އެކަމަށްވެސް ސީއައިޓީއެމްއިން ވަނީ ދެކޮޅު ހަދާފައެވެ.