twitterviber whatsapp telegramfacebookyoutube instagram
29th March 2024

އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މުސާރަ ބޮޑުކޮށްފި

Sep 13, 2021
1

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މުސާރަ އަންނަ އަހަރުން ފެށިގެން ބޮޑުކުރުމަށް ނިންމާ، މުސާރައިގެ އާ އޮނިގަނޑު ފިނޭންސް މިނިސްޓްރީން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުވައިފި އެވެ.

އަންހެނުންގެ ކޮމިޓީ ތަކުގެ މެންބަރުންނަށް ލިބޭ މުސާރައާއި އިނާޔަތް ބޮޑުކުރަން ނިންމާފައިވާ ކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހާމަކުރެއްވީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އެމަނިކުފާނު ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ކިނބިދޫ އަންހެނުންގެ ކޮމިޓީގެ މެންބަރުންނާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު ސޮއިކުރަށްވާ، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ފާތިމަތު އަފްޝަން ލަތީފަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 8 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނުގައި ބަޔާންކޮށްފައި ވާގޮތުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް އުޖޫރަ ކަނޑައަޅަން ޖެހެނީ ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ލަފާގެ މަތިން އެ މިނިސްޓްރީއިން ކަމަށެވެ.

މި ސިޓީގައި ވަނީ މުސާރައާއި އެލަވަންސްތަކަށް އަންނަ ބަދަލުތައް ވެސް ހިއްސާކުރައްވާފަ އެވެ. އެ ބަދަލުތަކާ އެއްގޮތަށް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް މުސާރައާއި އެލަވަންސް ދިނުމަށް އެލްޖީއޭއިން ކައުންސިލްތަކަށް އެންގެވުމަށް ސިޓީގައި އެދިވަޑައިގެންފައިވެ އެވެ. އަދި އެ ފައިސާ ކައުންސިލްތަކުގެ ބަޖެޓުގައި ހިމަނައިދެއްވުމަށް ވެސް އެދިފައިވެ އެވެ.

އެގޮތުން 01 ޖަނަވަރީ 2022 އިން ފެށިގެން ރަށްތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްއަކަށް ޖުމްލަ 6000 ރުފިޔާ ލިބޭނެއެވެ. ނައިބު ރައީސްއަކަށް 5000 ރުފިޔާ އަދި މެންބަރަކަށް 4000 ރުފިޔާ ލިބޭނެއެވެ.

ސިޓީކައުންސިލްތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްއަކަށް ޖުމްލަ 7000 ރުފިޔާ ލިބޭނެއެވެ. ނައިބު ރައީސްއަކަށް 6000 ރުފިޔާ އަދި މެންބަރަކަށް 5000 ރުފިޔާ ލިބޭނެއެވެ. މުސާރައިގެ ޖުމްލަ ހިމަނާފައިވަނީ ސިޓިންގ އެލަވަންސް ގެ ގޮތުގައި ކޮންމެ ބައްދަލުވުމަކަށް 500 ރޭޓުންނެވެ. ސިޓިން އެލަވަންސް ގެ ގޮތުގައި ގިނަވެގެން ނެގޭނީ 2000 ރުފިޔާކަމަށް ބުނެފައިވެއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންނަށް މުސާރަ ދެނީ ކޮންމެ މަހަކު ފިކްސްޑް އެލަވަންސްގެ ގޮތުގައި ލިބޭ އަދަދަކާއި ސިޓިން އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބޭ އަދަދު އެއީ ޖުމްލަ މުސާރައިގެ ގޮތުގައި ބަލައިގެންނެވެ. ފިކްސްޑް އެލަވަންސަކީ އެއްވެސް އުނިއިތުރަކާ ނުލައި ކޮންމެ މެންބަރަކަށް ވެސް ލިބޭ އަދަދެކެވެ. ނަމަވެސް ސިޓިން އެލަވަންސަކީ އެ މެންބަރަކު ހާޒިރުވާ ކޮންމެ ބައްދަލުވުމަކަށް ލިބޭ އެލަވަންސެކެވެ. ފިނޭންސް މިނިސްޓްރީގެ އެންގުމުގައިވާ ގޮތުން ސިޓިން އެލަވަންސް ކޮންމެ މަހަކު ވެސް ދެވެނީ ގިނަވެގެން ހަތަރު ބައްދަލުވުމަށެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އަށްވަނަ އިސްލާހުގައިވާ ގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ދޭނެ މުސާރައާއި އެލަވަންސް ކަނަޑައަޅަން ޖެހެނީ ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ލަފާގެ މަތިން ފިނޭންސް މިނިސްޓްރީންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355