twitterviber whatsapp telegramfacebookyoutube instagram
8th May 2024

ވެކްސިން ފުރިހަމަކުރި ދަރިވަރުންގެ އަދަދު 11،653 އަށް އަރައިފި

ނަބީލާ އިސްމާޢީލް
Sep 13, 2021

ސުކޫލް ކުދިންގެ ވެކްސިން ޕްރޮގްރާމުގައި 11653 ދަރިވަރުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފި ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުގައިވާގޮތުން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް 35،152 ދަރިވަރަކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ. އެއީ 214 ސްކޫލެއްގެ ދަރިވަރުން ނެވެ. އަދި 88 ސްކޫލެއްގެ ދަރިވަރުން ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެ އެވެ. އެއީ 11653 ދަރިވަރުންނެވެ.

ކޮވިޑުން ރައްކާތެރިވުމަށް އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުފުރައިގެ ދަރިވަރުންނަށް ވެކްސިން ޖަހަން ފެށީ މި މަހުގެ 15 ވަނަ ދުވަހުއެވެ. ސްކޫލް ކުދިންނަށް ޖަހަނީ ފައިޒަރ ވެކްސިނެވެ.

އެ ޕްރޮގްރާމު ފެށީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާގެ އެހީގައި 128،600 ޑޯޒް ފައިޒާ ވެކްސިން މިމަހުގެ ނުވަ ވަނަ ދުވަހު ރާއްޖެއަށް ލިބުމާއި ގުޅިގެނެންނެވެ. އެ ދުވަހު އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފައި ވަނީ ގާތްގަނޑަކަށް 40،000 ދަރިވަރުންނަށް ކޮވިޑް ވެކްސިން ޖަހާނެ ކަމަށެވެ. ނަމަވެސް އެ އަދަދު މިހާރު ވަނީ އިތުރުވެފަ އެވެ.

ސްކޫލްތަކުގައި ވެކްސިން ޕްރޮގްރާމް ފެށުމުގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބެލެނިވެރިން މިކަމަށް ހޭލުންތެރި ކުރުވުމަށް ޕްރޮގްރާމްތަކެއް ކުރިއަށްގެންގޮސްފައެވެ. އަދި ބެލެނިވެރިންގެ އިއުތިރާޒެއް ނެތްކަން ޔަގީންކޮށްފައިވެއެވެ.

މިހާރު ވަނީ އިތުރު ކެޓަގަރީތަކަކަށް ވެކްސިން ދޭން ފަށާފައެވެ. އެއީ ދިފާއީ ނިޒާމު ދަށް މީހުންނާއި، މާބަނޑު މީހުންގެ އިތުރުން މިހާތަނަށް ކޮވިޑް-19ގެ އެއްވެސް ވެކްސިނެއް ނުޖަހާ ތިބި 60 އަހަރުން މަތީގެ މީހުންނެވެ.

އާންމުންނަށް ވެކްސިން ދިނުމަށް ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމުގެ ތެރެއިން 388،776 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވަނީ 319،080 މީހުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355