ޗެމްޕިއަންސް ލީގުގައި ރޭ ބަޔާނުން ކުޅުނު ފުރަތަމަ މެޗުގައި ބާސެލޯނާގެ ދަނޑުގައި އެޓީމު ކޮޅަށް ބަޔާނުން 3 ލަނޑު ޖަހައިފި އެވެ. މިއީ އެންމެފަހުން އޮތް ޗެމްޕިއަންސް ލީގުގެ ކުއާޓާގައި 8 - 2 ގެ ލަދުވެތި ނަތީޖާއަކުން ބަޔާން އަތުން ބާސާ ބަލިވިފަހުން މިދެޓީމު ބައްދަލުކުރި ފުރަތަމަ މެޗެވެ.
21 އަހަރަށްފަހު ބާސާ ދޫކޮށްލާ މިފަހަރުގެ ޓްރާންސްފާ މާކެޓްގައި ޕީއެސްޖީއަށް ބަދަލުވި މެސީ ނުލައި އެޓީމުން ކުޅުނު ފުރަތަމަ ޗެމްޕިއަންސް ލީގު މެޗެވެ.
ޖަރުމަނުގެ ޗެމްޕިއަނުންވަނީ މިމެޗު ކޮންޓްރޯލްކޮށްގެން ކުޅިފަ އެވެ. މެޗުގައި އެންމެ ފުރަތަމަ ބަޔާނަށް ލީޑު ނަގައިދިނީ ތޯމަސް މުލާ އެވެ. މިލަނޑު އޭނާ ކާމިޔާބުކުރީ އޭރިއާ ބޭރުން ފޮނުވާލައިގެންނެވެ. ޗެމްޕިއަންސް ލީގުގައި ބާސާ ކޮޅަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔަކީ މުލާ އެވެ. އޭނާ ވަނީ އެޓީމު ކޮޅަށް އޭނާގެ ކެރިއަރުގައި 7 ލަނޑު ޖަހާފަ އެވެ.
މެޗުގެ ދެވަނަ ހާފުގައި ބަޔާނުގެ އަނެއް ދެލަނޑު ވެސް ކާމިޔާބުކުރީ އެޓީމުގެ ހުނަރުވެރި ފޯވާޑް ރޮބާޓް ލެވަންޑޮސްކީ އެވެ. މެޗުގެ 56 ވަނަ މިނިޓްގައި އޭރިއާ ތެރެއިން ބަޔާންގެ ޖަމާލް މުސިއާލާ ޖެހި ބޯޅައެއް ގޯލުގެ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ލެވަންޑޮސްކީ ވަނީ އެބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އެޓީމަށް ލީޑު ފުޅާކޮށްދީފަ އެވެ.
ލެވަންޑޮސްކީ އޭނާގެ ދެވަނަ ލަނޑު އަދި ބަޔާނުގެ ތިންވަނަ ލަނޑުޖެހީ މެޗު ނިމެން ކައިރިވެފައި އޮއްވަ އެވެ. ސާޖް ގްނެބްރީ ފޮނުވާލި ބޯޅަ ދަނޑީގައި ޖެހިފައި އައި ވަގުތު ހޯދުމަށްފަހު ލެވަންޑޮސްކީ ވަނީ އެބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ.