ރާއްޖޭގައި އުމުރުން 08 އަހަރުގެ ކުދިން ވެސް މަސްތުވާތަކެތީގެ ވަބާގައި ޖެހޭކަން ފާހަގަކުރެވިފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
އެކަން ހާމަކުރީ ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުން މަޖިލީހަށް ހާޒިރުވެވަޑައިގެން ރާއްޖޭގައި މަސްތުވާތަކެތީ ހާލަތު އޮތް ގޮތާ ގުޅޭގޮތުން ގެނެސްދިން ޕްރެޒެންޓޭޝަނެއްގަ އެވެ.
ހެލްތު މިނިސްޓްރީގެ ނައިބު ސަފިއްޔާ މުހައްމަދު ސައީދު ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ ހާާލަތާއި ބެހޭގޮތުން އެންމެ ފަހުން ރިޕޯޓެއް އެކުލަވައިލެވިފައިވަނީ 2012 ވަނަ އަހަރުގައި ކަމަށެވެ.
2014 ވަނަ އަހަރު އެކުލަވާލި ދިރާސާއަކާ ހަވާލާދީ ހެލްތު މިނިސްޓްރީން ބުނީ އޭރު މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އުމުރު ފުރާ އުޅެނީ 22 އަހަރާއި 37 އަަހަރާއި ދެމެދުގައި ކަމަށެވެ. ނަމަވެސް މިހާރު އުމުރުގެ ރޭންޖުގެ ނިސްބަތް ވަރަށް ބޮޑަށް ފުޅާވެ މަސްތުވާތަކެތި ބޭނުންކޮށްއުޅެނީ 17 އަހަރާއި 68 އަހަރުގެ އުމުރު ފުރާގެ މީހުން ކަމަށެވެ. ހަމަ އެހެންމެ 15 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން މަސްތުވާތަކެތި ބޭނުންކުރާލެއް ވަަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އޭގެ އިތުރުން އުމުރުން އަށް އަހަރުގެ ކުދިންވެސް މަސްތުވާތަކެތި ބޭނުންކުރާކަން ފާހަގަކޮށްފައިވެ އެވެ.
ހަމައެހެންމެ މަސްތުވާތަކެތި ވިއްކުމުގައި ބިދޭސީންނާއި، ކުޑަކުދިން ބޭނުންކުރާކަން ފާހަގަކޮށްލެވޭ ކަމަށް ވެސް ސަފިއްޔާ ވިދާޅުވިއެވެ.
ސަފިއްޔާ ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް މިހާރު މަސްތުވާތަކެތި ބޭނުންކުރާކަމަށް ޑްރަގް ސިޗްއޭޝަނަލް އެނަލިސިސް އިން ދައްކައެވެ.
މަސްތުވާތަކެތީގެ ގޮތުގައި ބޭނުންކުރާ ބާވަތްތަކަށް ވެސް ބަދަލެއް އައިސްފައިވާކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން މީގެ ކުރިން ފަތުގެ ބާވަތްތައް މަސްތުވާތަކެތީގެ ގޮތުގައި ބޭނުންކުރި ނަމަވެސް 2010 އިން ފެށިގެން މެތަ އެމްފެޓަމިން ފަދަ ކެމިކަލް ބޭނުންކުރާ މީހުންގެ އަދަދުވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ޕްރެޒެންޓޭޝަންގައި ބުނެފައިވެ އެވެ. ހަމައެެހެންމެ މީގެކުރިން މަސްތުވާތަކެތި އެތެރެކުރަނީ ދެކުނު އިރުމަތީ އޭޝިއާ ސަރަަހައްދުން ކަމަށް ވިޔަސް މިހާރު ނެދެލެންޑްސްއާއި އިނގިރޭސި ވިލާތާއި ޖަރުމަނުން ވެސް މަަސްތުވާތަކެތި އެތެރެކުރާލެއް އިތުރުވެފައިވާ ކަމަަށެވެ. ހާއްސަކޮށް ޕޯސްޓު މެދިވެރިކޮށް އެފަދަ ތަކެތި ގެންނަ މިންވަރު އިތުރުވެފައިވާ ކަން ފާހަގަކޮށްފައިވެ އެވެ.
ރާއްޖެ އަށް އެތެރެކުރާ މަސްތުވާތަކެތީގެ ވިޔަފާރީގައި 60 ޕަަސެންޓް ހިއްސާ ވަނީ ދިވެހީންނެެވެ. އަދި 10 ޕަސެންޓް ބަންގްލަދޭޝް މީހުން، ފަސް ޕަސެންޓް ޕާކިސްތާނުގެ މީހުން ބައިވެރިވެ އެވެ.
މަސްތުވާތަކެތި ބޭނުންކުރަން ފަށާފައި ހުންނަ ގޮތަށް ބަލާއިރު ނަފްސާނީ މައްސަލަތައް އެކަމުގައި މުހިއްމު ދައުރެއް އަދާކުރާ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.