އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގެ މެޗުތައްކުޅެން ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ތަޖިކިސްތާނަށް ފުރައިފި އެވެ.
މިއީ ގައުމީ އަންހެން ޓީމުން އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ތިންވަނަ ފަހަރަށް ވެގެންދާއިރު ގައުމީ އަންހެން ޓީމުން އެންމެފަހުން އޭޝިއަން ކަޕުގެ ކޮލިފައިންގައި ކުޅެފައިވަނީ 2010 ވަނަ އަހަރު އެވެ.
އަންނަ އަހަރު އިންޑިއާގައި އޮންނަ މިމުބާރާތުގެ ކޮލިފައިންގައި ރާއްޖެ ވާދަކުރަނީ ގްރޫޕް ބީގަ އެވެ. ގްރޫޕް ބީގައި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ ވިއެޓްނާމާއި ތަޖިކިސްތާނެވެ.
މުބާރާތުގެ ކޮލިފައިންގެ މެޗުތައް ކުޅޭނީ މި މަހުގެ 23 ވަނަ ދުވަހުން 29 ވަނަ ދުވަހުގެ ނިޔަލަށް ތަޖިކިސްތާނުގަ އެވެ. މި ފަހަރުގެ ކޮލިފައިންގައި ގައުމީ އަންހެން ޓީމަށް އިރުޝާދުދޭނީ އަހްމަދު ޝަރީފް (ޑުންގާ) އެވެ. ޑުންގާ އަކީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރެވެ.
ފީފާ ރޭންކިންގައި ރާއްޖެ އޮތީ މިވަގުތު 144 ވަނައިގަ އެވެ. އަދި ވިއެޓްނާމް 33 ވަނައިގައި އޮތްއިރު ތަޖިކިސްތާން އޮތީ 135 ވަނައިގަ އެވެ.
ކޮލިފައިންގެ ފުރަތަމަ މެޗުގައި މި މަހުގެ 23 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ވިއެޓްނާމާ ދެކޮޅަށެވެ. ދެވަނަ މެޗުގައި ތަޖިކިސްތާނާ ދެކޮޅަށް ރާއްޖެ ނުކުންނާނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.
އޭޝިއަން ކަޕަށް މިހާތަނަށް އަދި ކޮލިފައިވެފައިވަނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ އިންޑިއާ އާއި އޮސްޓްރޭލިއާ އާއި ޖަޕާން އަދި ޗައިނާ އެވެ.
ބާކީ އޮތް އަށް ޖާގަ ލިބޭނީ ކޮލިފައިންގެ އަށް ގްރޫޕުގެ ތެރެއިން ކޮންމެ ގްރޫޕެއްގެ އެއްވަނައަށްދާ ގައުމަށް އެކަންޏެވެ.