އެވިޑް ކޮލެޖުން ފުލައިން ސްކޫލު ހިންގަން އައްޑޫ ސިޓީ ގަމުގައި ހުންނަ އޭޝިއަން އެކެޑަމީ އޮފް އެއޮރޮނޮޓިކްސް (އޭއޭއޭ) އާއެކު ވެފައިވާ އެއްބަސްވުން އުވާލައިފި އެވެ.
އެވިޑް ކޮލެޖުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮލެޖުގެ ޗެއާމަން ޢަބްދުﷲ މުސްތާޤު ރަޝާދު ވިދާޅުވީ ޓްރިޕަލް އޭއާއި އެވިޑް ކޮލެޖާ ދެމެދު ވެފައިވާ އެއްބަސްވުން އިއްޔެއިން ފެށިގެން ބާތިލް ކޮށްފައިވާނެ ކަމަށެވެ. މުސްތާޤު ވިދާޅުވީ އައްޑޫ ފްލައިންގް ސޫކުލް ހިންގުމުގެ ނުވަތަ އެއްވެސް ކަމެއްގައި މުއާމަލާތް ކުރަން ޖެހޭ އެއްވެސް ދައުރެއް މިއަދުގެ މިގަޑިން ފެށިގެން އެވިޑް ކޮލެޖަށް ނޯންނާނެ ކަމަށެވެ.
ޕައިލެޓުން ތަމްރީނު ކުރުމަށް އައްޑޫގައި ހިންގާ އޭއޭއޭއާ އެކު އެވިޑުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ.
މި އެއްބަސްވުމުގައި ސޮއި ކުރިތާ ދެމަހަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރުވެސް ކަމާބެހޭ އިދާރާތަކުން ފްލައިން ސްކޫލުގައި ތިބޭނެ ތަނެއް ވެސް ހަމަޖައްސައިދީފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
މުސްތާގު ވިދާޅުވީ އައްޑޫގައި ފްލައިން ސްކޫލު ހިންގުމަށް އެވިޑް ކޮލެޖުން ޕްލޭންތަކެއް ހެދި ކަމަށާއި އެ ކަންކަން ކަމާބެހޭ އެންމެހާ ފަރާތްތަކާ ހިއްސާކުރެވުނު ކަމަށެވެ. އަދި އެކަންކަން ކާމިޔާބުކުރެއްވުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ވޭތުވެދިޔަ ދުވަސްތަކުގައި ކުރެވިގެންދިޔަ ކަމަށްވެސް މުސްތާގު ވިދާޅުވިއެވެ.
ފްލައިން ސުކޫލުގެ ކިޔެވުން ނުފެށި ގިނަ ދުވަސްތަކެއް ވޭތުވެގެން ދިއުމުގެ ސަބަބުން 4.7 މިލިއަން ރުފިޔާގެ ގެއްލުމެއް އެވިޑަށް ލިބުނު ކަމަށް ވެސް މުސްތާޤު ވިދާޅުވިއެެވެ. އަދި އެފައިސާ އަނބުރާ އިއާދަ ނުކުރެވޭނެ ކަމަށާއި އެއީ އެވިޑް ކޮލެޖަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފްލައިން ސްކޫލް ކުދިންގެ ހައްގު ހޯދައިދިނުމަށް ކުރެވުނު ހުރިހާ ކަމެއް އެވިޑް ކޮލެޖުން ކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އެކަމަށް އަލިމަގެއް ނުފެނުމުން އެެއްބަސްވުން އުވާލަން މަޖުބޫރު ވީ ކަމަށްވެސް މުސްތާޤު ވިދާޅުވިއެވެ.