twitterviber whatsapp telegramfacebookyoutube instagram
19th April 2024

އިމްތިހާނަކާ ނުލާ ބަންގްލަދޭޝް ލައިސެންސަށް ދިވެހި ލައިސެންސް ދޫކުރަނީ

ނަބީލާ އިސްމާޢީލް
Sep 20, 2021

ރާއްޖޭގައި ގަބޫލުކުރާ އެހެން ގައުމުތަކުގެ ލައިސަންސްއަށް ބަލައި ރާއްޖޭގެ ލައިސެންސް ދިވެހިންނަށާއި ބިދޭސީންނަށް ދޫކުރަން ޓްރާންސްޕޯޓް މިނިސްޓްރީއިން ކަނޑަޅާފައިވާ ގައުމުގެ ތެރެއަށް އިއްޔެ ބަންގްލަދޭޝް އިތުރުކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ ޖުލައި މަހުގެ ތެރޭ ރާއްޖޭގައި ގަބޫލުކުރާ ބިދޭސީ ލައިސަންސް ނުވަތަ އެހެން ގައުމުތަކުގެ ލައިސަންސްގެ ލިސްޓެއް އާންމުކޮށްފައެވެ.

މި ލިސްޓްގައި ހިމެނެނީ 25 ގައުމެކެވެ. އެއީ އަފްޣާނިސްތާން، ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން، ސްރީލަންކާ، ބުރުނައި، ކެމްބޯޑިއާ، އިންޑޮނޭޝިއާ، ލާއޯސް، މެލޭޝިއާ، މިޔަންމާ، ފިލިޕީންސް، ސިންގަޕޯ، ތައިލެންޑް، ވިއެޓްނާމް، ޖަޕާން، ޔުނައިޓޭޑް ކިންގްޑަމް، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ، ޗައިނާ، ޔުނައިޓަޑް އެރެބް އެމެރެޓްސް، ސްވިޓްޒަރލެންޑް، ސައުދީ އަރަބިޔާ، ބެލްޖިއަމް، ޖަމަނީ އަދި ބަގްލަދޭޝް އެވެ.

އެ އުސޫލުގެ ދަށުން އެ މިނިސްޓްރީއިން ކުރިން އާންމުކޮށްފައިވާ ގައުމުތަކުގައި ދޫކުރާ ލައިސަންސަށް ބަލައި ރާއްޖޭގައި ބިދޭސީންނާއި ދިވެހިންނަށް ރާއްޖޭގެ ލައިސަންސް ދޫކުރަން ވަނީ ނިންމައިފައެވެ. އަދި އެ އުސޫލުގެ ދަށުން އެއްވެސް އިތުރު އިމްތިހާނެއް ހަދަން ނުޖެހޭނެކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުންޏެވެ.

ލައިސަންސްއަށް އެދި ހުށަހަޅާއިރު ދިވެހިން އައިޑީކާޑު ކޮޕީ ހުށަހަޅަން ޖެހޭނެއެވެ. އަދި ލައިސަންސް ދޫކޮށްފައިވާ ގައުމުގައި އެ ދޫކޮށްފައިވާ ތާރީހުގައި ހުރިކަން އެނގޭނެ ޕާސްޕޯޓް ކޮޕީއެއް ހުށަހެޅުމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ބިދޭސީ އެއް ނަމަ ވޯކް ވިސާ ކޮޕީ އަދި ޕާސްޕޯޓް ކޮޕީގެ އިތުރުން މުއްދަތު ހަމަނުވާ ބިދޭސީ ލައިސަންސް ހުށަހަޅަން ޖެހޭނެއެވެ. އަދި ބިދޭސީ ލައިސަންސް ގެ ސައްހަކަން ކަށަވަރު ކުރާނީ އޮންލައިންކޮށްކަމަށް މިނިސްޓްރީން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355