އަންނަ މަހު ރާއްޖޭގައި ފަށާ ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައި، އެފްއޭއެމްއާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގެ ބޮޑު މުބާރާތުގެ ޓައިޓަލް ސްޕޮންސާޝިޕް ދިވެހި ރާއްޖޭގެ އެއް ނަންބަރު މުވާސަލާތީ ކުންފުނިން ނެގިކަން މިއަދު ވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ. އެއާ އެކު އުރީދޫ ވެގެން ގޮސްފައިވަނީ މި ފަޙުރުވެރި މުބާރާތުގެ ޓައިޓަލް ސްޕޮންސަރުކަން ހޯދި ރާއްޖެއަށް ނިސްބަތްވާ ފުރަތަމަ ކުންފުންޏަށެވެ.
އަންނަ މަހު އެއްވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހާ ހަމައަށް މާލޭގައި ކުރިއަށް ގެންދަން ނިންމާފައިވާ ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައި އުރީދޫ ހަމަޖެއްސިކަން އިއުލާނުކުރުމަށްފަހު އުރީދޫން ބުނެފައިވަނީ ގައުމުގެ ފަހުރު ކަމަށްވާ ގައުމީ ޓީމަށް ސަޕޯޓު ދިނުމުގައި ރައްޔިތުންނާއެކު ބައިވެރިވެވުމަކީ ލިބޭ އުފަލެއް ކަމަށެވެ.
މި މުބާރާތުގެ މާކެޓިން ކެމްޕޭން އެފްއޭއެމްއިން ވަނީ މިހާރު އިފްތިތާހުކޮށްފައިވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސާފް ޗެމްޕިއަންޝިޕްގެ ފޯރި ގަދަ ކުރުމަށް "މަގޭ މަހަލްދީބު"ގެ ނަމުގައި މިފަހަރުގެ މުބާރާތް ރަސްމީކޮށް އިއުލާން ކޮށްފައިވާ އިރު، ބޭނުންކުރާނެ ސްލޮގަންއަކީ "ތިންވަނަ ފަހަރު، އިރާދަކުރެއްވިއްޔާ މިއީ އެފަހަރު،" ސްލޮގަންއެވެ.
އުރީދޫއިން މި ހޯދި ޝަރަފުވެރި ސްޕޮންޝިޕާ އެކު މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ނަމަކަށް ބޭނުން ކުރާނީ "އޫރީދޫ ސާފް ޗެމްޕިއަންޝްޕް"، މިފަދައިންނެވެ.
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕާ ގުޅޭގޮތުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެފައި ވަނީ މިއީ އުނދަގޫ ހާލަތަކުން އަރައިގަންނަން ރާއްޖެއަށް ލިބުނު ބޮޑު ފުރުސަތެއް ކަމަށާއި، އުންމީދަކީ ފައިނަލް ކާމިޔާބުކުރުން ކަމަށެވެ. ރާއްޖޭގެ ހުރިހާ ރައްޔިތުން ގައުމީ ވަންތަކަމުގައި، ގައުމީ ރޫހުގައި މި މުބާރާތް ކާމިޔާބުކުރަން އެކުވެރިވުމަކީ އެދޭ އެދުން ކަމަށްވެސް ބައްސާމް ވަނީ ފާހަގަކުރައްވައިފައެވެ.
މިފަހަރުގެ މުބާރާތުގެ ކޯ ސްޕޮންސަރަކީ އެސްޓީއޯއެވެ. ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. މެޑިކަލް ޕާޓްނަރަކީ އޭޑީކޭ ހޮސްޕިޓަލެވެ. އިންޝުއަރަންސް ޕާޓްނަރަކީ އެލައިޑެވެ.