twitterviber whatsapp telegramfacebookyoutube instagram
20th May 2024

އެވިޑް ކޮލެޖުގެ 16 ވަނަ އަހަރީ ދުވަސް މިފަހަރު ތިނަދޫގައި

Sep 23, 2021

އެވިޑް ކޮލެޖުގެ 16 ވަނަ އަހަރީ ދުވަހުގެ މައިގަނޑު ގިނަ ހަރަކާތްތައް މިފަހަރު ހިންގޭނީ ގދ. ތިނަދޫގައި ކަމަށް އެވިޑް ކޮލެޖުން ބުނެފި އެވެ.

އެވިޑް ކޮލެޖުގެ އަހަރީ ދުވަހަކީ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހެވެ. މިމުނާސަބާ ފާހަގަކުރުމަށް ހަމަޖެހިފައިވަނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 24 ން 28 ވަނަ ދުވަހުގެ ނިޔަލަށެވެ. މިދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކެއް ތިނަދޫގެ އިތުރުން މާލޭގައި ވެސް މިމުއްދަތުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

އެވިޑުން މައުލޫމާތުދޭ ގޮތުގައި ތިނަދޫގައި މިހަރަކާތްތައް ކުރިއަށް ގެންދާ ސަބަބަކީ މާލެ ފިޔަވާ އެންމެ ފުޅާ ދާއިރާއެއްގައި ކޮލެޖުގެ ކެމްޕަހެއް ހިންގާ އެއްރަށަކީ ތިނަދޫއަށް ވެފައި ތިނަދޫއާއި ހުވަދު އަތޮޅަށް ކޮލެޖުގެ ތައުލީމީ ހަރަކާތްތައް ފުޅާކުރުމަށެވެ. އަދި ތިނަދޫ ފަދަ ބޮޑެތި ރަށްރަށުގެ ތައުލީމީ މަސައްކަތްތަކަށް ހިތްވަރުދީ އެސަރަހައްދުތަކުގައި މަތީ ތައުލީމުގެ އިތުރު ފުރުސަތުތައް ގާއިމްކޮށް އެކަމަށް އެތަންތަނުގެ ރައްޔިތުން ޝައުގުވެރިކޮށް ހޭލުންތެރިކަން އިތުރުކުރުމަކީ އެވިޑުން މިހާރު ކުރިއަށް ގެންދާ ކެމްޕޭނަކަށް ވާތީ ކަމަށް އެވިޑުން ބުނެ އެވެ.

ހުވަދު އަތޮޅަށް އެވިޑުން ކުރަން ނިންމާފައިވާ މިދަތުރުގައި ކޮލެޖުގެ އެންމެ ސީނިއަރ މުވައްޒަފުން ހިމެނޭގޮތުން މާލޭ ކެމްޕަހުގެ 34 އަށްވުރެގިނަ މުވައްޒަފުން ބައިވެރިވާނެ ކަމަށާއި މިދަތުރު ފަށާނީ މިމަހުގެ 24 ވަނަ ދުވަހު ކަމަށް އެކޮލެޖުން ބުނެ އެވެ.

ހުވަދޫ އަތޮޅަށް އެވިޑުން ކުރަން ހަމަޖެހިފައިވާ މިދަތުރުގައި ތިނަދޫގެ އިތުރުން ގދ. ގައްދޫ، ފަރެސްމާތޮޑާ، ފިޔޯރީ އަދި ރަތަފަންދޫއަށް އެވިޑް ކޮލެޖުގެ ސީނިއަރ މެނޭޖުމަންޓްގެ ޓީމުން 28 ވަނަ ދުވަހު ދަތުރުކޮށް އެރަށްރަށުގައި ވެސް ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވެ އެވެ.

އެވިޑުން ތިނަދޫގައި ހިންގާ ހާއްސަ ހަރަކާތްތަކަށް ބަލާއިރު އެވިޑްގެ ތިނަދޫ ކެމްޕަސް ކުރިމަތީގައި (ތިނަދޫ ރަސްމީ ބޯޅަ ދަނޑުގައި) ކުޑަކުދީންނާއި ބެލެނިވެރީންގެ ހާއްސަ ހަރަކާތްތަކާއި ކޮލެޖުގެ ޕްރޮގުރާމްތައް ޕުރޮމޯޓްކުރުމުގެ ހަރަކާތްތަކާއި ޒުވާނުންނާއި ބެލެނިވެރީންނަށް ބޭއްވޭ ހާއްސަ ސެޝަންތައް އޮންނާނެ ކަމަށް އެކޮލެޖުން މައުލޫމާތުދެ އެވެ.

މީގެ އިތުރުން އާންމުކޮށް ހުޅުވައިގެން ބޭއްވޭ ދިވެހިބަހުގެ ހާއްސަ އިލްމީ ސެޝަނަކާއި ސްޓްރެޓެޖިކް ޕްލޭނިންގެ ހުނަރުތައް ދަސްކޮށްދިނުމުގެ މައުލޫމާތު ސެޝަނެއްވެސް ކުރިއަށް ދާނެ އެވެ. އަދި ކޮލެޖުގެ ހުރިހާ މުވައްޒަފުން ހިމެނޭގޮތުން ގދ.ހައޮޑިގަލާއަށް ޕިކްނިކް ދަތުރެއްކުރުމަށް ވަނީ ރޭވިފައިކަމަށާއި އެދަވަހަކީ ބައިނަލްއަގްވާމީ ޓޫރިޒަމް ދުވަސް ކަމަށްވުމާއެކު މިޕިކްނިކްގެ ތެރޭގައި އެދުވަސް ފާހަގަކުރުމަށްޓަކައި ހާއްސަ ހަރަކާތެއް ހިންގުމާ އެވިޑް ކޮލެޖުން އަލަށް ފެށުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލިޓީ ޕްރޮގުރާމް އިފްތިތާހްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މިމުނާސަބާގެ އެންމެހާއްސަ ހަރަކާތް ކަމަށްވާ އަހަރީ ޖަލްސާ އޮންނާނީ މިމަހުގެ 26 ވަނަ ދުވަހުގެރޭ އެވިޑް ކޮލެޖް ތިނަދޫ ކެމްޕަސް ކުރިމަތީގަ އެވެ. މިޖަލްސާގައި ހިންގުމަށް ހަމަޖެހިފައިވާ އެންމެ ހާއްސަ ކަމަކީ ތިނަދޫގައި މީހުން އަލަށް އާބާދުވީ އަހަރުން ފެށިގެން ގުނިގެންދިޔަ 16 އަހަރު ދުވަހުގެތެރޭ ތިނަދޫގައި ތައުލީމް އުގަންނައިދީ މީހުންނަށް ތަންދޮރު އޮޅުންފިލުވުމުގައި ފާހަގަކުރެވޭ މިންވަރަށް މަސައްކަތްކޮށްގެން މިވަގުތު ދުނިޔޭގައި ތިބި އަދި ދުނިޔެ ދޫކުރައްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް އެފަރާތްތަކަށް ވަކިވަކީން ހިދުމަތުގެ ހާއްސަ ޝަރަފް އަރުވަން ހަމަޖެހިފައިވެ އެވެ. އަދި މިގޮތުން 60 އަށްވުރެގިނަ ފަރާތަކަށް މި ޝަރަފް އެރުވޭނެ އެވެ.

އެވިޑުން ބުނީ މިޖަލްސާއަށް ތިނަދޫގެ ހުރިހާ ގޭބިސީތަކަށް ދައުވަތު އެރުވޭނެ ކަމަށާއި މިޕްރޮގުރާމްތަކުގެ ތެރޭ ހިމެނޭ މައިގަނޑު ހަރަކާތްތައް ލައިވްސްޓްރީމް ކުރާގޮތަށް ވެސް ވަނީ ހަމަޖެހިފައި ކަމަށެވެ.

އެވިޑުން ވަނީ މިހަރަކާތްތަކަށް ތައްޔާރުވުމަށް ގދ. ތިނަދޫ ކައުންސިލާއި، ގދ. އަތޮޅު ކައުންސިލާއި، އެހެނިހެން ރަށްރަށު ކައުންސިލްތަކާއި ތިނަދޫގެ ގިނަ މުއައްސަސާތަކާއި، ޖަމިއްޔާ ޖަމާއަތްތަކާއި، އާންމު ރައްޔިތުންގެ ގިނަގުނަ އެހީތައް ލިބެމުންދާކަމަށް މައުލޫމާތު ދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355