ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާބެހޭ ބިލުގައި ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު، ބައެއް ހާލަތްތަކުގައި ހާމަކުރަން ޖެހޭ ގޮތަށް އޮތުމުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމްއެމްސީ އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ނޫސްވެރިކަން ކުރުމާއި މުއާސަލާތީ ވަސީލަތްތައް ބޭނުން ކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ވެސް ލިބިދީފައިވާ ކަމަށާއި މީގެ ތެރޭގައި ހަބަރާއި، މައުލޫމާތާއި، ފެންނަ ގޮތްތަކާއި، ހިޔާލު ފާޅު ކުރުމާއި، ޝާއިއު ކުރުމާއި ފެތުރުމުގެ މިނިވަންކަން ހިމެނޭ ކަމަށެވެ.
މި ގޮތުން ޝާއިއުކުރާ، ނުވަތަ ފަތުރާ، ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރު ކޮށްގެން ނުވާނެ ކަމުގައި ވެސް އެ މާއްދާގައި ބަޔާން ކޮށްފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާބެހޭ ބިލުގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤަށް އުނިކަން ލިބޭނެފަދަ މާއްދާއެއް ހިމަނާފައިވާތީ، މޯލްޑިވްސް މީޑިއާ ކައުންސިލުން ނެރޭ ނޫސްބަޔާން pic.twitter.com/x0IlmcQxWV
— Maldives Media Council (@mmc_mv) September 22, 2021
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ބަހުސް މަރުލާގައި މިހާރު އޮތް ހެއްކާއިބެހޭ ބިލްގެ 136 ވަނަ މާއްދާގެ (ށ)ގައި ނޫސްވެރިޔާގެ މަސްދަރު ޝަރީއަތަށް ހާމަކުރުމަށް ފަނޑިޔާރުންނަށް މަޖުބޫރު ކުރެވިދާނެ ދެ ހާލަތެއް އިސްތިސްނާ ހާލަތުގެ ގޮތުގައި ހިމަނާފައިވާ ކަަމަށެވެ.
"މޯލްޑިވްސް މީޑިއާ ކައުންސިލުން ދެކޭ ގޮތުގައި މި މާއްދާ މިގޮތަށް އޮވެ ބިލު ފާސްވެއްޖެނަމަ ގާނޫނު އަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ހައްގު ނިގުޅައިގަނެވި މަސްދަރު ހާމަކުރުމަށް މި މާއްދާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ އެވެ. މިއީ މި ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެކެވެ،"
އަދި މިގޮތަށް ގާނޫނެއް ފާސްވުމަކީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ހޯއްދަމުންދާ ކުރިއެރުންތައް ހުއްޓިދާނެ އަދި އެކަން މުޅި ދުނިޔޭގެ ސަމާލު ކަމަށް އައިސް ބައިނަލްއަގްވާމީ އެތައް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށްވެސް އެމްއެމްސީން ބުންޏެވެ. އެހެން ކަމުން އެ މާއްދާ އުނިކުރަން ވަނީ އެދިފައެވެ.
އެމްއެމްސީން ބުނީ މިކަމާއި ގުޅިގެން މަޖިލީހުގެ ކަމާގުޅޭ ކޮމެޓީއާ ބަދަލުކޮށް އިސްލާހު ކުރަން ކުރަން ޖެހޭ މަސައްކަތް ކުރާނެ ކަމަށެވެ.
ހެއްކާބެހޭ ބިލުގައި ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު، ބައެއް ހާލަތްތަކުގައި ހާމަކުރަން ޖެހޭ ގޮތަށް އޮތުމުން އެކަން އާންމުންގެ ސަމާލު ކަމަށް ގެނެސް އެކަމާއި ފުރަަތަމަ ކަންބޮޑުވުން ފާޅުކުރެއްވީ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމެވެ.