ދުނިޔެ ބަލައިގަންނަފަދަ ކޮވިޑް-19 ވެކްސިންގެ ޑިޖިޓަލް ވެކްސިން ޕާސްޕޯޓު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ތައާރަފްކޮށްފިއެވެ.
"ކޮވިޑް ސޭފް ޑިޖިޓަލް ޕާސްޕޯޓު"ގެ ނަމުގައި އެޗްޕީއޭ ޑިޖިޓަލް ކޮވިޑް ވެކްސިން ޕާސްޕޯޓް ތައާރަފްކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ޑިޖިޓަލް ވެކްސިން ޕާސްޕޯޓަކީ ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭ ފެންވަރަށް ހަދާފައިވާ ޕާސްޕޯޓެއްކަމަށް އެޗްޕީއޭއީން ބުންޏެވެ.
Introducing the official COVID-19 digital vaccine passport of Maldives.
— Health Protection Agency (@HPA_MV) September 23, 2021
Check your vaccination dosage and COVID-19 health status via:https://t.co/epWygKUiin pic.twitter.com/y9EkNwWQFU
އެޗްޕީއޭން ބުނީ ރާއްޖޭގެ ކޮވިޑްސޭފް ޕޯޓަލް އަކީ މިނިސްޓްރީ އޮފް ހެލްތުގެ ރަސްމީ ކޮވިޑް-19 ޑިޖިޓަލް ވެކްސިން ޕާސްޕޯޓްކަމުގައެވެ. ކޮވިޑްސޭފް އިން 4 ހާލަތެއް ޑިޖިޓަލް ކޮށް ކަށަވަރު ކޮށްދެއެވެ. އެއީ އެމީހަކު ފުރިހަމަކޮށްފައިވާ ވެކްސިން ޑޯޒާއި އެމީހެއްގެ ކޮވިޑް-19ގެ ސިއްހީ ހާލަތާއި ކަރަންޓީނުގެ ހާލަތު އަދި އެންމެފަހުން އެމީހަކު ހަދާފައިވާ ޕީސީއާރު ޓެސްޓްތަކުގެ ނަތީޖާއެވެ.
މި ޕާސްޕޯޓް ލިބޭނީ އެޗްޕީއޭގެ ވެބްސައިޓުންނެވެ.
ވެެކްސިން ޕާސްޕޯޓުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި އެހެން ގައުމުތަކުން ލިޔުން ދޫކުރި ފަރާތާއި ސޮއިކޮށްފައިވާ ފަރާތް ވެރިފައިކުރާނެކަމަށް އެޗްޕީއޭއިން ބުންޏެވެ.
ޑިޖިޓަލް ވެކްސިން ޕާސްޕޯޓު ބޭނުންކުރެވޭނީ ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައާއި ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ އިތުރުން އާންމު ތަންތަނުގައި އުޅޭއިރު ވެކްސިން ފުރިހަމަކޮށްފައިވާކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ގޮތުގައެވެ.
އެއާއެކު މި ޕާސްޕޯޓުގެ ސަބަބުން ބޭރު ގައުމުތަކަށް އެތެރެވެ އެ ގައުމުތަކުން ހިދުމަތް ހޯދުމަށް ވެސް ފަސޭހަވެގެންދާނެކަމަށް އެޗްޕީއޭއިން ބުންޏެވެ.
ދުނިޔެ ބަލައިގަންނަ ވެކްސިން ޕާސްޕޯޓެއް ނެރޭނެކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ މިދިޔަ އޮގަސްޓްމަހުގެ 21ވަނަ ދުވަހެވެ.