twitterviber whatsapp telegramfacebookyoutube instagram
20th April 2024

ފޭދޫ ކައުންސިލުން އެ ރަށަށް ބޭނުންވާ ކަންކަން ނައިބު ރައީސާ ހިއްސާކުރައްވައިފި

ނަބީލާ އިސްމާޢީލް
Sep 27, 2021

ށ. ފޭދޫ ކައުސިލުން ރައިސުލްޖުމްހުރިއްޔާގެ ނައިބު ފައިސަލް ނަސީމާއި ބައްދަލުކުރައްވާ އެރަށުގެ ތަރައްޤީއަށް އެންމެ މުހިންމުކޮށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

އިއްޔެ މެންދުރު ފަހު ރައިސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ފޭދޫ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ކައުންސިލު އިދާރާގެ އިދާރީ މުވައްޒަފުންގެ ދަތިކަމާއި، ބަނދަރަށް ގެންނަން ބޭނުންވާ ބަދަލުތަކާއި، ސްކޫލުގެ ޖާގައިގެ ދަތިކަމުގެ މައްސަލަ އާއި ރަށުގެ ޒުވާނުންނަށް ފުޓްބޯޅަ ދަނޑެއްގެ މުހިންމުކަމާއި، ފެރީގެ ނިޒާމުގެ ހިދުމަތް ރަނގަޅުކުރުމަށް ބޭނުންވާކަންކަމާއި އަދި ރަށްގިރުމުގެ މައްސަލައިގެ އިތުރުން ފުލުހުންގެ ހިދުމަތްފަދަ ރަށަށް ބޭނުންވާ މުހިންމު ހިދުމަތްތަކާއި ރަށުގެ އިޖްތިމާއީ އަދި އުމްރާނީ ތަރައްޤީއަށް މުހިންމު ކަންތައްތައް ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލުތަކަށް ލިބިދީފައިވާ ބާރާއި އިހްތިޔާރުގެ ދަށުން ކަންކަން ނިންމުމުގައި އިތުރު ފަސޭހަތަކެއް ލިބިދީފައިވާކަން ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވަނީ ރަށުގައި މިހާރުވެސް ހުރި ވަސީލަތްތައް އެންމެ ފުރިހަމަގޮތުގައި ބޭނުންކުރުމަށް މަސައްކަތްކުރުމަށާއި އަދި ރަށުގައި ހުންނަ ކްލަބް ޖަމުއިއްޔާތައްފަދަ ފަރާތްތަކާ ގުޅިގެން އާންމު ހޭލުންތެރިކަމަށާއި މުޅި މުޖުތަމައުގެ ދުޅަހެޔޮކަމަށް ޕްރޮގްރާމްތައް ހިންގައި މައުލޫމާތު ދިނުން ފަދަ ހަރަކާތްތައް އިތުރުކުރެއްވުމަށް ކައުންސިލަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ރަށުގެ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަން ހައްލުކުރުމުގައި ސަރުކާރުގެ ކަމާގުޅޭ އިދާތަކާ ގުޅިގެން މަސައްކަތް ކޮށްދެއްވާނެކަމަށާއި އަދި މަޝްރޫއުތަކުގެ މަސައްކަތްކުރިޔަށްދާ ސްޕީޑް އަވަސްކުރުމަށް ކުރެވެންހުރި ކަންކަން ސަރުކާރުން ކޮށްދެއްވާނެކަމުގެ ޔަޤީންކަން ކައުންސިލަރުންނަށް ދެއްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355